ގާސިމް ބޭރަށް ދިޔުމުގެ ހުއްދަ ދީފި، މިރޭ ފުރަނީ

އޭނާ ބޭހަށް ވަޑައިގަންނަވަނީ ސިންގަޕޫރަށް
10 ދުވަހުގެ މުއްދަތެއް ގާސިމްގެ ބޭހަށް ލިބޭނެ
ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހަދަން ލަފާދީފައިވޭ
ގާސިމް އިބްރާހިމް ބަލި ހާލުކޮޅުގައި މީގެކުރިން ކުރިމިނަލް ކޯޓަށް ހާޒިރުވަނީ - އަހުމަދު ޝުރާއު | އަވަސް
ޖަލު ހުކުމެއްގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ސިންގަޕޫރަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ކަރެކްޝަންސް ސާވިސް އިން މިރޭ ދީފި އެވެ.
އެ ސާވިސް އިން ބުނީ ގާސިމްގެ ހިތުގެ ބަލީގެ އިތުރު ޓެސްޓްތަކެއް ހެދުމަށް ޑޮކްޓަރުން ލަފާދީފައި ވާތީ، އެ ޓެސްޓްތައް ހެދުމަށް ގާސިމް މިރޭގެ ވަގުތެއްގައި ސިންގަޕޫރަށް ފުރާވަޑައިގަތުމުގެ ހުއްދަ މެޑިކަލް ބޯޑްގެ ލަފާގެ މަތިން މިހާރު ދީފައިވާ ކަމަށެވެ. އަދި އޭނާއަށް ދީފައި ވަނީ 10 ދުވަހުގެ މުއްދަތެއް ކަމަށް ވެސް ވިދާޅުވި އެވެ. ގާސިމް ބޭރަށް ދިޔުމަށް ދީފައި ވަނީ ޓްރެވަލް ޑޮކިއުމަންޓެކެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ގާސިމް ބޭރަށް ފުރާވަޑައިގަންނަވާނެ އެވެ.
ރިޝްވަތު ދޭން އުޅުމުގެ ކުށް ސާބިތުވެ ގާސިމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ޣައިރު ހާޒިރުގައި އިއްވި އިރު، އެ ހުކުމުގައި ގާސިމް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމުގެ އިންތިޒާމްތައް ވީ އެންމެ އަވަހަކަށް ހަމަޖެއްސުމަށް ދައުލަތުގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވެ އެވެ. އެހެން ނަމަވެސް ބަންޑާރަ ނައިބު ވަނީ ހުކުމްގެ އެ ބައި އިސްތިއުނާފުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ