އެމްޑީޕީން ދިވެހި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަން 2020 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި އަމާޒު ހިފާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ބަޖެޓަށް ބަހުސް ކުރެއްވުމުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އަހުމަދު ރަޝީދު ވިދާޅުވީ، 2020 ވަނަ އަހަރުގެ ބަޖެޓަކީ މި ސަރުކާރުން ވެރިކަމަށް އައިސް ހުށަހެޅު ފުރަތަމަ ބަޖެޓް ކަމަށާއި މި ބަޖެޓުގައި ރާއްޖޭގެ ހުރިހާ ރަށެއް ތަމްސީލު ކުރާ ގޮތަށް ވަނީ ބަޖެޓް އެކުލަވާލާފައި ކަމަށެވެ. އަދި އެކަމަށް އޭނާ ވަނީ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.
"2020 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް މިހާ ފުރިހަމަ ކޮށް، މުޅި ރާއްޖޭގެ ހުރިހާ ރައްތަކެއް ތަމްސީލުވާ ގޮތަށް، ވަކި ކުލައަކަށް ފިކުރަކަށް ނުބަލާ މި ސަރުކާރު މިކަން ކޮށްދެއްވީތީ ސަރުކާރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން" އަހުމަދު ރަޝީދު ވިދާޅުވިއެވެ.
އަހުމަދު ރަޝީދު ވިދާޅުވީ، މި ސަރުކާރުން ވެފައިވާ ވައުދުތަކުގެ ބޮޑު ބައެއް 2020 ވަނަ އަހަރުގެ އިތުރުން 2021 އާއި 2022 ވަނަ އަހަރުގެ ބަޖެޓްގައި ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންނަށް ވިދާޅުވެފައިވާ ކަމަށެވެ.
ހިތަދޫ މެދު ދާއިރާގެ ޒުވާނުންނަކީ ކުޅިވަރުގެ ރޫހު ބޮޑު ބައެއް ކަމަށާއި އެ ދާއިރާގެ ފުޓްބޯޅަ ދަނޑާއި ޒުވާނުންގެ މަރުކަޒާއި ފުޓްސަލް ދަނޑަކީ ޒުވާނުންނާއި ގުޅިފައިވާ ތަންތަން ކަމަށް ވިދާޅުވެ އަހުމަދު ރަޝީދު ވިދާޅުވީ، އެ ޒުވާނުންގެ އުއްމީދު ހާސިލްވުމުގެ ވަގުތު އައިސް ޖެހިފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ޑިސެމްބަރ މަހަށް ފުޓްސަލް ދަނޑު ނިންމައިދޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ޔަގީން ކަން ދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ ޒުވާނުންނަކީ ކުޅިވަރާއި ކުޅިވަރުގެ ރޫހު ބޮޑު ބައެއް. އަޅުގަނޑުމެންގެ ދާއިރާގެ ފުޓްބޯޅަ ދަނޑާއި ޒުވާނުންގެ މަރުކަޒާއި ފުޓްސަލް ދަނޑަކީ ޒުވާނުންނާއި ގުޅިފައިވާ ތަންތަން. އަޅުގަނޑަށް މިހާރު ޔަގީން ކުރެވޭ ގޮތުގައި ޒުވާނުންނަށް މިދެންނެވި އުއްމީދު ހާސިލް ވުމުގެ ވަގުތު މިއޮތީ ވަރަށް ކައިރި ވެފަ. މިއަހަރުގެ ޑިސެމްބަރު މަހު ފުޓްސަލް ދަނޑު ނިންމައިދޭނެ ކަމުގެ ޔަގީން ކަން މިނިސްޓަރ އޮފް ފިނޭންސުން ވަނީ ދެއްވާފައި" އަހުމަދު ރަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ހިތަދޫ ރަސްމީ ބޯޅަދަނޑުވެސް މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ކަމަށާއި ޒުވާނުންގެ މަރުކަޒުގެ ކަންކަން ކުރުމަށްވެސް ބަޖެޓުގައި ވަނީ ހިމަނާފައި ކަމަށް އަހުމަދު ރަޝީދު ވިދާޅުވިއެވެ. އަދި ނޫރާނީ ސްކޫލް އިތުރަށް ހަރުދަނާ ކުރުމަށްވެސް މި ބަޖެޓުގައި ހިމަނާފައިވާ ކަން އަހުމަދު ރަޝީދު ވަނީ ފާހަގަކޮށްފައެވެ.
ބަޖެޓުގެ މިސްރާބު އޮތީ ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދުމަށް - އަހުމަދު ރަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ