ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ފުރިހަަމަކުރަންޖެހޭ ފޯމްތަކާއި އިގްރާރު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅާ ލިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ކަމަށްވެސް އިއުލާންގައިވެ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި މިވަނީ އެކޮމިޝަންގައި ތިއްބެވި ހަތް މެންބަރުންގެ ތެރެއިން ހަ މެންބަރުންގެ މަގާމުގެ މުއްދަތު ކުރިއަށް އޮތް އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގައި މިހާރު ތިއްބެވި ހަތް މެންބަރުންނަކީ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބްއާއި ނައިބް ރައީސް އަބްދުﷲ ޝުޖާއު އާއި، އިބްރާހިމް އަޝްރަފް އާއި މުހައްމަދު އަސްލަމްއާއި އައިޝަތު ހަނާ އާއި މަރިޔަމް ޝައުގީގެ އިތުރުން މުއުމިނާ އާދަމް އެވެ. އަސްލަމް ފިޔަވާ އަނެއް ހަ މެންބަރުންގެ މަގާމުގެ މުއްދަތު ކުރިއަށް އޮތް އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ