ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމުން ސޯޝަލް މީޑިއާގައި އެމްޑީޕީގެ އާންމު މެންބަރުން ރުޅިގަދަވެ، ޖުމްހޫރީ ޕާޓީއަށާއި އުމަރަށް ވަރަށް ބޮޑަށް ފާޑުކިޔަން ފަށައިފި އެވެ.
އުމަރަކީ ފެށުނީއްސުރެއް އެމްޑީޕީގެ ސިޔާސަތަށާއި އެ ޕާޓީން ކުރާ ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަންނަ ބޭފުޅެކެވެ. އަދި އެމްޑީޕީގެ މިހާރުގެ ލީޑާޝިޕާ "އެއް ގަލަކަށް" ދުވަހަކު ވެސް ނާރާނެ ކަމަށް އެކި ފަހަރުގެ މަތިން އުމަރު ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް އެމްޑީޕީއާ އެކު އިއްތިހާދުވެފައި އޮތް ޖޭޕީއާ ދިޔަ ބުރާސްފަތި ދުވަހު އުމަރު ގުޅިވަޑައިގަތުމުން އެމްޑީޕީގެ އާންމު މެންބަރުން އަންނަނީ ސޯޝަލް މީޑިއާގައި އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން އުމަރަކީ ގުޅިފައިވާ އިދިކޮޅު ޕާޓީތައް ރޫޅާލަން ވަތް "ކަތުރު ފަންޏެއް" ގޮތުގައި އެމްޑީޕީގެ ގިނަ އާންމު މެންބަރުން ވަނީ ސިފަކޮށްފަ އެވެ. އެއީ އިއްތިހާދަށް ބަޣާވާތެއް ގެނައުން ފަދަ ކަމެއް ކަމަށާއި ޖޭޕީގެ ކެނޑިޑޭޓުކަން އުމަރަށް ދީގެން ނުވާނެ ކަމަށް އެ މެންބަރުން ބުނެ އެވެ. އަދި ޖޭޕީގެ ދުވަސް ވެސް އުމަރު ނަސީރު ދުއްވާލާނެ ކަމަށް ވެސް އެ މެންބަރުން އަންނަނީ ބުނަމުން އެވެ.
އޭގެ އިތުރުން އިދިކޮޅު ލީޑަރުންތައް ޖަލަށް ލުމަށް އެންމެ ބޮޑަށް ރައީސް އަބްދުﷲ ޔާމީންއާ ގުޅިގެން ރާވައި އެ މަސައްކަތުގައި ބައިވެރިވީ އުމަރު ކަމަށް ބުނެ ވެސް އެމްޑީޕީގެ މެންބަރުން އުމަރާ މެދު އަންނަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުން އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކާނަލް މުހައްމަދު ނާޒިމް އަދި އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ ވެސް ބަންދު ކުރީ، އުމަރު ހޯމް މިނިސްޓަރު ކަމުގައި ހުއްޓާ ކަމަށާއި އެފަދަ މީހަކު އިދިކޮޅު ކޯލިޝަންއެއްގައި ހިމެނިގެން ނުވާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
އިދިކޮޅު އިއްތިހާދުގެ އެންމެ އިސްކޮށް އުޅުއްވާ ޕާޓީ، އެމްޑީޕީގެ ބައެއް އާންމު މެންބަރުން ބުނާ ގޮތުން އުމަރު މިހާތަނަށް ފަސް ފަހަރަށް ޕާޓީ ބަދަލު ކުރުމުން ވެސް އެމަނިކުފާނުގެ ނިޔަތް ސާފު ނުވާނެ ކަން އެނގެ އެވެ. އަދި އުމަރަށް ޖޭޕީގެ ޓިކެޓު ދޭ ދުވަހު ރައްޔިތުންގެ ކުރިމަތީ އެ ޕާޓީގެ އަގު ވެއްޓޭނެ ކަމަށާއި އެމަނިކުފާނު ހިމެނޭ ކޯލިޝަންއެއްގައި އެމްޑީޕީ އޮތުން ރަނގަޅެއް ނުވާނެ ކަމަށް ވެސް އެ މެންބަރުން ބުނެ އެވެ. އަދި ޖޭޕީ ހިމެނޭ ކޯލިޝަނަކުން އެމްޑީޕީ ނުކުތުމަށް ވެސް އެ ޕާޓީގެ އާންމު މެންބަރުން އަންނަނީ ގޮވާލަމުން އެވެ.
އެމްޑީޕީގެ ބައެއް މެންބަރުން ބުނާ ގޮތުން އިދިކޮޅާ އުމަރު ގުޅިވަޑައިގެންފި ނަމަ އެމްޑީޕީގެ ނިންމުންތަކަށް ޖޭޕީ އަމަލު ކުރުން ހުއްޓުމަކަށް އަންނާނެ ކަމަށެވެ. އަދި ހުރިހާ ޕާޓީތަކުގެ މަންފާއަށް އެމްޑީޕީއިން ނިންމާ ނިންމުންތަކަށް ވެސް އުމަރު ދެކޮޅު ހަދާނެ ކަމަށާއި ޖޭޕީ އެއްކޮށް ހިސޯރު ކުރާނެ ކަމަށް އެ މެންބަރުން ބުނެ އެވެ.
އަދި އުމަރަކީ ސިޔާސީ ގޮތުން އެއްވެސް ބަރުދަނެއް ހުންނަ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނު ހުރިހާ ޕާޓީތަކުގެ މަސްލަހަތަށް ވުރެ އިސް ކުރާނީ އަމިއްލަ އެދުން ކަމަށް ވެސް އެ މެންބަރުން ބުނެ އެވެ.
އެމްޑީޕީގެ އާންމު މެންބަރުން މިހެން ވިދާޅުވި ނަމަވެސް އުމަރު ޖޭޕީއާ ގުޅުމަކީ ސަރުކާރުން ހިންގާ އަނިޔާވެރި ވެރިކަމަށް އިތުރު ފުރުސަތެއް ނުދިނުމަށް އިދިކޮޅު ކޯލިޝަނުން ކުރަމުންގެންދާ މަސައްކަތައް ލިބިގެންދާނެ އިތުރު ހިތްވަރެއް ކަމަށް ޖުމްހޫރީ ޕާޓީ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވަނީ ވިދާޅުވެފަ އެވެ. އަދި އުމަރަކީ ސިޔާސީ ދާއިރާގައި ވަރަށް ގާބިލް ބޭފުޅެއް ކަމަށާއި އެމަނިކުފާނު ޖޭޕީއަށް ގެނައުމުގެ މަސައްކަތަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، އެ ޕާޓީގެ މަސައްކަތް ފުޅާކުރުމުގެ ގޮތުން ގާބިލް އެކިއެކި ބޭފުޅުން އިތުރުކޮށް ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ ގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ޖޭޕީއާ ގުޅިވަޑައިގަތުމަށް ފަހު އުމަރު ވިދާޅުވީ އެހެން ޕާޓީއެއް ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރުން އެ ޕާޓީން ހުއްޓާލާ، ޖޭޕީގެ ކެނޑިޑޭޓަކު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އިދިކޮޅުން އެއް ކެންޑިޑޭޓެއް ނެރުމަށް ރައީސް ނަޝީދު މީގެ ކުރިން ބާރު އަޅުއްވާފައިވީ ނަމަވެސް އިދިކޮޅު އެއް ކެންޑިޑޭޓެއް ނެރެވޭނެ މަންޒަރެއް ނުފެނެ އެވެ. ކޮންމެ ޕާޓީއަކުން ވެސް ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓެއް ރިޔާސީ އިންތިހާބަށް ނެރޭނެ ކަމަށެވެ.
އުމަރު ޖޭޕީއާ ގުޅުމުން އެމްޑީޕީ މެންބަރުން ރަތަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ