ޕީޕީއެމްއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދެވޭނެ މީހަކީ އަޅުގަނޑު - އުމަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށްފަހު އިންތިހާބުގައި ވާދަކުރާނެ "އޭ ގްރޭޑް" ކެނޑިޑޭޓެއް ޕީޕީއެމްގައި ނެތް ކަމަށާއި ޕީޕީއެމް ވެރިކަމަށް ގެނެސްދެވޭނެ ވަރުގެ މީހަކަށް ހުރީ އުމަރު ނަސީރު ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
"އަވަސް" ނޫހުގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ، ޕީޕީއެމްގެ ދޮރު އޭނާއަށް ބަންދުކޮށްފައި ވަނީ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ރައީސް ޔާމީނަށް ހުރެވެން އޮތީ އެހެން ހަދައިގެން ކަމަށް ވާތީ ކަމަށާއި އެކަމާއި މެދު އެއްވެސް ޝަކުވާއެއް ނުކުރާނެ ކަމަށެެވެ. ޕީޕީއެމް އަދި ޕީއެންސީ އިންވެސް ވަނީ އުމަރަށް އިތުރަށް ފުރުސަތެއް ނެތް ކަން ހާމަކޮށްފައެވެ.
ރިޔާސީ ޓިކެޓު އުމަރަށް ނުދޭނެ ކަަމަށާއި އެންމެ ކުޑަމިނުން އެދެޕާޓީގެ މެންބަރޝިޕް ވެސް އުމަރަށް ނުދޭނެ ކަމަށް އެދެޕާޓީއިންވެސް ވަނީ ހާމަކޮށްފައެވެ.
އުމަރު ވިދާޅުވީ 2023 ގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށާއި ވަކި ޕާޓީއަކުން ފުރުސަތު ނުލިބުމަކީ ކުރިއަށްދާން އޮތް މަގު ބަންދުވުންކަމަށް ދެކެވަަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑަކީ ވަކި މީހަކު ދޮރެއް ހުޅުވައިގެން ނޫނީ ކުރިއަށް ނުދެވޭނެ ކަމަށް ގަބޫލުުރާ މީހެއް ނޫން. މިދިޔަ 15 އަހަރު އަޅުގަނޑު ހިނގީ އަމިއްލަ ފައިމަތީގައި. އެއްވެސް ލީޑަރެއްގެ ބުރަކަށިމަތީގައެއް ނޫން އަޅުގަނޑު ހިނގީ" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، އަމިއްލައަށް މަގު ހޯއްދަވާނެ ކަމަށާއި، އެއްވެސް ޕާޓީއެއްގެ ދޮރު އޭނާ އަށް ނުހުޅުވައި ހަމަ ބަންދުކުރަން ވީކަމަށެވެ. އުމަރަކީ ޕީޕީއެމް ފިކުރުގެ ބޭފުޅެއް ކަމަށާއި، ޕީޕީއެމް އުފެއްދެވުމުގައި އިސްކޮށް ތިއްބެވި ތިން ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނޭނެ ކަމަށް އުމަރު ވިދާޅުވިއެވެ. އެކަން ރައްޔިތުންނަށް އޮޅުވައި ނުލެވޭނެ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އުމަރު ވިދާޅުވީ ޕީޕީއެމް މީހުން ވެރިކަން ބޭނުންވާ ކަމަށާއި، އެހެން ނަމަވެސް ވެރިކަން ލިބޭނެ އެއްކަމެއް އެމީހުންގެ އަތުގައި މަދު ކަމަށެވެ. އެގޮތުން ވެރިކަން ހޯދާ ނަމަ "އޭ ގްރޭޑް ކެނޑިޑޭޓެއް" ބޭނުންވާނެ ކަމަށާއި، އެހެން ނަމަވެސް އެފަދަ ކެނޑިޑޭޓެއް ރައީސް ޔާމީން ފިޔަވާ ޕީޕީއެމްގައި ނެތް ކަމަށް އުމަރު ވިދާޅުވިއެވެ.
މިވަގުތު ތިއްބެވީ ހުސް ސީ ކެޓަގަރީގެ ކެނޑިޑޭޓުން ކަމަށާއި، ޕީޕީއެމް އިން އަދިވެސް ފުރުސަތެއް ލިބުން ކައިރި ކަމަށް ގަބޫލުުކުރައްވާ ކަމަށް އުމަރު ވިދާޅުވިއެވެ. އެ ފުރުސަތު ޔާމީންވެސް ފަހިކޮށްދެއްވަފާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ