މަޖީދިއްޔާ ސްކޫލު ސަރަހައްދުގެ ވައި ތަޣައްޔަރު ނުވާ ކަމަށް އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވިދާޅުވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގައި ދިޔަ ބޮޑު އަލިފާނުގެ ހާދިސާއަށް ފަހު މަޖީދިއްޔާ ސްކޫލު ސަރަހައްދުގެ ވައި ތަޣައްޔަރުވެފައި ވޭތޯ ބެލުމަށް ހެދި ޓެސްޓުތަކުން އެއްވެސް މައްސަލައެއް ނެތް ކަމަށް ދައްކާފައިވާ ކަމަށް އީޕީއޭ އިން ވިދާޅުވެއެވެ.
އީޕީއޭ އިން ރޭ ކުރި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެ ސަރަހައްދު މޮނީޓާ ކޮށްފައިވާ ކަމަށާއި ހުރިހާ މާއްދާތައް ހުރީ ރަނގަޅު މިންވަރެއްގައި ކަމަށެވެ.
މި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ވިހަ ގޭސްތަކެއްގައި ޖައްވުގެ ތެރެއަށް ބޭރުވުމުގެ ސަބަބުން ޖައްވުގައި ސިއްހަތައް ގެއްލުންވާފަދަ ވިހަ މާއްދާތަކެއް ހުންނާނޭ ކަމަށް ބުނެ ބައެއް ބެލެނިވެރިން ވަނީ ޝަކުވާ ކޮށްފައެވެ.
މި ޝަކުވާތަކާއި ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިއްޔެ އެ ސްކޫލުގެ ކިޔެވުން ބަންދު ވެސް ކޮށްފަ އެވެ.
އީޕީއޭ ވަނީ މަޖީދިއްޔާ ސްކޫލް ހިމެނޭ ސަރަހައްދުގެ ޓެސްޓްތަކުގައި ތިން ވައްތަރެއްގެ ގޭހުގެ އަސަރު ހުރި މިންވަރު ބަލާފައެވެ. އެއީ ނައިޓްރޮޖެން ޑައިއޮކްސައިޑް އާއި (ޕާޓިކިއުލޭޓް މެޓާ) ޕީއެމް 2.5 އަދި ޕީއެމް 1. އެކެވެ. ނައިޓްރޮޖެން ޑައިއޮކްސައިޑް 0.056 އިންސައްތައިގައި ހުރި އިރު ޕީއެމް 2.5 ހުރީ 0.03 އިންސައްތައިގަ އެވެ. ޕީއެމް 10 ހުރީ 0.006 އިންސައްތައިގަ އެވެ.
ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގައި ހާދިސާގެ ސަބަބުން 500 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވެއެވެ. އަލިފާނުގެ ހާދިސާގައި އެކަކު ނިޔާވެ، ދުމުގެ އަސަރުކޮށްގެން ގިނަ ބަޔަކަށް ފަރުވާ ދޭން ޖެހުނެވެ.
މަޖީދިއްޔާ ސްކޫލް ހުރި ސަރަހައްދުގެ ވައި ތަޣައްޔަރުވެފައެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ