ރާއްޖޭގެ ހުށަހެޅުންތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސިއްހީ ދާއިރާގެ މުވައްޒަފުން ތަމްރީނު ކުރަނީ

ރާއްޖެއިން ބައިވެރިވާ ސިއްހީ ދާއިރާގެ ބައިނަލްއަގުވާމީ ބައްދަލުވުންތަކުގައި ހުށަހަޅާ ހުށަހެޅުންތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ހެލްތު މިނިސްޓްރީގެ މުވައްޒަފުން ތަމްރީނު ކުރުމަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ. މިއަދު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި "ގްލޯބަލް ހެލްތު ޑިޕްލޮމެސީ ޓްރެއިނިން" ގެ ނަމުގައި ފެށި އެ މަސައްކަތު ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ 35 މުވައްޒަފުން ބައިވެރިވެ އެވެ. އެ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، މިއަދު ސިއްހަތަކީ، ހަމައެކަނި ސިއްހީ ދާއިރާއާ ގުޅުން ހުރި މީހުންގެ މަސައްކަތެއް ނޫން ކަމަށާއި، ސިއްހަތާ ގުޅޭ ކޮންމެ ކަމެއް އެހެން ދާއިރާ ތަކާ ގުޅިިފައިވާ ކަމަށެވެ. ގްލޯބަލް ހެލްތު ޑިޕްލޮމެސީ ޓްރެއިނިން ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އަބްދުﷲ ހަފީޒް "ދުނިޔޭގެ ކޮންމެ އިގްތިސާދީ ނިންމުމަކީ، ނުވަތަ އިގްތިސާދީ ގޮތުން ތަންފީޒުކުރެވޭ ކޮންމެ ކަމަކީވެސް ހެލްތާ ގުޅިލާމެހިފައިވާ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންނަށް، ފޯރަމް ތަކުން ޖާގަ ލިބި، މަޝްވަރާ ތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބި އެފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން ދަސްވެފައި ހުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ސިއްހަތާ ބެހޭ މަޝްވަރާތައް ހިންގަން ޖެހިފައިވަނީ ރާއްޖެއިން ބޭރުގައި އެކަނި ނޫން ކަމަށާއި، ސަރުކާރުގެ ތެރޭގައާއި، މިނިސްޓްރީ ލެވެލްގައި އަދި ޑިޕާޓްމެންޓް ލެވެލްގައި ސަރުކާރުގެ އެެހެން ވަޒީރުންނާއި އެކު ހެލްތު ޑިޕްލޮމެޓިކް މަޝްވަރާތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. ހެލްތު މިނިސްޓްރީން ބުނީ، އެ މަސައްކަތު ބައްދަލުވުމުގެ ބޭނުމަކީ، ރާއްޖޭއިން ބައިވެރިވާ ސިއްހީ ދާއިރާގެ ބައިނަލް އަގުވާމީ ބައްދަލުވުންތަކާއި ސެމިނާ، ވޯކްޝޮޕް އަދި ފޯރަމްތަކުގައި ބައިވެރިވާ ސިއްހީދާއިރާގެ މުވައްޒަފުން ތަމްރީނު ތަމްރީނު ކުރުން ކަމަށެވެ. އަދި އެ ފަދަ ބައްދަލުވުންތަލުގައި މިނިސްޓްރީގެ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކުގެ ފެންވަރު ރަނގަޅު ކުރުމާއި، ބައްދަލުވުންތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމުގެ ހުނަރުތައް މުވައްޒަފުންނަށް ދަސްކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ