10 އަހަރު ނުވާ އުޅަނދުތަކަށް ޓެކްސީ ބޯޑު ވިއްކަން ފަށައިފި

މާލޭގައި ޓެކްސީގެ ޚިދުމަތް ދެމުންގެންދާ އުޅަނދުތަކުގެ އަދަދު މަދުވުމާ ގުޅިގެން އެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ހުއްދަ ދޫކުރަން ނިންމައިފި އެވެ. ޓްރާންސްޕޯޓު އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލޭގައި ދުއްވާ ޓެކްސީގެ އަދަދު މަދުވުމާ ގުޅިގެން އެ ޚިދުމަތް އެންމެ އެދެވޭ ގޮތަށް އާންމުންނަށް ނުދެވޭތީ، އެކަން ހައްލު ކުރުމުގެ ގޮތުން ޓެކްސީ ކުރުމުގެ ޝަރުތުތައް ފުރިހަމަވާ އުޅަނދުތަކަށް ޓެކްސީ ހުއްދަ ދޭގޮތަށް ފުރުސަތު ހުޅުވާލާ ކަމަށެވެ. ޓެކްސީ ގަވާއިދުގައިވާ ގޮތުންނަމަ، ޓެކްސީ ކުރާ އުޅަނދުގައި “TAXI” މިގޮތަށް ލިޔެފައިވާ ބޯޑެއް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ ގޮތަށް ދިއްލޭ ގޮތަށް ޓެކްސީގެ ކުރިމަތިން ފެންނަން ހުންނަ ގޮތަށް ހަރުކޮށްފައި ހުންނަން ވާނެއެވެ. އަދި އެ އުޅަނދަކީ އުފެއްދި ތާރީޚުން ފެށިގެން 10 އަހަރު ނުވާ ހަތަރު ދޮރޮޅުލީ ޖާގައިގެ ގޮތުން ތަނަވަސް ޑިކީ ހުރި ކާރު ކަމުގައި ވެސް ވާން ޖެހެ އެވެ. ޓްރާންސްޕޯޓު އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދު ވިދާޅުވީ ބޯޑު ދޫކުރަނީ ވަކި އަދަދަކަށް ނޫން ކަމަށާއި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ބޯޑު ދޫކުރަން ނިންމާފައިވާ ކަމަށެވެ. އެ އޮތޯރިޓީގެ އިއުލާނުގައި ބުނެފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ޓެކްސީ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅަން ވާނެ ކަމަށެވެ. އަލަށް އެކުލަވާލި ޓެކްސީ ގަވާއިދުގައިވާ ގޮތުގައި ޓެކްސީ ކުރުމުގެ ހުއްދައިގެ އަގަކީ 50،000 ރުފިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ