މަޖިލިސް ހުއްޓުވަނީ މައުމޫން ކަމަށް ސަރުކާރުން ކުރާ ތުހުމަތަށް އެ މަނިކުފާނު ރައްދު ދެއްވައިފި

ރައްޔިތުންގެ މަޖިލިސް ހުއްޓުވަނީ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ކަމަށް ސަރުކާރާއި އެމްޑީޕީން ކުރަމުންދާ ތުހުމަތުތަކަށް އެ މަނިކުފާނު ރައްދު ދެއްވައި ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވައިފި އެވެ.
މައުމޫންގެ މި ސިޓީގައި ވިދާޅުވެފައި ވަނީ މަޖިލިސް ހުއްޓުވަމުން ގެންދިއުމުގެ ދޮގު އިލްޒާމް އެމަނިކުފާނުގެ ބޮލުގައި ރައީސް ނަޝީދާއި އެމްޑީޕީގެ މެމްބަރުން އަޅުއްވަމުން ގެންދަވާތީ ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށެވެ.
މައުމޫން ވިދާޅުވީ ރައީސް ނަޝީދުގެ ހާއްސަ މަންދޫބު އިބްރާހިމް ހުސެއިން ޒަކީ މިދިޔަ ހޯމަ ދުވަހު އެ މަނިކުފާނަށް ގުޅުއްވައި، ދެއްކެވި ވާހަކަފުޅުގައި ވެސް މަޖިލީހުގެ ޖަލްސާތައް ހުއްޓުމުގައި އެ މަނިކުފާނުގެ ދައުރެއްވާ ކަމަށް ދެކެވަޑައިގަންނަވާކަން ދޭހަވި ކަމަށެވެ.
"އަދި ރޭ ދަންވަރު [އިއްޔެ ރޭ] 12 ޖަހަން ކައިރިވެފައި ވަނިކޮށް، މަނިކުފާނުގެ ކެބިނެޓް ސެކްރެޓަރީ އަޅުގަނޑުގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ އަލްފާޟިލް އާދަމް ނައީމާ ފޯނުން ދެއްކެވި ވާހަކަފުޅުން ވެސް މިކަން ދޭހަވި އެވެ. އަލްފާޟިލް އިބްރާހިމް ހުސެއިން ޒަކީ އަށް އަޅުގަނޑު ދަންނަވާފައިވާނީ، މަޖިލީހުގައި ހިނގާ އެއްވެސް ކަމަކާ ބެހޭ ގޮތުން އަޅުގަނޑުގެ އެއްވެސް ލަފައެއް، އިރުޝާދެއް އެއްވެސް މެމްބަރަކަށް ދީފައި ނުވާނެ ކަމަށެވެ. މިއީ ހަމަ ހަގީގަތެވެ. މި ވާހަކަ ވާނީ އަލްފާޟިލް އާދަމް ނައީމް މެދުވެރިކޮށް މަނިކުފާނުގެ ކެބިނެޓް ސެކްރެޓަރީ ވެސް މިއަދު އަޅުގަނޑު ދަންނަވާފަ އެވެ،" މައުމޫންގެ ސިޓީގައިވެ އެވެ.
މި ސިޓީ ނިންމަވާލައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހާ ގުޅޭ ގޮތުން މައުމޫންގެ ހިތްޕުޅުގައި އުފެދޭ ސުވާލެއް ރައީސް ނަޝީދަށް ދަންނަވަމުންނެވެ. އެ މަނިކުފާނު ވިދޅުވީ މީގެ ކުރިން އެމްޑީޕީ މެމްބަރުންތައް "މަޖިލީހުގެ ވަރަށް ގިނަ ޖަލްސާތަކެއް ހުއްޓުވަމުން ގެންދިޔައިރު" އެ ކަމާ ރައީސް ނަޝީދު އެއްވެސް ފިޔަވަޅެއް ނާޅުއްވައި، އިދިކޮޅު ޕާޓީތަކުގެ ބައެއް މެމްބަރުންނާއި ބައެއް އަމިއްލަ މެމްބަރުން މަޖިލީހުގައި މިހާރު ހިންގަވާ އިހުތިޖާޖުގެ އަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅުއްވަމުން ގެންދަވާތީ ސުވާލު އުފެދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ