ދިވެހިރާޢްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާ ފަނޑިޔާރުންގެ ތެރެއިން 4 ފަނޑިޔާރަކު ކުރިމަތިލައްވައިފިއެވެ.ދާދި ފަހުން ރައްޔިތުންގެ މަޖްލީހުން ވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އިން 7 އަށް އިތުރުކުރަމަށް ކޯޓުތަކުގެ ޤާނޫނު އިސްލާހުކޮށްފައެވެ. ޖުޑިޝިއަލް ސާވިސް ކޮމިޝަނުން އެ ދެ މަޤާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލުމުން ހައި ކޯޓުގެ 4 ފަނޑިޔާރުން ވަނީ އެ މަޤާމަށް ނަން ހުށަހަޅުއްވާފައެވެ. މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ 2 ނަންވެސް ހުށަހަޅުއްވާ ޖޭއެސްސީގެ ލަފާއަކަށް އެދި ވަޑައިގެންފައެވެ. އެމަނިކުފާނު ހުށަހެޅުއްވި ދެ ނަމަކީ ޑރ.އަޒްމިރަލްދާ ޒާހިރް އަދި އާއިޝަތު ޝުޖޫންއެވެ. ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.ފަނޑިޔާރު ސަމީރު 2011 ވަނަ އަހަރު ހައި ކޯޓަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމުގަ އެވެ. ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ފަނޑިޔާރު ސަމީރު ވަނީ ހައި ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރެއްގެ ގޮތުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ހުންނަވައިފަ އެވެ.ފަނޑިޔާރު ހަމީދަކީ ހައި ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުގެ ބެންޗުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރެވެ. މަދަނީ ކޯޓުގެ ގާޒީކަން ކުރެއްވުމަށް ފަހު އޭނާ ހައި ކޯޓަށް އައްޔަންކުރީ 2007 ވަނަ އަހަރު އެވެ. އޭނާ ވަނީ ހައި ކޯޓުން ޖޭއެސްސީ އަށް ކަނޑައަޅާ މެމްބަރު ކަން ވެސް ކުރިން ކުރައްވައިފަ އެވެ.ފަނޑިޔާރު ޝުއައިބު 2011 ގައި ހައި ކޯޓަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ޖުވެނައިލް ކޯޓުގެ އިސްގާޒީގެ މަގާމުގަ އެވެ. އޭގެ ކުރިން އާއިލާއާ ބެހޭ ކޯޓުގެ ގާޒީ ކަމާއި މަދަނީ ކޯޓުގެ ގާޒީކަން ވެސް ކުރެއްވި އެވެ.މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާ ހަމައަށް ފަނޑިޔާރު ނިޔާޒު ހުންނެވީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ޝަރުތަކީ ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލް ކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖްރިބާ ލިބިފައި ވުމެވެ. ސުޕްރީމް ކޯޓަށް މިހާތަނަށް ގިނައިން އައްޔަންކުރީ ހައި ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވި ބޭފުޅުންނެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ހައިކޯޓުގެ 4 ފަނޑިޔާރަކު ސުޕްރީމް ކޯޓަށް ކުރިމަތި ލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ