ޖޭޕީ ޔޫތު ކައުންސިލް މެމްބަރު އައްފާންއަށް ބަޔަކު ހަމަލާ ދީފި

ރޭގެ ވަގުތެއްގައި، ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ލީގުގެ ކައުންސިލް މެމްބަރ އައްފާން ނާޝިދަށް ގްރޫޕަކުން ހަމަލާ ދީ މާރާމާރީ ހިންގައިފިއެވެ.
ޖުމްހޫރީ ޕާޓީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އައްފާން ދިރިއުޅުއްވާ ހުޅުމާލޭގައި ރޭގެ ވަގުތެއްގައި އޭނާއަށް ހަތަރު މީހުންގެ ގްރޫޕަކުން ވަނީ އިންޒާރުދީ، ހަމަލާ ދީފައި ކަމަށެވެ.
އަދި އެ ހަމަލާތައް ދީފައި ވަނީ، އައްފާން ކުރައްވާ ޓްވީޓުތަކާ ގުޅޭގޮތުން އިންޒާރު ދިނުމަށްފަހުގައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
"ވަގުތަށް" މަޢުލޫމާތު ދެއްވަމުން އައްފާން ވިދާޅުވީ އޭނާ ހުޅުމާލޭގެ ބަސްޓޮޕް ކައިރިން ގެއަށް ވަޑައިގަންނަވަނިކޮށް، ހަތަރު މީހުންގެ ގްރޫޕަކުން އޭނާއާ ދިމާކޮށް، "ފާޑު ފާޑުގެ ޓްވީޓު ނުކުރުމަށް" އިންޒާރު ދިން ކަމަށެވެ.
އަދި، އޭނާއަށް ހަމަލާދީ، އޭނާގެ ނޭފަތް ފަޅާލާފައިވާ ކަމަށް ވެސް އައްފާން "ވަގުތަށް" ވިދާޅުވިއެވެ.
މި ހަމަލާއާ ގުޅިގެން، އައްފާން ވަނީ ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ހޯއްދަވާފައެވެ. އަދި މި މައްސަލަ ފުލުހުންނަށް ވެސް ވަނީ ހުށަހަޅުއްވާފައެވެ.
ޖުމްހޫރީ ޕާޓީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އައްފާންއަށް ދެވުނު ހަމަލާއަކީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ދުލާ ޤަލަމުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލުވާލުމަށް ބަޔަކު ކުރި މަސައްކަތެއް ކަމަށް ހާމަވާ ކަމަށާއި، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށާއި ޒުވާނުންނަށް ދެވުނު ހަމަލާއެއް ކަމަށާއި، މި ފަދަ ކަންކަމަކީ ޑިމްކްރެޓިކް މުޖުތަމަޢުއެއްގައި އެއްގޮތަކަށްވެސް ހިނގައިގެން ނުވާނެފަދަ ދަށުދަރަޖައިގެ ނާތަހުޒީބު ޢަމަލުތަކެއް ކަމަށް އެ ބަޔާނުގައި ވެއެވެ.
" އަމަލު ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށް ހައްޤު އަދަބު ލިބިދިނުނަމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވީހާވެސް އަވަހަކަށް ކުރުމަށް ސަރުކާރުގެ ކަމާބެހޭ އެންމެހާ މުވައްސަސާތަކަށް ގޮވާލަމެވެ،" އެ ބަޔާނުގައި ޖޭޕީއިން ބުނެފައިވެއެވެ.
އައްފާންއަށް މި ހަމަލާ އަމާޒުވެފައި މި ވަނީ، ރާއްޖޭގެ ޤާނޫނު އަސާސީ ހިމާޔަތް ކުރުމަށް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީއިން ޖުމްހޫރީ ޕާޓީއަށް ހުށަހެޅި ދައުވަތު ޤަބޫލުކޮށް، އެމްޑީޕީއާ އެކު ޤާނޫނު ނެގެހެއްޓުމުގެ މަސައްކަތް ކުރުމަށް ޖުމްހޫރީ ޕާޓީއިން އެއްބަސްވެފައިވާ ދަނޑިވަޅެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ