ގައުމު އަރާސްތުކުރުމުގެ މަސައްކަތުގައި ހުރިހާ ކައުންސިލަރުން ބައިވެރިވުމަށް ގޮވާލަން - އުމަރު

ގައުމު އާރާސްތުކުރުމުގެ މަސައްކަތުގައި ހުރިހާ ކައުންސިލަރުން ވެސް ބައިވެރިވުމަށް، ހޯމް މިނިސްޓަރު އަދި އެލްޖީއޭގެ ރައީސް އުމަރު ނަސީރު ގޮވާލައިފިއެވެ.
އުމަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ، ގައުުމު އާރާސްތުކުރުމުގެ މަސައްކަތުގައި ހުރިހާ ކައުންސިލަރުން ވެސް ބައިވެރިވުމަށާއި، ހިދުމަތްތަށް ފޯރުކޮށްދޭއިރު، ސިޔާސީ ކަންތައްތަށް އެއް ފަރާތްކޮށްލުމަށް ގޮވާލާފައެވެ.
އުމަރު މިހެން ވިދާޅުވެފައިވާއިރު، މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އިންތިޒާމްކުރާ ބައެއް ހަރަކާތްތަކުގަ ބައެއް ރަށްރަށުގެ ކައުންސިލަރުން ދަނީ ބައިވެރިވުމަށް ދެކޮޅު ހަދަމުންނެވެ.
އެގޮތުން މިނިވަން ކަމަށް 50 އަހަރު ފާހަގަ ކުރުމުގެ ގޮތުން އިއްޔެ މުޅި ރާއްޖޭގައި ބޭއްވި ސްކޫލް ދަރިވަރުންގެ ހިނގާލުމުގައި ބައިވެރިނުވުމަށް، އއ.އަތޮޅު ކައުންސިލުން ފާސްކުރި ގަރާރަށް ތާއީދުކޮށްފައިވާތީ، އެލްޖީއޭއިން ވަނީ އެ އަތޮޅު ކައުންސިލަރެއް ކަމަށްވާ، އަލީ ސަމީރު އެއް މަސް ދުވަހަށް ސަސްޕެންޑްކޮށްފައެވެ.
އަދި އެ ހިނގާލުމުގައި ބައިވެރިނުވުމުގެ ސަބަބުން، އދ. އަތޮޅު ކައުންސިލް މެމްބަރު އަލީ އަޒަމް އާއި އެއަތޮޅު ކައުންސިލް މެންބަރު އަޙުމަދު ހަލީލް އާއި އއ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަލީ ސަމީރު އާއި އެކައުންސިލް މެމްބަރު ހަސަން ޝިޔާން އާއި މޫމިން ސިޔާމް ވެސް ވަނީ އެއް މަސްދުވަހަށް ސަސްޕެންޑްކޮށްފައެވެ.
މީގެއިތުރުން، ހިނގާލުމާއި ދެކޮޅަށް ތުޅާދޫ ކައުންސިލްގެ ރައީސް އަޙްމަދު އަބްދުއްރަޙީމް ކުރެއްވި ޓްވީޓެއްގެ މައްސަލަ ވެސް އެލްޖީއޭއިން މިހާރު ދަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ