ރާއްޖޭގައި ހަލުވިކަމާއި އެކުގައި ކޮވިޑް19 ވައިރަސް ފެތުރެން ފެށީ ކަމާ ބެހޭ އިދާރާތަކުން ދެމުން ގެންދިޔަ އިރުޝާދުތަކަށް ކަމޭ ނުހިތުމުން ކަމަށް ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ރާއްޖޭގައި ހަލުވިކަމާއި އެކުގައި ކޮވިޑް19 ފެތުރެން ފެށީ އަމިއްލަ އިހުމާލުން ކަމަށެވެ. އަދި ވިދާޅުވީ އެންމެހާ ރައްޔިތުން ދެންވެސް ގޭގައި ތިއްބެވުމަށެވެ. ޖިސްމާނީ ދުރުމިން ބެހެއްޓެވުމަށެވެ. އެމަނިކުފާނު ވަނީ މި ހާލަތުގައި ދިވެހި ގައުމަށް މާތްﷲ ގެ ރަހުމަތް ލެއްވުމަށް އެދި ދަންނަވާފައެވެ.
ހިތާމައާ އެކު ދަންނަވަން . ރާއްޖޭގައި ހަލުވި ކަމާ އެކު ކޯވިޑް ފެތުރެން އެ ފެށީ އިރުޝާދު ތަކަށް ކަމޭ ނުހިތާތީ. އަމިއްލަ އިހުމާލުން. ދެންވެސް ގޭގައި ތިއްބަވާ! ޖިސްމާނީ ދުރުމިން ހިފަހައްޓަވާ! ﷲ ގެ ރަޙްމަތަށް އެދެން. @ibusolih @HPA_MV @MRM_Office
— Maumoon Abdul Gayoom (@maumoonagayoom) April 17, 2020
މިދިޔަ ބުދަ ދުވަހު މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކު ފެނިފައިވާއިރު މިއަދާއި ހަމައަށް މާލެ އިން ވަނީ ޖުމްލަ ހަތް ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ތުއްތު ކުދިންވެސް ހިމެނެއެވެ.
މިކަމުގެ ސަބަބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަށް މާލެ ސިޓީ ލޮކްޑައުން ކުރުމަށް ނިންމާފައެވެ.
މިއަދު މެންދުރު 1:15 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން މަނާކުރާ ކަމަށެވެ.
އޭގެ އިތުރުން މާލެ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓް (ބަހާއި ފެރީ)ގެ ހިދުމަތް ހުއްޓާލުމަށާއި މާލެ، ހުޅުމާލެ، ވިލިމާލޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅަށް މީހުން އަރައި ފޭބުން ހުއްޓާލުމަށް އެންގުމުގައިވެއެވެ.
ނަމަވެސް ސިފައިންނާއި ފުލުހުން، ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު، އެމްބިއުލާންސް، ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ފާސް ލިބިފައިވާ ފަރާތްތަކާއި މީޑިއާތަކުގެ އިތުރުން ފުލުހުން ހުއްދަވޭ ފަރާތްތައް މިފިޔަވަޅުތަކުން އިސްތިސްނާވާނެ ކަމަށް އެންގުމުގައި ބުނެފައިވެއެވެ.
ރާއްޖޭގައި ހަލުވިކަމާއި އެކުގައި ކޮވިޑް19 ފެތުރެން ފެށީ، އިރުޝާދުތަކަށް ކަމޭ ނުހިތުމުން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ