އަނިޔާއާ ގުޅިގެން މި ސީޒަނުގައި ހެންޑަސަންއަށް ދެން ނުކުޅެވޭނެ

ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަންއަށް އަނިޔާވެ އޭނާއަށް މި ސީޒަނުގައި ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.
ހެންޑަސަންއަށް އަނިޔާވީ އިނގިރޭސި ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ ބްރައިޓަން އަތުން 3-1 ން ލިވަޕޫލް މޮޅުވި މެޗުގައެވެ. އެ މެޗުގެ ދެވަނަ ހާފުގައި ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ.
އެ މެޗުގައި ހެންޑަސަންއަށް އަނިޔާވިއިރު، އެ އަނިޔާއާ ގުޅިގެން މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހެންޑަސަންއަށް ދެން މި ސީޒަނުގައި ނުކުޅެވޭނެކަން ވަނީ ޔަގީންވެފައެވެ.
މި ސީޒަނުގައި ލިވަޕޫލަށް ބާކީ ހަތަރު މެޗު އޮތްއިރު، ހެންޑަސަން ވަނީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ލިވަޕޫލަށް 30 މެޗު ކުޅެދީފައެވެ. އަދި އޭނާ ވަނީ 30 އަހަރަށްފަހު ލިވަޕޫލަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިންމު ދައިރެއް އަދާކޮށްފައެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ހެންޑަސަންގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން މި ސީޒަނުގައި ދެން ހެންޑަސަންއަށް ނުކުޅެވުނު ކަމުގައި ވިޔަސް، ލީގު ތަށި އުފުލާލުމުގެ ޝަރަފް ދޭނީ އޭނާއަށް ކަމަށެވެ. އަދި ހެންޑަސަން އަންނަ ސީޒަން ފެށުމުގެ ކުރިން ފިޓްވާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ކްލޮޕް ބުންޏެވެ.
30 އަހަރަށްފަހު ލިވަޕޫލުން ލީގު ތަށި އުފުލާލާއިރު، މި މަހު 22 ވަނަ ދުވަހު ޗެލްސީއާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗަށްފަހު، ލީގުގެ ތަށި އެ ޓީމާ ހަވާލުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ކްލޮޕްގެ އިރުޝާދުގެ ދަށުން ލިވަޕޫލުން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، މީގެ ކުރިން ކްލޮޕް ވަނީ ލިވަޕޫލަށް ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބު ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްދީފައެވެ.
ޕްރިމިއާ ލީގުގައި ލިވަޕޫލަށް ބާކީ ހަތަރު މެޗު އޮތްއިރު، ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅޭ މެޗުގައި ލިވަޕޫލް އަމިއްލަ ދަނޑުގައި ނުކުންނާނީ ބާންލީއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ