ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނު އަމުރާއި، ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު ދެ އަމުރުވެސް ސުޕްރީމު ކޯޓުގައި އިސްތިއުނާފު ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ނާޒިމްގެ ޤާނޫނީ ޓީމުން ވިދާޅުވެއްޖެއެވެ.
މި ދެ މައްސަލަވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައި މިވަނީ، ކްރިމިނަލް ކޯޓުގެ ދެ އަމުރަށް މިއަދު ހައި ކޯޓުން ތާއިދު ކުރުމާއި ގުޅިގެންނެވެ.
މިއަދު ހައި ކޯޓުން ވަނީ މައްސަލަ ނިންމުމަށްފަހު، އެ ދެ އަމުރު ނެރެފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅެން ނެތް ކަމަށް ހުކުމް ކޮށްފައެވެ.
ޝަރީއަތަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ނާޒިމްގެ ޤާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ، އަންނަ ހަފްތާގެ ތެރޭގައި މި ދެ މައްސަލަވެސް ސުޕްރީމް ކޯޓަށް ވައްދާނެ ކަމަށެވެ.
"ނާޒިމްގެ ފަރާތްޕުޅުން އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އެޕީލް ހުށަހެޅުމަށްޓަކައި. އިރާދަކުރެއްވިއްޔާ މި ފެށޭ ހަފްތާ ތެރޭ އެޕީލް ހުށަހަޅާނަން. ދެ މައްސަލައިގައިވެސް ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހަޅާނަން." މައުމޫން ހަމީދު ވިދާޅުވިއެވެ.
ނާޒިމްގެ ފަރާތުން މިހަރު ވަނީ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައި ފާސްކުރުމަށް ނެރުނު އަމުރުވެސް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް މި މައްސަލަ އަދި ކޯޓުން ބަލައިގެންފައި ވާކަން ނުވަތަ ނޫންކަން ސާފެއް ނުވެއެވެ.
މައުމޫން ހަމީދު ވިދާޅުވީ ވޮރެންޓުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި މިއަދު ކޯޓަށް ވައްދާފައި ވާއިރު، މިއަދު ހައި ކޯޓުން ކުރި ހުކުމާ ގުޅިގެން އެ މައްސަލައަށް އެއްވެސް ބަދަލެއް އަންނަން ޖެހޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަަމަށެވެ.
ނާޒިމް ހައްޔަރުކުރިއިރު އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުން މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ނުރައްކާތެރި ހަތިޔާރު ވަނީ ފެނިފައެވެ. މި މައްސަލައިގެ ތަހްޤީޤު ނިންމައި، ނާޒިމްގެ މައްޗަށް ދަަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.
ނާޒިމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފުގެ ދެ މައްސަލަވެސް ސުޕްރީމް ކޯޓަށް ހުށަހަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ