ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ އިޤުތިޞާދު ކުރިއެރުމަށް ކުރާ މަސައްކަތް ފުނޑުފުނޑުކޮށްލަން ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝައިނީ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރައީސް މައުމޫން އާއި ރައީސް ނަޝީދު އުޅުއްވަނީ ރާއްޖޭގައި އިންވެސްޓް ކުރަން ތިބި ފަރާތްތަކުގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފައްދަން ކަމަށެވެ.
މިނިސްޓަރ ޝައިނީގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައީސް މައުމޫން އާއި ރައީސް ނަޝީދަށް އަމާޒު މިކުރެއްވީ ފ.އަތޮޅު ސައުދީ ސަރުކާރަށް ވިއްކާލަން އުޅޭކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.
ރައީސް މައުމޫން ވެސް ވަނީ "ފ.އަތޮޅަށް ހަދަން އުޅޭގޮތެއް އެނގެން ޖެހޭނެ" ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީ އިން ވަނީ އެއްވެސް އަތޮޅެއް ވިއްކާލައިގެން ނުވާނެ ކަމަށް ބުނެފައެވެ.
ރާއްޖޭގެ އެއްވެސް އަތޮޅެއް ވިއްކާލުމާ ބެހޭ އެއްވެސް މަޝްވަރާއެއް ސައުދީ ސަރުކާރާއި އެކު ކޮށްފައި ނުވާނެ ކަމަށް މިނިސްޓަރު ޝައިނީ މިއަދު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ޝައިނީ އަކީ ސަރުކާރުގެ އިޤުތިޞާދީ ސިޔާސަތު ތަންފީޒު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އެއްވަޒީރެވެ.
ފ.އަތޮޅު ސައުދީއަށް ވިއްކާލަން އުޅޭކަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދާއިރު ސައުދީ ރަސްގެފާން ސަލްމާން އަންނަ މަހު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މައުމޫން އާއި ނަޝީދު އުޅެނީ އިޤުތިޞާދު ފުނޑުފުނޑުކޮށްލަން – މިނިސްޓަރ ޝައިނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ