ޕެނަލްޓީީގައި ކޮލަމްބިއާގެ މައްޗަށް ކުރި ހޯދާ، އާޖެންޓީނާ ސެމީއަށް

ޕެނަލްޓީގައި 4-5 ގެ ނަތީޖާއިން ކޮލަމްބިއާ ބަލިކޮށް، ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް، އާޖެންޓީނާ ދަތުރުކޮށްފިއެވެ.
މި މެޗުގެ ފުރަތަމަ ހާފްގައި އާޖެންޓީނާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފްގައި ގޯލްޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ، އެ ޓީމުގެ ދެ ފޯވާޑުން ކަމަށްވާ، މެސީ އަދި އަގުއެރޯއަށެވެ. ނަމަވެސް އެ ދެ ކުޅުންތެރިން ކުރިއަށް ފޮނުވާލި ދެ ހަމަލާ ވެސް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި، ކޮލަމްބިއާގެ ކީޕަރު އޮސްޕިނާ ވަނީ ދިފާއުކޮށްފައެވެ.
ޑިފެންސިވް ގޭމެއް މި މެޗުގައި ކޮލަމްބިއާގެ ފަރާތުން ފެނިގެންދިޔައިރު، އެޓީމަށް އާޖެންޓީނާގެ ގޯލާ އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާއެއް ވަނީ ފޮނުވާލެވޭ ގޮތް ނުވެފައެވެ.
ފުަރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްގައި ވެސް އާޖެންޓީނާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި ވެސް ގޯލްޖަހާނެ ރަނގަޅު ދެ ފުރުސަތެއް އާޖެންޓީނާއަށް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން އެޓީމުގެ ޑިފެންޑަރު އޮޓޮމެންޑީ ކުރިއަށް ފޮނުވާލި ބޯޅަ ގޯލުގެ ދަޑިއަށް އަމާޒުވިއިރު، ޓެވޭޒް ކުރިއަށް ފޮނުވާލި ބޯޅަ ގޯލު ހުރަސް ރޮގުމަތިން، ކޮލަމްބިއާގެ ޑިފެންޑަރު މުރީލޯ ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ވެސް، ދެ ޓީމުންކުރެ ޓީމަކަށް ގޯލެއް ކާމިޔާބުކުރެވިފައި ނުވާތީ، ނަތީޖާ ނެރުމަށް ދެން ދިޔައީ ޕެނަލްޓީއަށެވެ.
އާޖެންޓީނާގެ ޕެނަލްޓީތަށް ކާމިޔާބުކޮށްދިނީ، މެސީ، ގަރާއީ، ލަވެއްޒީ، ބަނޭގާ އަދި ޓެވޭޒްއެވެ. އާޖެންޓީނާއިން ޖެހި ޕެނަލްޓީތަށް ކާމިޔާބުނުކުރެވުނީ، ބީގްލިއާ އަދި މާކޮސް ރޯހޯއަށެވެ.
ކޮލަމްބިއާގެ ޕެނަލްޓީތަށް ކާމިޔާބުކޮށްދިނީ، ހަމޭސް ރޮޑްރިގޭޒް، ފަލްކާއޯ، ކުއަޑްރާޑޯ އަދި ކާޑޯނޯއެވެ. އެޓީމުގެ ޒުނީގާ ޖެހި ޕެނަލްޓީ އާޖެންޓީނާގެ ކީޕަރު ރޮމޭރޯ ދިފާއުކުރިއިރު، މުރީލޯ ކުރިއަށް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސް ދަޑިމަތިން ބޭރަށެވެ.
ސެމގައި އާޖެންޓީނާ ބައްދަލުކުރަން ޖެހޭނީ، ބްރެޒިލް އާއި ޕެރަގުއާއީ މިރޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ