ޕޮޒިޓިވް ނުވާ ކުއްޖެއް ކަރަންޓީނަށް ގެންދިޔުމުން ތަކަންދޫއަށް އިތުރު ހާސްކަމަކަށް

ހއ. ތަކަންދޫން ކޯވިޑަށް ޕޮޒިޓިވްވި 3 މީހުން ކަރަންޓީނަށް ގެންދިޔަ އިރު އޭގެ ތެރޭގައި ނެގެޓިވްވި ކުއްޖަކު ކަރަންޓީނަށް ގެންދެވިއްޖެ ކަން އެނގުމުން ތަކަންދޫއަށް އިތުރު ހާސްކަމަށް ވެރިވެއްޖެއެވެ.
ތަކަންދޫން ކޯވިޑަށް ޕޮޒިޓިވްވުމުން އެއަތޮޅު ދޮނަކުޅީގައި ތަރައްގީ ކޮށްފައިވާ ކަރަންޓީނު ފެސިލިޓީއަށް ގެންދިޔައީ 37 އަހަރުގެ އަންހެނަކާއި 29 އަހަރުގެ އަންހެނަކާއި އޭނާގެ ފަސް އަހަރުގެ ފިރިހެން ދަރިފުޅެކެވެ.
ތަކަންދޫ ކައުންސިލްގެ ނައިބު ރައީސާ އައިޝަތު އާސިފާ މިނޫހަށް ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވްވީ އަންހެން ކުއްޖެއް ކަމަށް އެކުއްޖާގެ ޢާއިލާއަށާއި ސިއްޙީ މަރުކަޒަށް މިހާރު އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ.
” މިއަދު މިހިނގި ކަންތަކާއި ގުޅިގެން މިހާތަނަށް ކައުންސިލާއި އެޗްޕީއޭއިން އެއްވެސް ވާހަކައެއް ހިއްސާއެއް ނުކުރޭ. އެޗްޕީއޭއިން މި މައުލޫމާތު ކައުންސިލާ ހިއްސާ ނުކުރުމަކީ އަޅުގަނޑުމެންނަށް ވަރަށް ދަތިވާ ކަމެއް” އާސިފާ ވިދާޅުވިއެވެ.
އާސިފާ ވިދާޅުވީ ޕޮޒިޓިވްވިކަމަށް އެޗްޕީއޭއިން އެންގި ކުއްޖާ އަދި ހުރީ ތަކަންދޫގައި ކަމަށެވެ. ” ކާވިޔާ ބޯޓުން ދަތުރު ކުރި 36 މީހުންގެ ތެރެއިން މިހާރު ރަށުގައި ތިބި 33 މީހުންގެ ޑަބަލް ސާމްޕަލްނެގި ނަމަވެސް އެމީހުންނާއި ސީދާ ބައްދަލުވި މީހުންގެ ސާމްޕަލް އަދި ނުނަގާ، މިވެސް ރައްޔިތުންނަށް އިތުރު ހާސްކަން ގެނުވާ ކަމަށް ” އާސިފާ ވިދާޅުވިއެވެ.
އާސިފާ ވިދާޅުވީ މިހިނގާދިޔަ ކަންތަކުގައި އެރި އޮޅުމެއް އެއްގޮތަކަށްވެސް ސާފު ނުވާކަމަށާއި، ބައެއް މީހުން އެ ދެ ކުދީންގެ ނަން އެއްގޮތް ވާހަކަ ފާހަގަ ކުރިނަމަވެސް އެ ސާމްޕަލްނަގައި، އެ ޕްރޮސެސްގެންދިޔައީ އެޗްޕީއޭއާއި އަތޮޅު ހޮސްޕިޓަލް ގުޅިގެން ކަމަށްވާތީ އެކުދިންގެ އައިޑީކާޑުވެސް ބަލާފައިވާތީ އެ ދެކުދިންގެ ނަން އެއްގޮތް ވެގެން އޮޅުމެއް އަރާނެ ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށެވެ.
އެޗްޕީއޭއިން އަދި މިކަމާއި ގުޅިގެން ރަސްމީބަހެއް ވިދާޅުވެފައި ނުވާއިރު، މިނޫހާއި ތަކަންދޫން ވާހަކަ ދެއްކި އިތުރު މީހުންވެސް ވަނީ އެމީހުން ތިބީ ވަރަށް ކަންބޮޑުވެ، ހާސްކަމެއްގައި ކަމަށް ބުނެފައެވެ.
ތަކަންދޫން ނެގި 36 ސާމްޕަލް ތެރެއިން 3 މީހެއް ޕޮޒިޓިވް ވެފައިވާކަން އެރަށަށް އެންގީ އިއްޔެއެވެ.
ކާވިޔާ ބޯޓުން ދަތުރުކުރި އުލިގަމު މީހަކު ޕޮޒިޓިވު ވެފައިވާއިރު، އެ ބޯޓުގައި ދަތުރުކުރި އިވަންދޫ 35 މީހުންނާއި، ހދ. ވައިކަރަދޫ 23 މީހެއްގެ ސާމްޕަލްތައް ވަނީ ނެގެޓިވު ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ