އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު ޑިފެންސް މިނިސްޓަރުކަން ހުށަހެޅި ކަމަށް ކުރީގެ ޕީޕީއެމްގެ ނާއިބު ލީޑަރު އަދި ޖުމްހޫރީ ގުޅުމުގެ ގައުމީ ސަލާމަތާބެހޭ ކޮމެޓީގެ ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ގުޅުމުން މިއަދު އެކޯލިޝަންގެ މައިޖަގަހަ މ.ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަމުން އުމަރު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު މިނިސްޓަރު ކަމަށް އައްޔަން ކުރުމުގެ ކުރިން އުމަރު ނަސީރުއަށް ޑިފެންސް މިނިސްޓަރުކަން ހުށަހެޅި ކަމަށާއި އެހުށަހެޅުން ލިބިފައިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްމަރު މާރިޔާ އަހުމަދު ދީދީގެ ފަރާތުން ކަމަށެވެ. އަދި އެކަން ބަލައިނުގަތީ އޭރުގެ އިދިކޮޅު ހަރަކާތްތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އޭނާ ކަމަށާއި އެމްޑީޕީގެ އެހުށަހެޅުމުގެ މައިގަނޑު ބޭނުމަކަށްވީ އިދިކޮޅު ފަރާތްތަކުގެ ހަރާތްތައް ފަނޑުކޮށްލުން ކަމަށެވެ.
"ރައީސް ނަޝީދުގެ ސަރުކާރުން އަޅުގަނޑަށް ޑިފެންސް މިނިސްޓަރުކަން ހުށަހެޅި. އެކަމަކު އެއީ އިދިކޮޅު ހަރަކާތްތައް ފަނޑުކޮށްލުމުގެ ބޭނުމުގެ ހުށަހެޅި ހުށަހެޅުމެއްކަމަށް ބެލެވެނީ،" އުމަރު ވިދާޅުވިއެވެ. މީގެ އިތުރުން އުމަރު ވިދާޅުވީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުންވެސް މިނިސްޓަރުކަން ހުށަހެޅިކަމަށާއި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުންވެސް ބޭނުން މިނިސްޓްރީއެއް ލިބޭގޮތަށް އޮތްކަމަށެވެ.
މިހާރު ސޯސަލް މީޑިއާގައި ލީކުކޮށްލައިގެން އުޅޭ އެގްރިމެންޓާ ގުޅިގެން އުމަރު ވިދާޅުވީ އެއީ "ފޭކް" އެގްރީމަންޓެއް ކަމަށާއި ރައީސް ނަޝީދުގެ ސަރުކާރު ބަދަލުކުރުމަށް އެފަދަ އެއްވެސް އެއްބަސްވުމެއްހަދައި ސޮއިކޮށްފައި ނުވާނެކަމަށެވެ. އަދި އެފަދަ އެގްރީމަންޓެއް ހަދައި ސޮއިކުރަން ތިއްބެވި ޖެހިލުން ކުޑަ ލީޑަރުން ތިއްބެވީވެސް ހަމައެކަނި ޖުމްހޫރީ ގުޅުމުގެ ތެރޭގައި ކަމަށެވެ. އިތުރަށް އުމަރު ވިދާޅުވީ އެ ލީކުކޮށްފައިވާ އެގްރީމަންޓުގައިވާ އޭނާގެ ސޮއިކަމަށް ބުނާ ސޮއިއަކީ އޭނާގެ ސޮއި ކަމަށާއި ނަމަވެސް އެއީ އޭނާގެ އަސްލު ސޮއި ސްކޭންކޮށްގެން ހަދާފައިވާ އަސްލެއްނެތް އެގްރީމަންޓެއް ކަމަށެވެ.
"އަޅުގަނޑުގެ ސޮއި އެ އެއްބަސްވުމުގައިވަނީ، އެކަމަކު އެއީ އަޅުގަނޑުގެ އަސްލު ސޮއި ސްކޭންކޮށްގެން ހަދާފައިވާ ފޭކް އެގްރީމަންޓެއް،" ވަރަށް ފަހުރުވެރިކަމާއެކު ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލީ އޭނާ އިސްކޮށް ހުންނަވައިގެން ކަމަށް ވިދާޅުވަމުން އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ވޯޓިން ލިސްޓްގައި މައްސަލަތައް އުޅޭކަމަށާއި މިއަދުވެސް އެފަދަކަމެއް އިލެކްޝަންސް ކޮމިޝަންނަށް ހުށަހަޅާފައިވާނެ ކަމަށެވެ. އެއީ މިއަދު ހޯރަފުށިން ލިބިފައިވާ މައްސަލަތަކެއް ކަމަށާއި އެރަށަށް ވޯޓުލެވޭ ބައެއް ފަރާތްތައް އެހެން ރަށްރަށުގެ ވޯޓު ފޮއްޓަށް ވޯޓުލުމަށް ރެޖިސްޓްރީ ކޮށްފައިވާ މައްސަލަތަކެއް ކަމަށެވެ. އެއީ ވޯޓު އޮޅުވާލުމަށް ކޮންމެވެސް ބަޔަކު ކުރާ ކަމެއް ކަމަށާއި ހުރިހާ ރައްޔިތުންވެސް އެސްއެމްއެސް ކޮށްގެން ވޯޓު ލާންޖެހޭ ތަން ބެއްލެވުމަށް އުމަރު އެދިވަޑައިގެންނެވިއެވެ. އަދި ދެލި ފޮހެވޭ ގަލަމެއް ބަޔަކު ގެންގުޅޭ ކަމަށާއި އެހެންކަމުން ވޯޓު ލުމަށްޓަކައި ކޮންމެ ބޭފުޅަކުވެސް އަމިއްލަ ގަލަމެއް ގެންދިއުމަށްވެސް އުމަރު އެދިވަޑައިގެންނެވިއެވެ.
ރައީސް ނަޝީދުގެ ސަރުކާރުން ޑިފެންސް މިނިސްޓަރުކަން ހުށަހެޅި: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ