އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގައި އެންމެ ކާމިޔާބު ސްކޫލްތަކަށް ޖާމާލުއްދީނާއި އަމީނިއްޔާ

އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ސްކޫލްތަކަށް ޖާމާލުއްދީން ސްކޫލާއި އަމީނިއްޔާ ސްކޫލް ހޮވިއްޖެ އެވެ. މިމަހު 2 ން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖާމާލުއްދީން ސްކޫލާއި އަމީނިއްޔާ ވަނީ ދެ ޢުމުރު ފުރައިން ފައިނަލްގައި ކުޅެ އެއް ޢުމުރު ފުރައިން ޗެމްޕިއަންކަން ހޯދައިފަ އެވެ. އެގޮތުން އިއްޔެ ކުޅުނު 14 އަހަރުން ދަށުގެ ފައިނަލްގައި ޖާމާލުއްދީން ސްކޫލް ވަނީ 47-39 ޕޮއިންޓްގެ ނަތީޖާއަކުން އަމީނިއްޔާ ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ. ޖަމާލުއްދީން ސްކޫލް ކުޅުނު ދެ ވަނަ ފައިނަލް މެޗުން ބަލިވީ 12 އަހަރުން ދަށުގެ ފައިނަލްގައި އިސްކަންދަރު ސްކޫލް އަތުންނެވެ. އަމީނިއްޔާ ސްކޫލް ޗެމްޕިއަންކަން ހޯދީ 16 އަހަރުން ދަށުގެ ފަނަލްގައި ޣިޔާސުއްދީން އިންޓާނޭޝަނަލް ބަލިކުރުމަށްފަހުގަ އެވެ. 19 އަހަރުން ދަށުގެ ޢުމުރު ފުރައިގެ ޗެމްޕިއަން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހޯދީ މެޕްސް ހައި އިންޓާނޭޝަނަލް ސްކުލް ބަލިކުރުމަށްފަހުގަ އެވެ. އެ މުބާރާތުގައި ކޮންމެ ޢުމުރު ފުރައަކުން ވެސް އެންމެ މޮޅު ހަތް ކުޅުންތެރިން ވަނީ ހޮވާފަ އެވެ. އަދި ކޮންމެ ޢުމުރު ފުރައަކުން ވެސް އެންމެ މޮޅު ކޯޗް ވަނީ ހޮވާފަ އެވެ. އެކި ވަނަ ތަކަށް އައި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިނަމު ދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ ހުރިހާ ޢުމުރު ފުރައކުން އެންމެ ގިނަ މޮޅު ކުޅުންތެރިންގެ އެވޯޑު ހޯދާފައި ވަނީ އަޙްމަދިއްޔާ އިންޓާނޭޝަނަލް ސްކޫލެވެ. އެސްކޫލުން ވަނީ ހަ ކުޅުންތެރިޔަކު އެކި ޢުމުރު ފުރާތަކުން މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފަ އެވެ. އިސްކަންދަރު ސްކޫލާއި ޖަމާލުއްދީން ސްކޫލް އަދި އަމީނިއްޔާ ސްކޫލުން ކޮންމެ ސްކޫލަކުން ވަނީ ފަސް ކުޅުންތެރިޔަކު އެކި ޢުމުރު ފުރާތަކުން މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފަ އެވެ. ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ކުޅުންތެރިންގެ ތެރެއިން އެކި ޢުމުރު ފުރާތަކުން ތިން ކުޅުންތެރިޔަކު ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. މެޕްސް ހައި އިންޓަނޭޝަނަލް ސްކުލުން ދެ ކުޅުންތެރިޔަކު ހޯދާފައިވާ އިރު ހިރިޔާ ސްކޫލްގެ އެއް ކޫލުންތެރިޔަކު ވަނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފަ އެވެ. ނެޓް ބޯޅަ މުބާރާތުގެ ތެރެއިން. --- ސަން ފޮޓޯ/ ފަޔާޒު މޫސާ އިއްޔެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު މުޙަމަދު މަލީހް ޖަމާލާއި ތައުލީމާއި ބެހޭ ވަޒިރު ޑރ. ޢައިޝަތު ޝިހާމް އާއި ރައީސްލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ބައިވެރިވެ ވަދައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ