ރިއާސީ އިންތިހާބަށް ޒަކީ މެދުވެރިވެ އެމްޑީޕީ އަށް ބޭރު އެހީ ހޯދާފައިވޭތޯ ބަލައިދިނުމަށް ގައުމީ ޕާޓީން އިލެކްޝަނަށް ހުށަހަޅައިފި

އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް ހުސެން ޒަކީ މެދުވެރިވެ ބޭރުގެ ފަރާތަކުން 2008 ގެ ރިއާސީ އިންތިހާބަށް އެމްޑީޕީ އަށް އެހީ ދީފައިވޭތޯ ބަލައިދިނުމަށް ގައުމީ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފި އެވެ.
ރިއާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު އެމްޑީޕީ އަށް ތައްޔާރުކުރި ޓިޝާޓްތަކަކަށް ފައިސާ ދެއްކުމަށް ޒަކީ، ބޭރު މީހެއްގެ ފަރާތުން އެދިވަޑައިގެންފައިވާ ކަމަށް ދޭހަވާ ގޮތަށް ދައްކަވާފައިވާ ވާހަކަތަކެއްގެ އޯޑިއޯއެއް ލީކްވުމާ ގުޅިގެން، ގައުމީ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ އެފަދަ ގޮތަކަށް އެހީ ހޯދާފައިވާ ނަމަ އެއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށެވެ.
ގައުމީ ޕާޓީގެ ސިޓީގައި ބުނެފައިވާ ގޮތުގައި ޒަކީ މެދުވެރިކޮށް ރިއާސީ އިންތިހާބަށް އެމްޑީޕީ އަށް ބޭރުގެ ފަރާތްތަކުން އެހީވެފައިވާ ނަމަ، އެއީ އިންތިހާ އަށް ކަންބޮޑުވާ ކަމެކެވެ. އަދި އެފަދަ އެހީތައް އެމްޑީޕީ އަށް ދީފައިވަނީ ވެރިކަމާ ހަވާލުވުމަށް ފަހު ކޮން ފަދަ ކަންތައްތަކެއް ކުރުމަށް ޝަރުތުކޮށްފައި ކަމެއް ނޭނގޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
ދިވެހިންގެ ދީނީ އަގީދާ ބަލިކަށިކޮށް ރައްޔިތުންގެ ވިޔަފާރި އާއި މުދާތައް ނުއަގުގައި ބޭރުގެ ފަރާތްތަކަށް ވިއްކާ ހަދަމުންދާ ދިއުމުގެ ފަހަތުގައި، 2008 ގެ ރިއާސީ އިންތިހާބުގައި އެމްޑީޕީ އަށް އެހީތެރިވި ބޭރުގެ ފަރާތްތަކުގެ ނުފޫޒު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
"އެހެންކަމުން އިބްރާހީމް ހުސައިން ޒަކީ މެދުވެރިކޮށް ރާއްޖެ އިން ބޭރުގެ ފަރާތަކުން 2008ގެ ރިއާސީ އިންތިހާބަށް އެމްޑީޕީ އަށް އެހީ ދީފައިވޭތޯ ބައްލަވައި، އެފަދަ އެހީތެރިކަމެއް އެމްޑީޕީން ހޯދާފައިވާ ނަމަ، އެކަމުގައި ޒިންމާވާ އެންމެހައި ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދިނުމަށް އިލެކްޝަންސް ކަމިޝަނުން އިސްނެންގެވުން އެދެމެވެ. އަދި ބޭރުގެ ފަރާތްތަކުން 2008ގެ ރިއާސީ އިންތިހާބަށް އެމްޑީޕީން އެހީ ހޯދާފައިވާ ނަމަ އެހީދިން ބޭރުގެ ފަރާތްތަކުން ސަރުކާރުގެ މައްޗަށް ކުރިމަތިކުރުވާފައިވާ ޝަރުތުތަކާއި ނުފޫޒުތަކަކީ ކޮބައިކަން އޮޅުންފިލުވައި ސަރުކާރާއި ރައްޔިތުން މިފަދަ އެންމެހައި ބޭރުގެ ނުފޫޒުތަކުން ސަލާމަތްކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުން އެދެމެވެ،" ގައުމީ ޕާޓީން ފޮނުވި ސިޓީގައިވެ އެވެ.
ބޭރުގެ އެއްވެސް ފަރާތެއްގެ މާލީ އެހީ ސިޔާސީ ފަރާތްތަކުން ހޯދުމަކީ ގާނޫނީ ގޮތުން ކުށެކެވެ.
ޒަކީގެ އޯޑިއޯގައި އޭނާ ވާހަކަ ދައްކަވަނީ އިނގިރޭސިއަކާކަން ދޭހަވެ އެވެ. އިންތިޚާބު ފެށެންވާ އިރަށް ޓީޝާޓުތައް ފޮނުވުން ލަސްވެދާނެތީ ބޭރުމީހާ ކަންބޮޑުވުން ފާޅުކުރި އެވެ. އަދި ޔޫރަޕިއަން ޔޫނިއަނުން ރާއްޖޭގެ އިންތިޚާބާ ބެހޭ ގޮތުން މަޝްވަރާކުރަން އައި ވަފުދާ އެކު ދެއްކި ވާހަކަތައް ޒަކީ ވަނީ އޯޑިއާގައި އަޑުހިމެނޭ މީހާއާ ހިއްސާ ވެސް ކުރައްވައިފަ އެވެ.
ޒަކީ މިވަގުތު ރަށުގައި ނޫޅުއްވާތީ މި އޯޑިއާ ބެހޭ ގޮތުން އޭނާގެ ބަސްފުޅެއް ލިބޭ ގޮތެއް ނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ