ނޮޅިވަރަމާއި ނައިފަރު ދާއިރާގެ އިންތިހާބު ވެސް ބާތިލްކުރަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާއާއި ނައިފަރު ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް ވެސް ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ހައިކޯޓުގެ އޮފިޝަލަކު ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނޮޅިވަރަމާއި، ނައިފަރު ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް މިއަދުގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ.
ނޮޅިވަރަމް ދާއިރާގެ އިންތިހާބު ބާތިލްކުރަން ހުށަހެޅީ އެ ދާއިރާގެ އިންތިހާބުގައި ވާދަކުރައްވާ ނާކާމިޔާބުވި އެމްޑީޕީގެ އަލީ އާރިފް އެވެ. ނައިފަރު ދާއިރާގެ އިންތިހާބު ބާތިލްކުރަން ހުށަހެޅީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރައްވާ ނާކާމިޔާބުވި އަހްމަދު މުހައްމަދުގެ ފަރާތުން ކަމަށް ވެސް އެނގިފައިވެ އެވެ.
ނޮޅިވަރަމް ދާއިރާގެ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވާފައިވާއިރު، އެމްޑީޕީގެ ކެންޑިޑޭޓް އަލީ އާރިފަށް ނާކާމިޔާބުވީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ހުސައިން އަރީފްއާ ވާދަކުރައްވައިގެން 22 ވޯޓުގެ ތަފާތުންނެވެ. ހުސައިން އަރީފަށް 655 ވޯޓް ލިބިވަޑައިގެންފައިވާއިރު އަލީ އާރިފަށް ލިބިވަޑައިގެންނެވީ 633 ވޯޓެވެ.
ނައިފަރު ދާއިރާގެ އިންތިހާބުގައި ހަތަރު ކެންޑިޑޭޓުން ވާދަކުރައްވާފައިވާއިރު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަހްމަދު މުހައްމަދަށް ނާކާމިޔާބުވީ އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމްއާ ގުޅިވަޑައިގެންފައިވާ އަހްމަދު ޝިޔާމްއާ ވާދަކުރައްވައިގެން 96 ވޯޓުގެ ތަފާތުންނެވެ. ޝިޔާމަށް 1017 ވޯޓް ލިބިވަޑައިގެންފައިވާއިރު އަހްމަދު މުހައްމަދަށް ލިބިވަޑައިގެންނެވީ 921 ވޯޓެވެ.
މީގެ ކުރިން ހަތަރު ދާއިރާއެއްގެ އިންތިހާބު ބާތިލްކުރުމަށް ވެސް ހައިކޯޓަށް ވަނީ ހުށަހަޅާފަ އެވެ. އެއީ ހިތަދޫ މެދު ދާއިރާއާއި. ފުނަދޫ ދާއިރާއާއި، ތިމަރަފުށި ދާއިރާއާއި އަދި ކުރެންދޫ ދާއިރާ އެވެ.
ތިމަރަފުއްޓާއި ކުރެންދޫ ދާއިރާގެ އިންތިހާބު ބާތިލްކުރަން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މާދަމާ ފެށުމަށް ހައިކޯޓުގައި މިހާރު ވަނީ ތާވަލްކޮށްފަ އެވެ. އަދި ފުނަދޫ ދާއިރާގެ އަޑުއެހުންތައް މިއަދު ނިންމާލާފައިވާއިރު، ހިތަދޫ މެދު ދާއިރާގެ އަޑުއެހުމެއް ވެސް މިއަދު ހައިކޯޓުގައި ވަނީ ބާއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ