ލ.އަތޮޅު ކައުންސިލު އިދާރާ ހުޅުވާ ހިދުމަތް ދޭން ފެށުމަށް ކޯޓުން އަމުރުކޮށްފި

ސަރުކާރުން އެއްބާރުލުން ނުދޭތީ ލ.އަތޮޅު ކައުންސިލު މެންބަރުންގެ ގަރާރަކުން މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައިވާ އެއަތޮޅު ކައުންސިލު އިދާރާ މާދަމާއިން ފެށިގެން ހުޅުވާ ރައްޔިތުންނަށް ހިދުމަތްދޭން ފެށުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފޮނަދޫ ކޯޓުން އެގޮތަށް ހުކުމް އިއްވާފައިވަނީ ލ.އަތޮޅުގައި ވިޔަފާރި ކުރާ މީހެއް ކަމަށްވާ ލ.ފޮނަދޫ، މަހަލު މުހައްމަދު ރަޝީދު ފޮނަދޫ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅި ދައުވާއާއި ގުޅިގެންނެވެ.
ފޮނަދޫ ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ ކައުންސިލު އިދާރާ ބަންދު ކުރުމަށް ލ.އަތޮޅު ކައުންސިލު މެންބަރުން ފާސްކޮށްފައިވާ ގަރާރަކީ ގާނޫނީ ގޮތުން ކައުންސިލުގެ މެންބަރުންނަށް ލިބިފައިވާ ބާރާއި އިހުތިޔާރުގެ ބޭރުން ނެރެފައިވާ ގަރާރެއް ކަމަށެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން މުހައްމަދު ރަޝީދު ވިދާޅުވީ އެމައްސަލަ ކޯޓަށް ހުށަހެޅުއްވީ ކައުންސިލު އިދާރާ ބަންދުކޮށްފައި ހުރުމުގެ ސަބަބުން މިމަހުގެ ހުށަހަޅަން ޖެހޭ ޖީއެސްޓީއާއި މިއަހަރުގެ ބީޕީޓީގެ ފުރަތަމަ އިންޓެރިމު ޕޭމަންޓު ނުދެއްކި މައްސަލަތަކެއް ދިމާވެދާނެތީ ކަމަށެވެ.
ލ.އަތޮޅު ކައުންސިލު އިދާރާ ބަންދު ކުރަން ފާސްކޮށްފައިވަނީ އެކައުންސިލު ހިންގުމަށް ސަރުކާރުން އެކަށީގެންވާ އެއްބާރުލުން ނުލިބޭތީ، އިހުތިޖާޖު ކުރުމުގެ ގޮތުން މިމަހުގެ ތިން ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ