ތިން މަސް ތެރޭގައި އިތުރު މެމްބަރުން އެމްޑީޕީ އަށް ގެންނާނަން: އަލީ ވަހީދު

ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރުން ސަރުކާރު ހިންގާ އެމްޑީޕީ އަށް ގެންދަވާނެ ކަމަށާއި އޭގެ މަސައްކަތްތައް ވަރަށް ހަލުއިކޮށް ކުރިއަށްދާ ކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
"އެމްޑީޕީ މެކުހަށް" ޕްރޮގްރާމްގެ ތެރޭގައި އެންމެ ފަހުން އެމްޑީޕީ އަށް ސޮއިކުރެއްވި ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ވިދާޅުވީ އެމްޑީޕީ އަށް މަޖިލީހުގެ އިތުރު މެމްބަރުން ގެންދަވައި އެ ޕާޓީ ވަރުގަދަ ކުރުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.
"ކުރިން މައުމޫން އަރިހުގައި މަސައްކަތް ކުރެއްވި މެމްބަރުންނަށް އަމާޒު ކުރަނީ. އިރާދަކުރެއްވިއްޔާ އެ މެމްބަރުންތައް އަޅުގަނޑުމެން ގެންނާނަން،" ކުރިން އިދިކޮޅު ޑީއާރުޕީގެ ލީޑަޝިޕްގައި މަސައްކަތް ކުރެއްވި އަލީ ވަހީދު ވިދާޅުވި އެވެ. "މައުމޫން އާ ޕާޓީ އެއް އުފައްދަވަން އުޅުއްވާތީ މަޖިލީހުގެ މެމްބަރުންނަށް ވެސް ގައުމުގެ މުސްތަގުބަލާ ރައްޔިތުންނަށް ކުރިމަގު އޮތް ގޮތް ވަރަށް ސާފުވެއްޖެ. ގައުމީ މަސްލަހަތު ހިމާޔަތް ކުރެވޭނީ ކޮން ދިމާލަކަށް ގޮސްގެން ކަން މެމްބަރުންނަށް އެނގި މިހާރު ޖެހިލުން ކުޑަވާނެ."
މަޖިލީހުގެ މެމްބަރުންގެ ތެރެއިން އަލީ ވަހީދާއި މާފަންނު ހުޅަނގު ދާއިރާގެ އަބްދުﷲ އަބްދުއްރަހީމް ދާދިފަހުން އެމްޑީޕީ އަށް ސޮއިކުރެއްވުމާ އެކު އިދިކޮޅު ފަރާތްތަކުގެ އަޣުލަބިއްޔަތު ވަނީ މަޖިލީހުގައި ގެއްލިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ