ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބޮޑު ތަފާތަކުން ބާސެލޯނާ އަދި ރެއާލް މެޑްރިޑް މޮޅުވެ ދެޓީމުވެސް މަޤާމް ދަމަހައްޓައިފިއެވެ.
ރޭ ކުޅުނު މެޗުން ބާސާ އިން ސެލްޓަވިގޯގެ މައްޗަށް 0-5 ގެ ނަތީޖާއަކުން ކުރި ހޯދިއިރު ރެއާލް މެޑްރިޑުން ވަނީ 1-4 ގެ ނަތީޖާއިން އެއީބާގެ މައްޗަށް ކުރިހޯދާފައެވެ.
ބާސާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު މި މެޗު ފެށިގެން 24 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެސީ އެވެ. ބާސާގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ލީޑު ފުޅާކުރީ 40 ވަނަ މިނެޓުގައި ނޭމާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި ލަނޑަށްފަހުވެސް ބާސާ އަށް ލީޑު އިތުރަށް ފުޅާކުރުމަށްވެސް ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ސެލްޓަވިގޯގެ މައްޗަށް ބާސާ ކުރިހޯދައިގެންނެވެ.
ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް ބާސާ އިން ވަނީ ތިން ވަނަ ލަނޑުޖަހާ މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިވާން ރަކިޓިޗް އެވެ.
މެޗުގައި ބާސާ އިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި އުމިޓީ ކާމިޔާބުކޮށްދިންއިރު، އޭގެ ތިން މިނެޓު ފަހުން ބާސާގެ ފަސްވަނަ ލަނޑު އަދި މެޗުގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ލިއޮނެލް މެސީ އެވެ.
މި ނަތީޖައާއެކު ބާސާ އޮތީ ކުޅުނު 26 މެޗުން ލިބުނު 60 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގަ އެވެ. މެޗުން ބަލިވި ސެކްޓަވިގޯ އޮތީ ކުޅުނު 25 މެޗުން ލިބުނު 35 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 10 ވަނައިގަ އެވެ.
ބާސެލޯނާ އާއި ރެއާލް ބޮޑު މޮޅެއް ހޯދާ މަޤާމް ދަމަހައްޓައިފި.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ