2020 ވަނަ އަހަރު މާލޭގައި 'ޢިއްޒުއްދީން ސްކޫލް' ގެ ނަމުގައި ސްކޫލެއް ހުޅުވަނީ

މާލެ ސިޓީގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން 2020 ވަނަަ އަހަރު މާލޭގައި އައު ސްކޫލެއް ހުޅުވުމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ. އަލަށް ހުޅުވާ މި ސްކޫލްގެ ނަމަކީ "ޢިއްޒުއްދީން ސްކޫލް" ކަމަށާއި، އެސްކޫލް ހިންގާނީ ކުރީގެ މާލޭ އިންގްލިޝް ސްކޫލް ހިންގި ޢިމާރާތުގައި ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
 
ޢިއްޒުއްދީން ސްކޫލަކީ ގްރޭޑް 1 ން 10 އަށް ކިޔަވައިދެވޭނެ ސްކޫލެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އެ ސްކޫލް ފުރަތަމަ ހުޅުވޭނީ ގްރޭޑް 1 ން 6 ގެ ކްލާސްތައް އެކަނި ހިމަނައިގެން ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން އަންނަ އަހަރު އެސްކޫލްގައި ގްރޭޑް 1 ން 4 އަށް ކޮންމެ ގްރޭޑެއްގައި 3 ކިލާސް ހުންނާނެ ކަމަށާއި، އަދި ގްރޭޑް 5 އާއި 6 ގައި ކޮންމެ ގްރޭޑެއްގައި 2 ކިލާސް ހުންނާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އެއިން ކޮންމެ ކިލާހެއްގައި ތިބޭނީ 25 ދަރިވަރުންނެވެ. އަދި އެއީ އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
 
ޢިއްޒުއްދީން ސްކޫލަށްވެސް ދަރިވަރުން ވެއްދުމަށް ހަމަޖެހިފައިވަނީ އެހެން ސްކޫލްތަކުންވެސް ދަރިވަރުންނަށް ޖާގަދޭ އުޞޫލުން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެހެންކަމުން ގްރޭޑް 2، 3، 4، 5 އަދި 6 އަށް ކުދިން ވައްދަން ބޭނުންވާ ބެލެނިވެރިން އެކަމަށް އެދި އެޑިޔުކޭޝަން މިނިސްޓްރީއަށް ސިޓީ ހުށަހެޅުއްވުމަށާއި، ދަރިވަރުން ވެއްދުމުގައި އިސްކަންދެވޭނީ އެކަމަށް އެދި ސިޓީ ހުށަހަޅުއްވާ ތަރުތީބުންކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.
 
ޢިއްޒުއްދީން ސްކޫލްގައި ގްރޭޑް 7 ން 10 އަށް ކިޔަވައިދިނުމުގެ ކަންކަން އިންތިޒާމް ކުރައްވާނީ 2021 ވަނަ އަހަރުން ފެށިގެން ކަމަށްވެސް ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
 
މާލޭގައި އަލަށް ހުޅުވަން ނިންމެވި ޢިއްޒުއްދީން ސްކޫލް ހިންގެވުމަށް ނިންމަވާފައިވާ ޢިމާރާތަކީ، މިހާރު އުވާލައްވާފައިވާ މާލޭ އިންގްލިޝް ސްކޫލްގެ އިތުރުން މަންދު ކޮލެޖާއި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށްވެސް ތަޢުލީމު ދިނުމަށް ބޭނުންކުރެވިފައިވާ ތަޢުލީމީ ބިނާއެކެވެ. އެހެންކަމުން އެތަނުގެ އިންފްރާ ސްޓްރަކްޗަރަކީ މިހާރުވެސް ތަޢުލީމީ މުއައްސަސާއެއް ހިންގުމަށް އެކަށީގެންވާނެ އިންފްރާ ސްޓްރަކްޗަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ