ފެބްރުއަރީ 7، 2012 އަކީ ރައްޔިތުންގެ ބާރުން އިންގިލާބެއް ގެނެސްފައިވާ ދުވަހެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ފެބްރުއަރީ 7، 2012 އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވި ދުވަހެވެ. އެމްޑީޕީން ބުނެފައިވަނީ އެ ދުވަހު ރައީސް ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރު ވެގެން ކަމަށާއި އެއީ ބަޣާވާތެއް ކަމަށެވެ.
ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ ވެރިކަމާ ދެކޮޅަށް 22 ރޭ ވަންދެން ރައްޔިތުން ކުރި މުޒާހަރާތަކަށް ފަހު އެވެ.
އެ މުޒާހަރާތަކުގައި މިނިސްޓަރު އުމަރު ނަސީރަކީ އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އޭރު އެމަނިކުފާނު ހުންނެވީ ޕީޕީއެމްގެ ނައިބް ލީޑަރުގެ ގޮތުގަ އެވެ.
ފެބްރުއަރީ ހަތްވަނަ ދުވަހާ ދިމާކޮށް އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެބްރުއަރީ 7، 2012 އަކީ ރައްޔިތުންގެ ބާރުން އިންގިލާބެއް ގެނެސްފައިވާ ދުވަހެއް ކަމަށެވެ. އަދި ރައީސް ނަޝީދަކީ ޑިކްޓޭޓަރެއްގެ ގޮތުގައި ސިފަކުރައްވާ އުމަރު ވިދާޅުވީ އެ ދުވަހަކީ ޑިކްޓޭޓަރަކު އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވި ދުވަސް ކަމަށެވެ.
އުމަރު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމާއި ދެކޮޅަށް ތެދުވި މީހުންނަކީ އިސްލާމްދީނާއި ޑިމޮކްރަސީ އަދި ގާނޫނު އަސާސީގެ ހިމާޔަތުގައި ތެދުވެ ގުރުބާންވި ބައެއް ކަމަށެވެ. އެހެންކަމުން އޭރު މުޒާހަރާތަކުގައި ބައިވެރިވި މީހުންނާ ހާއްސަކޮށް ގްރައުންޑް ލީޑަރުންނަށް އުމަރު ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.
"ހަތެއް ފެބްރުއަރީ: ކަރުނަ ގޭހާއި ގޭންގްތަކުގެ ވަޅި ތަކުގެ ކުރިމައްޗަށް ނިކުމެ ކުރީ ސަފުގައި މަސައްކަތް ކުރި 'ކަޓް އޮފް' ޓީމަށް ވަރަށް ހާއްސަ ޝުކުރެއް،" އުމަރުގެ ޓްވީޓްގައި ވިދާޅުވެފަ އެވެ.
ހަތެއް ފެބްރުއަރީ އަކީ ރައްޔިތުންގެ ބާރުން އިންގިލާބެއް ގެނައި ދުވަހެއް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ