ކަންކަން ކުރަންވާނީ ޖީލުތަކުގެ ހައްގުތައް ނުގެއްލޭގޮތަށް: މައުމޫން

މިއަދު ކުރާ ކޮންމެ ކަމެއްވެސް ކުރަންވާނީ ކުރިޔަށް އޮތް ޖީލުތަކުގެ ހައްގުތައް ނުގެއްލޭގޮތަށް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ސިންގަޕޫރުގައި ހުންނަވައިގެން މިއަދު ކުރެއްވި ޓުވީޓެއްގައި އެވެ
މިއަދު އަޅުގަނޑުމެން ކުރާ ކޮންމެކަމެއްވެސް ކުރަންވާނީ އަންނަންއޮތް ޖީލުތަކުގެ ޙައްޤުތަކަށް އުނިކަން ނުލިބޭ ގޮތެއްގެ މަތިންނެވެ.
— Maumoon Abdul Gayoom (@maumoonagayoom) August 17, 2016
ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ މިފަހަކަށް އައިސް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އަވަސް އަރުވާލައިގެން ފާސް ކުރަމުންދާ ބިލުތަކަކީ ގައުމަށާއި ރައްޔިތުންނަށް އޭގެ ގެއްލުން ފަހުން ވާނެ ބިލްތަކެއް ކަމަށް ވިދާޅުވުމަށް ފަހު އެވެ.
އެގޮތުން ރައީސް މައުމޫން ވަނީ ބީލަމަށް ނުލައި ފަޅުރަށްތައް ކުއްޔަށް ދިނުމުގެ އިސްލާހާއި، އަބުރުގެ ބިލާއި ފާޅުގައި ދެކޮޅު ހައްދަވާފައި އެވެ. އަދި މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވަނީ ބައްޕާފުޅުގެ ނިންމެވުމާއި އެއްގޮތަށް މަޖިލީހުގައި އެ ބިލްތަކާއި ދެކޮޅަށް ވޯޓު ދެއްވާފައި އެވެ.
ފަޅުރަށްތައް ކުއްޔަށް ދިނުމުގެ އިސްލާހުގެ މައްސަލައިގަ ރައީސް ޔާމީނާއި ރައީސް މައުމޫންގެ ދެމެދުގައި ވަނީ ހިޔާލުތަފާތުވުން އުފެދިފައި އެވެ.  ޕީޕީއެމް ދެބައިވެ، ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ މައުމޫން ޕީޕީއެމް ހިންގަވާގޮތާއި މެދު ހިންހަމަ ނުޖެހި މައްސަލަ ކޯޓަށް ވައްދާފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ