އިންޖީނުގެއިން ތެޔޮ ހުސްވެ، ލ. މާވަށު ރައްޔިތުން ކަނު އަނދިރީގައި!

ލ. މާވަށުގައި އެ ރަށުގެ ރައްޔިތުން ހިންގަމުން އަންނަ އިންޖީނުގެއިން ތެޔޮ ހުސްވެ، ޖަނަރޭޓަރުތައް ހުއްޓުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން މި ރޭ ހޭދަކުރަމުންދަނީ ކަނު އަނދިރީގައި ކަމަށް މާވަށު ރަށު ކައުންސިލުން މިރޭ ބުނެފި އެވެ.
މާށުގެ ރައްޔިތުންގެ އިންޖީނުގެއިން ތެޔޮ ހުސްވާން ދިމާވީ އެ އިންޖީނުގޭގެ ކަރަންޓް ބޭނުންކުރަމުންދާ 336 ގޭގެ ތެރެއިން 113 ގޭގެ މީހުން ކަރަންޓް ބިލަށް ފައިސާ ނުދައްކާތާ އެތައް މަހެއް ވެފައި ވުމުގެ ސަބަބުން ތެޔޮ ގަންނާނެ ފައިސާ ނެތިގެން ކަމަށް އެ ރަށު ރަށު ކައުންސިލްގެ ރައީސް ޔޫސުފް އާމިރު މިރޭ ވިދާޅުވި އެވެ.
"ވެރިކަންކުރާ އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުން ދިރިއުޅޭ 113 ގޭގެ ތެރެއިން ބައެއް ގޭގެ މީހުން ކަރަންޓް ބިލް ނުދައްކާތާ ހަ މަސް ދުވަސް. އަނެއްބައި ގެތަކުން ބިލް ނުދައްކާތާ ހަތަރު މަސް، ތިން މަސް. މިހާރު މިއިން އެއްވެސް ގެއަކުން ކަރަންޓް ބިލަށް ފައިސާ ނުދައްކާތާ ތިން މަސް ވެއްޖެ،" ޔޫސުފް އާމިރު ވިދާޅުވި އެވެ.
އާމިރު ވިދާޅުވީ ކަރަންޓް ބިލް ނުދެއްކުމުގެ ސަބަބުން އިންޖީނުގެއަށް ލިބެން ޖެހޭ 300000 އަށް ވުރެ ގިނަ ރުފިޔާ ވަނީ ބަންދުވެފައިވާ ކަމަށެވެ. އަދި އެ ފައިސާ އެގޮތަށް ބަންދުވެފައި ހުރުމުން އިތުރަށް ތެޔޮ ގަނެވެން ނެތިގެން، އިންޖީނުގެއިން ތެޔޮ ހުސްވެ، ޖަނަރޭޓަރުތައް ހުއްޓުމަކަށް އައީ ކަމަށެވެ.
އޭނާ ވިދާޅުވީ މެންދުރު ފަހުން ފެށިގެން މާވަށުން ކަރަންޓް ކެނޑިފައިވާތީ އެ ރަށު ރައްޔިތުންނަށް ދަނީ ބޮޑެތި ގެއްލުން ތަކެއް ލިބެމުންކަމަށެވެ. ރަށު ރައްޔިތުން ކަނު އަނދިރީގައި ތިބި އިރު ރަށު މީހުން އައިސް އަލަމާރިތަކާއި ޑީފްރީޒަރުތަކުގައި ބަހައްޓާފައި ހުރި އެތަކެއް ކާބޯތަކެތި ދަނީ ހަލާކުވަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ރަށުގައި އެބަތިބި ރެސްޓޯރެންޓް ހިންގާ މީހުން. ރޯމަސް ގަންނަ މީހުން. އެމީހުން ބޮޑުއަގުގައި ގަނެފައިވާ މަހުގެ މަސްކޮޅު އެދަނީ ހަލާކުވަމުން. ގެތަކުގައި ވެސް ހާލަތަކީ މިއީ،" އާމިރު ވިދާޅުވި އެވެ.
އާމިރު ވިދާޅުވީ ރަށުން ކަރަންޓް ކެނޑި ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު ވެސް ރަށުގެ މީހުން ތިބީ ހަމަހިމޭންކަމުގައި ކަމަށެވެ.
"ކަރަންޓް ބިލް ބަރާބަރަށް ދައްކަމުން އައި 223 ގޭގެ މީހުން ކެތްތެރިކަމާ އެކު އެބަތިބި، އެކަމަކު ކަރަންޓް ބިލް ނުދައްކާތާ އެތައް މަހެއް ވެފައިވާ ބައެއް ގޭގޭގެ މީހުން ވަނީ ރަށު ކައުންސިލްގެ އިދާރާގެ ތެރެއަށް ވަދެ އެތަނަށް ގަދަވެގެންފައި،" މާވަށުގެ މަސްރަހު އޮތްގޮތް ކިޔައިދެއްވަމުން އާމިރު ވިދާޅުވި އެވެ.
"މިއަދު ކަރަންޓް ކަނޑާލުމާ އެކު އެ ގެތަކުގެ މީހުންގެ ތެރެއިން 70 ވަރަކަށް މީހުން އައިސް ރަށު ކައުންސިލްގެ އިދާރާގެ ތެރެއަށް ވަދެގަނެ، އެމީހުން ވަނީ ކައުންސިލްގެ މެމްބަރުންގެ ގޮނޑިކޮޅުތަކުގައި އިށީނދެ، ކައުންސިލްގެ އިދާރީ ލިއެކިއުންތަކުން ރޮކެޓް ހަދައިގެން ދުއްވުން ފަދަ ކަންތައްތައް ވަނީ ކޮށްފައި،" އާމިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަށު ކައުންސިލްގެ އިދާރާއަށް ވަން މީހުން އެތަނުން ނުނުކުމެ، ކައުންސިލްގެ މަސައްކަތް ހުއްޓުމަކަށް އައުމާ ގުޅިގެން އެކަން ވަނީ ފުލުހުންނަށާއި އަތޮޅު ކައުންސިލްގެ އިދާރާއަށް ވެސް އަންގައިފަ އެވެ. އަތޮޅު ކައުންސިލުން ބުނީ ފުލުހުންގެ އެހީތެރިކަން ނުލިބޭ ނަމަ އެކަން ހައްލު ކުރުމަށް އެބޭފުޅުންނަށް ކުރެވޭނެ ކަމެއް ނެތްކަމަށެވެ. އަދި ލ. އަތޮޅުގައި ތިބޭ ފުލުހުން ބުނީ އެކަން ބަލާނެ ކަމަށް ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ފުލުހުން އަދިވެސް ނާންނަކަމަށާއި އެހެންވެ މިހާރު މާލޭގައި ހުރި ފުލުހުންގެ މައި އިދާރާ އަށް ވެސް ވާނީ އަންގާފައި ކަމަށް އާމިރު ވިދާޅުވި އެވެ.
މާވަށު އޮފީހަށް ވަން މީހުން މިރޭ 7:30 ހާކަންހާއިރު ނުކުތީ ރަށު ކައުންސިލްގެ އިދާރާގެ ހުރިހާ ދޮރުތަކެއް ލަކުޑި ފައްޗާއި މޮހަރު ބޭނުންކޮށްގެން ބައްދުކޮށްފައި ކަމަށް ރަށު ކައުންސިލްގެ އިދާރާ އިން ބުންޏެވެ.
މާވަށުގައި މިއަދު ހިނގި ކަންތައްތަކާ ބެހޭ ގޮތުން ފުލުހުން ބުނެފައި ވަނީ އެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އެކަހަލަ ކަންތައްތަކެއް އެބަ އުޅޭ، އަޅުގަނޑުމެން ފަހުން އެކަމުގެ ތަފްސީލް ދޭނަން." ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ