ބޮޑުބޭބެއާ ބައްދަލުކުރަން ޣައްސާން މައުމޫން ޖަލަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ، ރައްޔިތުންގެ މަޖިލިހުގެ ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޣައްސާން މައުމޫން މާފުށީ ޖަލަށް މިއަދު ވަޑައިގެންފިއެވެ.
"ވަގުތަށް" އެނގިފައިވާ ގޮތުގައި ޣައްސާން މައުމޫން މާފުށީ ޖަލަށް ވަޑައިގެންނެވީ އާއިލީ ބައްދަލުވުމަކަށެވެ.
ޣައްސާން، ޔާމީންއާ ޖަލުގައި ބައްދަލު ކުރެއްވި އިރު، އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޓެރަރިޒަމްގެ ތުހުމަތުގައި ޖަލުގައި އޮންނެވި އިރު، އެމަނިކުފާނާ ބައްދަލު ކުރެއްވުމަށް އެކި ފަހަރު މަތިން ޣައްސާން މާފުއްޓަށް ވަޑައިގެންނެވިއެވެ.
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ފަހުކޮޅެވެ. އެ ހުކުމާ ގުޅިގެން ޔާމީން އަދިވެސް ހުކުމް ތަންފީޒު ކުރައްވަނީ މާފުށީ ޖަލުގައި ހާއްސަ ޔުނިޓެއްގައެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރިއިރު، އެ ހުކުމް އެ މަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމަށް ފަހު އިސްތިއުނާފް މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްދިނުމަށާއި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދޭން ހައި ކޯޓުގައި އެދުނެވެ.
އެކަމަކު، ހައި ކޯޓުން ދާދި ފަހުން ނިންމީ ޔާމީންގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން ކަފާލާތުގެ ދަށުން ބަންދުން މިނިވަން ނުކުރެވޭނެ ކަމަށާއި އަދި އެމަނިކުފާނުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެވެން ވެސް ނެތް ކަމަށެވެ.
ޔާމީންގެ ސިއްހީ މައްސަލަތަކެއް ހުރި ކަމަށާއި އޭގެ ތެރެއިން ބައެއް ކަންކަމަށް ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަން ޖެހޭ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ޔާމީން ވަނީ ކުރިން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ