ރީތީ ހީލީމާ

(އަށްވަނަ ބައި)
އަހަންނަށް އިނދެވުނީއެވެ. ދޭންވީ ޖަވާބެއް ނޭނގިފައެވެ. ބުނަންވީ ވާހަކައެއް ވެސް ހިތަށް ތިލަ ނުވެފައެވެ.
"މި ކިހިނެއްވީ ކަމެއް؟" އަހަރެންގެ ކަރުގައި އިނގިލި ޖައްސާލަމުން ފިނާ ބުނެލިއެވެ.
ބަދަލުގައި އަހަންނަށް ބެލުނީ ފިނާގެ މޫނަށެވެ. އޭނާގެ ދެ ލޮލަށެވެ. ޔަގީންކުރެވުނީ ކަނދުރާމަތިން ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމެވެ. އެހައި ވަރަށް ދިލަ ނަގާނީ އެހެންވީމާ ކަމެވެ. ފިނާ ވެސް ހާސްވީ އެހެންވީމަކަމެވެ.
"ހީވަނީ އަނދައިފަ ހުރިހެން. ކަރަންޓުގައި ޖެހިފަ ހުރިހެން ހީވަނީ، ހަންގަނޑުގެ ކުލަ ހުރީ ކަޅުވެފަ،" ފިނާގެ މޫނުމަތިން ހާސްކަމުގެ އަސަރު ފެންނަން ފެށިއެވެ. "އަނެއްކާ އަހަރެން ނިދީމަ ބޭރަށް ދިޔައީތަ؟"
އަހަރެން ބޯހޫރައިލީމެވެ. ނޫނެކޭ ބުނުމުގެ ގޮތުންނެވެ.
"ދެން ކީއްވެ މި ވަރު މިވީ؟ ކަމެއް ނުވާނަމަ މިހެން ވާން ޖެހޭނެތަ؟" ސުވާލަކަށްފަހު ސުވާލެއް ފިނާ އަހަންނާ ކުރިމަތި ކުރަމުން ދިޔައެވެ.
"އަހަރެން... އަހަރެން." އަހަރެން ވާހަކަދެއްކޭތޯ ބެލީމެވެ.
ލަފުޒުތައް އަނގައިން ބޭރުކޮށްލެވުނީ އުނދަގުލުންނެވެ. އަޑު ނުކުތީ ކެނޑިކެނޑިގެންނެވެ. އެހެންވެ ކަރުކެހިލުމަށްފަހު އަނެއްކާ ވެސް ވާހަކަ ދެއްކޭތޯ އުޅުނީމެވެ.
"އަހަންނަށް ހީވަނީ މިތަން އެހާ ރަނގަޅެއް ނޫންހެން. ހިނގާ މާލެދާން." ސީދާ ފިނާގެ މޫނަށް ބަލަން އިނދެ އަހަރެން ބުނެލީމެވެ.
"އެ ކީއްވެ؟" ސުވާލުން ފުރިގެންވާ ފަދަ ގޮތަކަށް ފިނާ ބަލައިލިއެވެ.
"ފިނާ ގަބޫލެއް ނުކުރާނެ،" އަހަރެންގެ ވިސްނުން ކަފިކަފިވިއެވެ. "ފިނާ ބިރުވެސް ގަންނާނެ."
"ޝަރީއަށް އިތުބާރު ނުކުރެޔޭތަ ތިބުނީ؟" ފިނާ ދުރަށް ޖެހިލިއެވެ.
"އުހުން އެހެންނެއްނޫން،" އަހަންނަށް ބުނެވު ވާހަކައާ މެދު ފުންކޮށް ވިސްނައިލެވުނީ ފިނާ އެހެން ބުނުމުންނެވެ. "މި ބުނީ މި ވާހަކައެއް ފިނާއަކަށް ގަބޫލެއް ނުކުރެވޭނޭ."
"ކޮން ވާހަކައެއްތަ؟ ކޮން ކަމެއްތަ ސިއްރުކުރަން ތިއުޅެނީ؟ އަހަރެންގެ ހުރިހާ ވާހަކައެއް ޝަރީއަށް ކިޔައިދިނިން. ދެން ޝަރީގެ ކަންކަން އަހަންނަށް ކިޔަދިނީމެއްނު. އަނެއްކާ ސިއްރުކުރާވަރު ކަމެއް އޮތީތަ؟ ކިޔައި ނުދޭ ވާހަކައެއް އޮތީތަ؟ ހިއްސާ ނުކުރެވޭ ވަރުގެ ކަމެއް ހިނގީތަ؟" ބޮލުގައި އޮތް ތުވާލި ނައްޓައިލާ އިސްތަށިގަނޑުން ފެން ހިއްކަމުން ފިނާ ބުނެލިއެވެ.
"އަހަންނަށް ވެސް ގަބޫލެއް ނުކުރެވޭ ރޭގެ ހާދިސާއެއް. ތިމާ މީހާއަށް ގަބޫލު ނުކުރެވޭ ކަމެއް އަދި އެހެން މީހަކު ގަބޫލުކުރާނެ ބާއޭ ހިތަށް މި އަރަނީ؟" ލަސްލަހުން އަހަރެން ބުނެލީމެވެ.
"ކޮން ވާހަކައެއްތަ؟ ކޮން ކަމެއްތަ؟" ފިނާގެ ރާގު ބަދަލުވާން ފެށިއެވެ.
"ޝާހިދާ." އަހަންނަށް ބުނެލެވުނެވެ.
"އަޖައިބު ކޮން ޝާހިދާއެއްހޭ؟" ހިތްހަމަ ނުޖެހިގެން އަހައިލާ ރާގުގައި ފިނާ އަހައިލިއެވެ.
"ނޭނގެ. ތި އަހަރެންގެ ސުވާލަކީ ވެސް." ދޭންވީ ޖަވާބެއް އަހަންނަށް ނުވިސްނުނެވެ.
"މިހާރު އަހަންނަށް ވިސްނެނީ އެހެން އެއްޗެއް،" އަމިއްލަ ތުންފަތުގައި ދަތްއަޅަމުން ފިނާ ބުނެލިއެވެ. "މިހާލަތުގައި އެހެން މީހަކު ހުއްޓަސް އަހަންނަށް ހީވަނީ ވިސްނާނީ މިހެންހެން."
"ތިބުނީ؟" ފިނާ ބުނަން އުޅުނު ވާހަކަ ދޭހަ ނުވުމުން އަހައިލީމެވެ.
"ތި ވާހަކަދައްކާ ގޮތުން،" ފިނާ ނުރުހުމުގެ ރާގުގައި ބުނެލިއެވެ. "ބުނަން ނުކެރިގެން އުޅޭތީ."
ކުއްލިއަކަށް ދޮރުގައި ޖަހައިލި އަޑު އިވުނެވެ. އަހަންނަށް ބަލައިލެވުނީ ފިނާގެ މޫނަށެވެ. ފިނާ ވެސް ބަލައިލީ އަހަރެންގެ މޫނަށެވެ. ދެން ދިޔައީ ހިމޭން ސިކުންތު ކޮޅެކެވެ. އަޑެއްބަޑެއް ނީވި މުޅި ތަން ހިމޭންވީއެވެ. އިރުކޮޅެއް ފަހުން އަނެއްކާ ވެސް ޓަކި ޖަހައިލިއެވެ. ކުރިއަށްވުރެ ތަންކޮޅެއް ބާރަށެވެ. އަވަސް އަވަހަށެވެ.
"ކާކު؟" ފިނާ ސުވާލުކޮށްލީ މަޑުމަޑުންނެވެ.
"ދޭބަލަ ބަލައިލަން. އަހަރެން މި ވަންނަނީ ފާޚާނާއަށް." ފިނާ ބުނެލިއެވެ.
އެނދުން ތެދުވެ ސޯޓު ހެޔޮވަރުކޮށް ލަމުން އަހަރެން ދޮރާ ދިމާއަށް ހިނގައިގަތީމެވެ. ފިނާ ވަނީ ފާޚާނާއަށެވެ. އޭރުވެސް ހުއްޓުމެއް ނެތި ޓަކި ޖަހާއަޑު އިވުނެވެ. ދެފިކުރެއްގައި ހުރެ ދޮރު ހުޅުވާލީމެވެ. ލިބުނީ ހައިރާންކަމެކެވެ. އެއްވެސް މީހަކު ނެތެވެ. ބޭރަށް ބޯދިއްކޮށްލަމުން ބަލައިލީމެވެ. ކޮޓަރިއާ އިންވެގެން އޮތް ހަނި މަގަށެވެ. މީހެއްގެ ހިލަމެއް ނެތެވެ. އަހަންނަށް ބޯހޫރައިލެވުނެވެ.
ދޮރު ލައްޕައިލީމެވެ. ދޮރު ލައްޕައިލިހެން ހީނުވެ އަނެއްކާ ވެސް ޓަކި ޖަހަންފެށިއެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ރުޅި އިސްކުރެވެން ފެށުނެވެ. ކޮންމެވެސް މީހަކު ޖެއްސުން ކުރަނީއޭ ހިތްބުނެލިއެވެ. ހިތްހަމަ ނުޖެހިފައި ހުރެ ދޮރު ހުޅުވާލީމެވެ. ކުރިމަތީގައި ހުރީ ރިސެޕްޝަނިސްޓެވެ. ލުއި ހިނިތުންވުމަކާއެކު އެ ކުއްޖާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. އެއީ ސާދާ މޫނެއްގެ ވެރިއެކެވެ.
"ފަސްޓު އެއިޑް ބޭނުންވެގެން ގުޅުއްވީމަ." ސާފު ދިވެހިބަހުން އެކުއްޖާ ވާހަކަދެއްކިއެވެ.
ހައިރާން ކަމާއެކު އަހަންނަށް ބަލައިލެވުނެވެ. އޭނާގެ ލައިގެން ހުރި ޔުނީފޯމުގެ ކަނާއަތް ފަރާތު މޭމަތީގައި އިނގިރޭސިބަހުން ލިޔެފައިވާ ނަމަށެވެ. ހިތުން އެ ނަން ކިޔައިލެވުނެވެ. ޝުހުދާއެވެ. ހިތްބުނެލީ އެއީ އޭނާގެ ނަން ކަމެވެ. ޝުހުދާ ހިނިތުންވެލައިގެން ހުރި ފަސްޓު އެއިޑް ކިޓް ދިއްކޮށްލިއެވެ.
"ކާކު ގުޅީ؟" އަހަރެން ބޭނުންވީ ޔަގީންކޮށްލާށެވެ.
"ނޭނގެ. އަޅުގަނޑު ޑިއުޓީއަށް އައީ ދެންމެ. ކުރިން ޑިއުޓީގައި އިން ކުއްޖާ އޮތީ ނޯޓު ކޮށްލައިފަ މި ރޫމަށް ހެނދުނު އަށްގަޑި ބަޔަށް ފަސްޓު އެއިޑް ކިޓް ބޭނުންވާ ކަމަށް." ހިނިތުންވެލަމުން އަނެއްކާ ވެސް ޝުހުދާ ޖަވާބުދިނެވެ.
"އެހެންތަ؟" ހައިރާންކަމާއެކު އަހަންނަށް ބަލަން ހުރެވުނީއެވެ.
"އިމަޖެންސީ ހާލަތެއް ދިމާވެއްޖެ ނަމަ ލަސް ނުކުރައްވާ އަޅުގަނޑަށް އިޝާރަތްކޮށްލަ ދެއްވާ. ޝައްކުކުރެވޭ ފަދަ ކަމެއް ދިމާވިޔަސް." އަކުރުތަކަށް ބާރުލަމުން ޝުހުދާ ބުނެލިއެވެ.
"ތިބުނީ؟" އަހަރެން ހައިރާން ކަމާއެކު އަހައިލީމެވެ.
"މި ދެންނެވީ ބައެއް މީހުންނަށް ކަންތައްތަކާ ދިމާވާތީ." ޝުހުދާ ބަލަން ހުރީ ސީދާ އަހަރެންގެ މޫނަށެވެ.
"އެހެންތަ؟"
"އަނެއްކާ ކަމެއް ދިމާވިތޯ؟ މި ދެންނެވީ ހާސްވެ ކަންބޮޑުވާ ވަރުގެ ކަމަކާ ކުރިމަތިވެ ލެއްވިތޯއޭ؟"
އަހަންނަށް ފާހަގަކުރެވުނު ކަމެއް އޮތެވެ. ޝުހުދާ މާ ވާހަކަ ގިނަކަމެވެ. އަހަރެންގެ ފަރާތުން ކޮންމެވެސް އެއްޗެއް ހޯދަން އޭނާ ބޭނުންވެގެން އުޅޭކަމެވެ. އޭނާގެ ސުވާލުތައް ހުރީ އެ ފަދަ ގޮތަކަށް ކަމެވެ.
"އޯކޭ! ތޭންކްސް." އަހަރެން ބޭނުންވީ އަވަހަށް ޝުހުދާ ފޮނުވާލާށެވެ.
"އަދި އެއްވާހަކަ." ދޮރުލައްޕާލަން އުޅެން ފެށުމުން އަނެއްކާ ވެސް ޝުހުދާ ބުނެލިއެވެ.
ސުވާލުގެ ނަޒަރުން އަހަންނަށް ބެލުނީ ޝުހުދާގެ މޫނަށެވެ. އޭނާގެ ދެ ލޮލަށެވެ. އެ ދެ ލޮލުގައި ހުރީ ދެކެފަރިތަކަމެވެ. ފަރިތަކަމެވެ.
"ހެނދުނުގެ ސައި ކުރިއަށްދާނީ އެގާރަ ޖަހަންދެން. މެންދުރުގެ ކެއުން ތިނެއް ޖަހަންދެން. ރޭގަނޑު ވެސް އެގާރަ ޖަހަންދެން. އަބަދުވެސް ރެސްޓޯރެންޓް ހުޅުވިފައި ހުންނާނެ. މި ދެންނެވީ ޕެކޭޖުގެ ވާހަކަ. ރެސްޓޯރެންޓުން ބޭނުންފުޅު އެއްޗެއް ކޮންމެ ވަގުތަކު ވެސް ލިބިލައްވާނެ." ސީދާ އަހަރެންގެ ލޮލަށް ބަލައިގެން ހުރެ ޝުހުދާ ބުނެލިއެވެ.
އަހަރެން ބޭނުންވީ އަވަހަށް އޭނާ ފޮނުވާލާށެވެ. އެހެންވެ ހިނިތުންވެލުމަށްފަހު އަވަސްއަވަހަށް ދޮރު ލައްޕާލީމެވެ. ދޮރު ލައްޕާލިއަޑަށް ފާޚާނާއިން ފިނާ ނުކުތެވެ.
"ކާކު؟" ފާޚާނާއިން ނުކުންނަމުން ފިނާ ސުވާލުކޮށް ކޮށްލިއެވެ.
"ފަސްޓު އެއިޑް ކިޓް ހިފައިގެން." އަހަންނަށް ވިސްނެން ފެށުނީ ޝުހުދާ ދެއްކި ވާހަކައަށެވެ.
"ޝަރީ ގުޅީމަތަ ގެނައީ؟"
"ނޫން. ރޭ ނުގެނުވީމައޯ. ޗެކިންވާއިރު ކޮންމެ ރޫމަކަށް ވެސް ލައިފަޔޯ އޮންނާނީ." އަހަރެން ގަސްތުގައި ދޮގު ހެދީމެވެ.
ތެދަށް ބުނެފިނަމަ ފިނާގެ ފަރާތުން ކުރިމަތިވާނެ ސުވާލުތައް ގިނަވާނެތީއެވެ. އޭނާ ކުރާ ކޮންމެ ސުވާލަކަށް ދޭނެ ޖަވާބެއް އަހަންނަށް ނުލިބޭނެތީއެވެ. ސުވާލުތަކުގެ ޖަވާބު ނުލިބޭނަމަ އަނެއްކާ އަނެއް ހަ ކަންތަކާ ކުރިމަތިލާން ޖެހޭނެތީއެވެ. އަވަސްއަވަސްކޮށްލަމުން ފަސްޓު އެއިޑް ކިޓް މޭޒު މަތީގައި ބެހެއްޓީމެވެ.
"އެކަމަކު ހާދަ ގިނައިރެއްވީ؟" ގަޔަށް ހެދުން މަހައިލަމުން ފިނާ ސުވާލުކޮށްލިއެވެ.
"އާން، ކެއުމުގެ ޝެޑިއުލް ކިޔައިދިނީ." އަހަރެން ބެލީ ކުރުކުރު ޖަވާބަކުން ފުއްދާލެވޭތޯއެވެ.
"ވަރަށް ބަނޑުހައި. ހިނގާ އަވަސްކޮށްލައިގެން ސަޔަށްދާން."
"އާނ! މި ނުކުންނަނީ އިނގޭ." ފާޚާނާގެ ތަޅުގައި ހިފައިލީމެވެ.
ފާޚާނާއަށް ވަދެ އަހަންނަށް ހުއްޓިލެވުނީ ލޯގަނޑު ކައިރީގައެވެ. ފަރުވާތެރިކަމާއެކު ބަލައިލެވުނީ ކުރިމަތިން ފެންނަން ހުރި ސޫރައަށެވެ. މަޑުމަޑުން ކަނދުރާ އަރިކޮށްލަމުން، އެނބުރިލެވުނެވެ. ފުންނޭވާއެއް ދޫކޮށްލެވުނެވެ. ކަރުގެ ދެފަރާތުން އިނގިލީގެ ނިޝާންތަކެއް ފާހަގަވާން ހުރުމުންނެވެ.
އެ ނިޝާންތަކުގައި އިނގިލި ޖައްސާލެވުނެވެ. ފާޑެއްގެ ތޫނު ދިލައެއް ނަގައިގަތެވެ. ދެފަރާތަށް ބޯހޫރައިލެވުނެވެ. އަވަސްއަވަސް ކޮށްލައިގެން ނުކުންނަންވީއޭ ހިތްބުނެލިއެވެ. ދަތްއުނގުޅައިލުމަށްފަހު ޝަވަރ ދޫކޮށްލެވުނެވެ. މުޅި މީހާ ތުރުތުރު އަޅައިގަތެވެ. ކުއްލިއަކަށް ހީކަރުވާ ގަތެވެ. ރަނގަޅަށް ބަލައިލެވުނީ އިސްކުރަށެވެ. ފާޑަކަށް ހިނިތުންވެވުނެވެ. މާ ހާސްވެވަންޏާ ވާނީ ވެސް މިހެންނޭ ހިތަށް އެރިއެވެ. އެހެންވެ އިސްކުރު އަނެއް ފަރާތަށް އަނބުރައިލެވުނެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ އެހައި ހިސާބުންނެވެ.
ފެންތިކިތައް ޖެހެމުންދާ ވަރަކަށް ކަނދުރާއިން ނަގަމުން ދިޔަ ދިލައިގެ އަސަރު އިތުރުވަމުން ދިޔައެވެ. ބައެއް ފަހަރު ކެތް ނުވާވަރު ވެއެވެ. އެކަމާ މާ ބޮޑަށް ނުވިސްނާ އަވަސްކޮށްލުމަށް ނިންމީމެވެ. ކިތައްމެ ތަދެއްވީ ނަމަވެސް، ކެތްކޮށްލައިގެންނެވެ. އަޒުމާއެކު ހިތްވަރުކޮށްލީމެވެ.
ފެންވަރާ ނިމުމާއެކު، ކަނދުރާމަތީ ހުރި ދިލައިގެ އަސަރު ކެނޑިގެން ދިޔައެވެ. ބޮލުގައި ހުރި ފެންތައް ތުވާލިން ހިއްކަމުން އަހަންނަށް ބަލައިލެވުނީ ލޯގަނޑަށެވެ. މަޑުމަޑުން ކަނދުރާ އަރިކޮށްލަމުން ނިޝާންތައް ހުރިތޯ ބަލައިލެވުނެވެ. ހައިރާންކަމާއެކު އަނެއްކާ ވެސް ބަލައިލެވުނެވެ. ދެ ލޯ ބޮޑުކޮށްލެވުނެވެ. ލޯގަނޑާ ކައިރިއަށް ޖެހިލެވުނެވެ. ދެފަރާތަށް އެނބުރިލެވުނެވެ. ކަނދުރާގެ ދެފަރާތުގައި އިނގިލިތައް ޖައްސާލެވުނެވެ. ކަޅި ޖަހައިނުލާ ބަލަން ހުރެވުނެވެ.
"އެވީ ކިހިނެއްބާ؟" ހިތަށް އެރި ސުވާލު މަޑުމަޑުން ބޭރުކޮށްލެވުނެވެ. "ފެން ޖެހުނީމަ ފިލައިގެން ދިޔައީތަ؟" (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ