ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ކެޕޭސިޓީ އިތުރުކުރާނަން - ސްޓެލްކޯ

ކަރަންޓު ބޭނުންކުރަމުންދާ މިންވަރު އިތުރުވަމުންދަތީ ސްޓެލްކޯއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ކަރަންޓުގެ ކެޕޭސޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ހަމައެކަނި މާލޭގައިވެސް ކޮންމެ 8 އަހަރާއި 10 އަހަރާއި ދެމެދު މާލޭގެ ކަރަންޓް ކެޕޭސިޓީ ދެގުނަ އިތުރުކުރަން ޖެހޭކަމަށެވެ. މިހާރު މާލޭގެ ކެޕޭސިޓީއަކީ 87 މެގަ ވޯޓެވެ. އަދި މިއަހަރުގެ ނިޔަލަށް އިތުރު 60 މެގަވޯޓް އިތުރުކުރާނެކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
ކަރަންޓް ކެޕޭސިޓީ އިތުރުކުރުމަށް ސްޓެލްކޯއިން ކުރިއަށްގެންދާ މަޝްރޫޢަކީ ޚަރަދު ބޮޑު މަޝްރޫޢެއް ކަމަށާއި، މިކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ. މާލޭ ކަރަންޓްގެ ނިޒާމް ހަރުދަނާ ކުރުމަށް ފިފްތް ޕަވަރ ޕްރޮޖެކްޓްގެ ނަމުގައި ބިޔަ މަޝްރޫއެއް ސްޓެލްކޯއިން ގެންދަނީ ހިންގަމުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިޢުލާންކުރައްވާފައިވާ ވިލިމާލެ 2 މަޝްރޫޢަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް 200 މެގަ ވޯޓްގެ ޕަވަރ ޕްރޮޖެކްޓެއް ސްޓެލްކޯއިން ވަނީ ފަށާފައެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ކަރަންޓް ކެޕޭސިޓީ އިތުރުކުރުމުގެ ޕްރޮޖެކްޓްތައް ކުރިއަށްދާކަމަށް ސްޓެލްކޯއިން ބުނެއެވެ. އެގޮތުން ރަށްރަށުގައި ހުންނަ އިންޖީންގެތައް މީހުން ދިރިއުޅޭ ގެތަކާ ކައިރީގައި ހުރުމުގެ ސަބަބުން އަޑުގަދަވުމާއި ދުންއެރުމުގެ ޝަކުވާ ސްޓެލްކޯއަށް ލިބެމުންދާތީ އެތަންތަން މީހުން ނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ. ސްޓެލްކޯގެ ޑިރެކްޓަރ އަޙްމަދު ސައިފް ވިދާޅުވީ މިމަޝްރޫޢުގެ ދަށުން ބައެއް ރަށްރަށުގެ އިންޖީނުގެތައް ޑިޒައިން ކުރުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ.
މީގެ އިތުރުން އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ވ. ރަކީދޫގައި ކާމިޔާބު ޕްރޮޖެކްޓެއް ހިންގާފައިވާކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ. އެގޮތުން މިހާރު ރަކީދޫގައި ދުވާލުގެ 8 ގަޑިއިރު ކަރަންޓު ބޭނުންކުރަނީ އިރުގެ އަލިން ހަކަތަ އުފައްދައިގެންނެވެ. މިފަދަ އިތުރު ޕްރޮޖެކްޓްތައް އދ. ދިއްދޫގައިވެސް ކުރިއަށް ގެންގޮސްފައިވާއިރު، މާލެ އަތޮޅު 6 ރަށެއްގައިވެސް ވަނީ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫޢުތައް ކުރިއަށްގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ