ކަޝްމީރުގަ 2 މަސްތެރޭ 25 ސްކޫލް އަންދާލައިފި- ސިފައިން އަންނަނީ އަނދައި ނިމުމުން ދުމަށް ފެންޖަހަން!

ފާއިތުވި 2 މަސް ދުވަހަށް ބަަލައިފިނަމަ ކަޝްމީރުގެ އިންޑިއާ ފަޅީގެ 25 ސްކޫލެއްގައި ހުޅުޖަހައި އަންދާލައިފިއެވެ. އެންމެ ފަހުގެ ހާދިސާގައި ސިފައިން އައީ އަނދައި ނިމުމުން ދުމަށް ފެންޖަހާށެވެ.
މިއީ ކޮން ބައަކު ކޮން ބޭނުމަކު ކުރާކަމެއްކަން އަދި އެނގިފައި ނެތް ނަމަވެސް އެނގޭ ކަމަކީ ސްކޫލުތައް އަނދައިގެންދަނީ ތަނުގައި ހުންނަ ހުރިހައި ވަސީލަތްތަކާއިއެކުގައި ކަމެވެ.
ރައްޔިތުން ސުވާލު އުފައްދަނީ ދެމީހަކު މަގެއްމައްޗަށް އެއްވާއިރަށް ސިފައިން އައިސް އެބައަކަށް އަނިޔާކޮށް ހައްޔަރުކުރުމުގެ ޤާބިލުކަންހުންނައިރު ސްކޫލްތައް އަނދައި ހުލިވާއިރުވެސް އަލިފާން ނިއްވަން އެހީތެރިވެދޭނެ ބައަކު ނުއަންނާތީއެވެ.
ސްކޫލްތަކުގައި ހުޅުޖަހާފައިވާ ގޮތަށް ބަލާއިރު ގިނަ ސްކޫލްތަކުގައި ހުލުޖަހާފައިވަނީ ލައިބްރަރީ ނުވަތަ ފޮތް ބަހައްޓާ ގުދަން ފަދަ ފަސޭހައިން އަލިފާން ހިފާ ތަންތަނުގައެވެ.
އެންމެ ފަހު ހާދިސާ ހިންގާފައިވަނީ ރޭގަނޑުގެ އިރާކޮޅު އެވެ،، ބެލެނިވެރިން ބާލިދީތައް ހިފައިގެން ގޮސް ފެންޖަހައި ނިއްވަން މަސައްކަތްކުރިއެވެ. ނަމަވެސް ހުޅު ހިފާފައިވާ މިންވަރު ބޮޑުކަމުން މުޅި ސްކޫލް ވަނީ އަނދައި ހުލިވެފައެވެ. ބައެއް ސްކޫލްތަކުގައި ހުޅުޖަހާފައިވަނީ ހަފްތާ ބަންދުގައެވެ.
މިއީ ކޮން ބައަކު ކޮން ބޭނުމަކު ކުރަމުން އަންނަ ކަމެއްކަން އަދި ވަނީ އޮޅުންނުފިލުވިފައެވެ. ކަޝްމީރުގެ ރައްޔިތުން ބުނަނީ ސަރުކާރުން ހިތްވަރުދީގެން ކުރުވާ ކަމެއް ކަމަށެވެ. ސަރުކާރުން ބުނަނީ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރަށް ނަފުރަތު އުފައްދުވަން ވާދަވެރިން ކުރުވާ ކަމެއް ކަމަށެވެ.،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ