އާމިރު ޚާން އަނެއްކާވެސް ވަރަށް ޒުވާންކޮށް!

އެކްޓަރު އާމިރު ޚާނަކީ އަބަދު ވެސް އޭނާ ކުޅޭ ފިލްމުތަކުގެ ކެރެކްޓާތަކަށް ވަރަށް ބޮޑަށް ތައްޔާރުވާ ތަރިއެކެވެ. އެކަން މި ފަހުން އެންމެ ބޮޑަށް ފާހަގަކުރެވުނީ 2016 ގައި ރިލީޒްކުރި ފިލްމު "ޑަންގަލް" އިންނެވެ. އެ ފިލްމުގައި އޭނާގެ ވަރަށް ތަފާތު ދެ ލުކެއްގައި ދައްކަ އެވެ. އޭގެ ތެރެއިން އެއް ލުކަކީ ބޮޑު ބަނޑެއް ލާފައި އަދި ވަރަށް ފަލަކޮށް ހުންނަ އުމުރުން ދުވަސްވީ މީހެއްގެ ކެރެކްޓާ އެވެ. އަނެއް ލުކަކީ ޒުވާން އުމުރުގައި ވަރުގަދަ ހަށިގަނޑާ އެކުގަ އެވެ.
މި ކަހަލަ ތަފާތެއް އަނެއްކާ ވެސް އާމިރު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމު "ލާލް ސިންގް ޗައްޑާ" ގެ ޝޫޓިން ހުއްޓިފައި އޮންނަތާ މަސްތަކެއް ފަހުން ނިއު ދިއްލީގައި އަލުން ޝޫޓިން ފެށުމާ އެކު، ސެޓުން ލީކްވި ވީޑިއޯއެއް މިހާރު އަންނަނީ މީޑިއާގައި ދައުރުވަމުންނެވެ. އޭގައި 55 އަހަރުގެ އެކްޓަރު ފެންނަނީ ވަރަށް ޒުވާން ލުކެއްގަ އެވެ. ބޯ ހުރީ ވަރަށް ތުނިކޮށް ކޮށާލައި، ތުނބުޅި މަތިމަސް ބާލައިފަ އެވެ. އެ ވީޑިއޯ އިން އާމިރު ފެންނަނީ އޮރެންޖް ކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖީންސެއް ލައިގެން "މޭދަށަށް" ބެގީ ޖަހާލައިގެން ހުއްޓަ އެވެ. އާމިރުގެ މި ލުކުން ހަނދާނަށް ގެނެސްދެނީ 2009 ގައި އޭނާ ކުޅުނު "3 އިޑިއަޓްސް" އިން ފެނުނު ގޮތެވެ.
View this post on Instagram A post shared by Aamir Khan (@amirkhan_aktor) on Sep 26, 2020 at 12:09am PDT
"ލާލް ސިންގް ޗައްޑާ" އަކީ އެކި ދައުރު ދައްކުވައިދޭނެ ފިލްމަކަށްވާތީ އާމިރުގެ ތަފާތު ލުކްތަކެއް އެ ފިލްމުން ފެންނާނެ އެވެ. ފިލްމުގެ ޝޫޓިން އެންމެ ފުރަތަމަ ފަށައިގަނެ، ޕޯސްޓަރު ވެސް ދައްކައިލި އިރު އާމިރު ހުރީ ދުވަސްވީ މީހެއްގެ ގޮތުގަ އެވެ. އެގޮތުން ފަގުޑި އަޅައިގެން ހުންނަ އިރު، ދިގު ތުނބުޅިއެއް ވެސް ހުރެ އެވެ.
View this post on Instagram A post shared by Aamir Khan (@_aamirkhan) on Nov 17, 2019 at 8:48pm PST
އަދުވައިތު ޗަންދަން ޑައިރެކްޓްކުރާ "ލާލް ސިންގް ޗައްޑާ" އަކީ 1994 ގައު ރިލީޒްކުރި އެކްޓަރު ޓޮމް ހޭންކްސްގެ "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. އާމިރާ އެކު މީގެ ބަތަލާގެ ރޯލުން ކަރީނާ ކަޕޫރް ވެސް ފެނިގެންދާނެ އެވެ. ދެވަނަ ދަރިފުޅަށް ބަލިވެއިން ބަތަލާ ވެސް މިހާރު ހުރީ ޝޫޓިން އަށް ދިއްލީގަ އެެވެ.
ކުރިން މި އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައި ސިނަމާތަކަށް ގެންނަން އޮތް ފިލްމުގެ މަސައްކަތް ތާވަލުކުރި ގޮތަށް ކުރިއަށް ނުގެންދެވި ދިގު ލައިގެން ދިއުމުން މިހާރު ވަނީ އަންނަ އަހަރުގެ އެ ތާރީހަށް ފަސްކޮށް އެވެ. އެހެންވެ "ލާލް ސިންގް ޗައްޑާ" އަށް ކުރަން ޖެހޭ އިންތިޒާރު އަދި އަހަރަކަށް ވުރެ ވެސް ދިގެވެ.
މި ފިލްމަކީ 2018 ގެ "ތަގްސް އޮފް ހިންދުސްތާން" އަށް ފަހު އާމިރު ކުޅޭ ފުރަތަމަ ފިލްމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ