ރަމަޟާންމަހު ކަރަންޓުގެ ޚިދުމަތަށް ދިމާވެދާނެ މައްސަލައަކަށް ފެނަކައޮތީ ތައްޔާރަށް

ކުރިއަށް އޮތް ރަމަޟާންމަހުގެ ތެރޭގައި ކަރަންޓުގެޚިދުމަތަށް ދިމާވެދާނެ މައްސަލަތަކަށް ފެނަކައިން މިހާރުވެސް ތައްޔާރުވަމުންދާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަންގެ ޗީފް ޓެކްނިކަލް އޮފިސަރު ޙުސައިން ހަމީޒް ވިދާޅުވީ ރޯދަމަހަކީ ޢާއްމުކޮށް ގިނައިން ކަރަންޓު ބޭނުންކުރާ މަހަކަށްވުމާއި، މިދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. ނަވެސް މިދުވަސްވަރާ ދިމާކޮށް ފެނަކައިން ކަރަންޓަށްނަގާ އަގަށް އެވެސް ބަދަލެއް ނުގެންނަކަމަށާ، މި ދުވަސްވަރު ކަރަންޓުގެ ބިލު ބޮޑުވަނީ ބޭނުންކުރެވޭ މިންވަރު އިތުރުވާތީކަމަށް އޭނާ ވިދާޅުވިއެވެ.
ރަށްރަށުގެ އިންޖީނުގެތަކުގެ ޙާލަތު ދެނެގަނެ، ކަރަންޓުގެ ލޯޑު ބޮޑުވެ ރަށްރަށުން ކަރަންޓު ކެނޑިދާނެ ޙާލަތަކަށް ބަލައި އެކަމަށް ތައްޔާރުވަމުންދާކަމަށް ފެނަކައިން ބުނެއެވެ. އެގޮތުން އެފަދަ ޙާލަތްތަކުގައި އެހީ ފޯރުކޮށްދިނުމަށް ޓެކްނިކަލް ޓީމެއް ތައްޔާރުކޮށްފައިވާކަމަށާ، ބައެއް ރަށްރަށުގެ އިންޖީނުގެތަކަށް ބޭނުންވާ ބައެއް ސްޕެއަރވެސް ހޯދަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފެނަކައިގެ ޑެޕިއުޓީ ޑިރެކްޓަރ އަޙްމަދު ނަޖާހު ވިދާޅުވީ ފެނަކައިގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އޭޕްރިލް މަހާއި މޭ މަހަކީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު ދެމަސްކަމަށެވެ. ނަޖާޙް ވިދާޅުވީ މިދުވަސްވަރާ ދިމާކޮށް ފެނަކައިން ކަރަންޓަށްނަގާ އަގު ބޮޑުކޮށްފައި ނުވާނެކަމަށާ، ކަރަންޓަށް އަގު ނަގަމުން އަންނަނީ ސަރުކާރުން ކަރަންޓުގެ ޓެރިފް ރޭޓަށް ގެނައި ހެޔޮ ބަދަލާއި އެއްގޮތަށްކަމަށެވެ.
ނަމަވެސް ބިލަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައިވަނީ ގޭގެއިންނާއި ޚިދުމަތްހޯދާ ތަންތަނުން ރީޑިންގ ނެގި މުއްދަތައް އައިސްފައިވާ ބަދަލުތަކަކާއި ގުޅިގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން މާލެއާއި އަތޮޅުތެރޭގެ ކަރަންޓުގެ ޓެރިފް އެއްވަރުކޮށް އަގުހެޔޮކުރިކަން އިޢުލާންކޮށްފައިވަނީ ޖެނުއަރީމަހުގެތެރެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ