5 އަހަރުވީ އިރު ވަޑައިނުގަތް ދިއްދޫއަށް ޔާމީންކުރައްވާ ދަތުރުފުޅަކީ ރައްޔިތުން ބަލައިގަންނަން ޖެހޭ އަދި މަރުޙަބާ ކިޔަންޖެހޭ ކަމެއްވެސް ނޫން: މެމްބަރު ލަތީފް

މާލެއިން ފުރައިގެން ގަޑިއެއްހާ އިރު ދެވޭ ހިސާބުގައި އޮތް ހއ. ދިއްދޫއަށް ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި މިވީ ހުރިހާ ދުވަހު ވަޑައިނުގެން، އިންތިޚާބަށް 2 މަސްދުވަހަށްވުމުން ވަޑައިގަތުމަކީ އެރަށުގެ ރައްޔިތުން މަރުހަބާ ދަންނަވަން ޖެހޭ ނުވަތަ އެއްވެސް ގޮތަކަށް ބަލައިގަންނަން ޖެހޭ ކަމެއް ނޫންކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ލަތީފް މިހެން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުތަކުގެ ތެރެއިން، މިހާރު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަންގާރަ ދުވަހު ދިއްދޫއަށް ވަޑައިގަތުމުގެ ކުރިން ނެރުއްވި ބަޔާނެއްގައެވެ. ރައީސް ޔާމީންގެ މިދަތުރުފުޅަކީ، ދިއްދޫގެ ފެނުގެ ނިޒާމް ހުޅުއްވައިދެއްވުމާއި، ދިއްދޫ ހުޅަނގު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމާއި، ދިއްދޫގެ ބައެއް މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ނަމުގައި ކުރައްވާ ކެމްޕޭން ދަތުރުފުޅެއްކަމަށް ލަތީފް ފާހަގަކުރެއްވިއެވެ.
ލަތީފް ވިދާޅުވީ ދިއްދޫގެ ތަރައްޤީއަށާއި، ޒުވާނުންނަށް ކޮށްދެއްވާނެކަމަށް ރައީސް ޔާމީން އަމިއްލަފުޅަށް ވެވަޑައިގެންނެވި އެއްވެސް ވައުދެއް މިދިޔަ 5 އަހަރުތެރޭ ނުފުއްދޭކަމަށެވެ. އެހެންނަމަވެސް މިދިޔަ ފަސް އަހަރުގެ ތެރޭގައި ދިއްދޫއާއި ދާއިރާގެ ތަރައްޤީއަށް ލަތީފް އަމިއްލަފުޅަށް މަސައްކަތްކުރައްވައި، މަޖިލިސް ތެރެއިން ދައުލަތުގެ ބަޖެޓުން ގިނަ ކަންކަން ކޮށްދެއްވިކަމަށް ލަތީފް ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، ލަތީފްގެ މަޖިލިސް ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައި، ސަރުކާރުން ދިއްދޫއަށް ކޮށްދެމުން އައި ގިނަ ކަންކަންވެސް ހުއްޓުވާފައިވާކަމަށް ލަތީފް ވިދާޅުވިއެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައާއި، ސަރުކާރުގެ ތެރޭގައި ދިއްދޫ ރައްޔިތުންގެ އަޑު އުފުލަން އިންތިޚާބުކޮށްފައި ހުރި މެމްބަރު، ޤާނޫން އަސާސީއާއި ޤަނޫނުތަކާއި އުޞޫލުތަކާއި ޚިލާފަށް ސަރުކާރުން ހިންގާފައިވާ މާފުކުރެވެން ނެތް ބޮޑު ޖަރީމާއެއްކަމަށާއި، ދިއްދޫ ރައްޔިތުންނަށް ސަރުކާރުން ދިން އެންމެ ބޮޑު އަނިޔާކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މީގެ އިތުރުން އިންތިޚާބު ބޯމަތިވުމުން ހަތިޔާރުއެޅި ސިފައިންނާއި ކޯޓު އަމުރުތަކާއިއެކު ރަށްރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި، ހައްދަވަމުން ގެންދަވާ އިތުރުފުޅުތަކަކީ ދިވެހި ޒުވާނުންނާއި އާއްމު ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫންކަމަށްވެސް ލަތީފް ވިދާޅުވިއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ