ވެރިކަން ކުރި އެކަކަށްވެސް ދެން ވެރިކަމެއް ނުލިބޭނެ: އުމަރު

ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ދެން ވެރިކަމަށް ލިބިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެއެވެ.
ސީއެންއެމްގެ "އިތުރު ކާފް" ޕްރޮގްރާމްގައި އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގައި މީގެކުރިން ރައީސްކަން ކުރައްވައި ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިވަޑައިގެން އެއްވެސް ރައީސަކަށް ވެސް ދެން ރާއްޖޭގެ ވެރިކަން ކާމިޔާބު ކުރެއްވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަދި އެއީ ޔާމީނަށް ވިޔަސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވިޔަސް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވިޔަސް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަށް ވިޔަސް ދެން ވެރިކަން ކާމިޔާބު ނުކުރެއްވޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑަށް ޔަގީންވާ ކަމަކީ ދެނެއް މި ރާއްޖޭގައި މީގެ ކުރިން ރައީސްކަން ކުރައްވާ ނާކާމިޔާބީއާ ކުރިމަތިވި އެއްވެސް ބޭފުޅެއް، އެއީ ރައީސް ޔާމީން ކަމުގައި ވިޔަސް، ނަޝީދު ކަމަށް ވިޔަސް، ރައީސް މައުމޫން ކަމަށް ވިޔަސް، އަދި ރައީސް ވަހީދު ކަމަށް ވިޔަސް ރާއްޖޭގެ ރިޔާސީ އިންތިހާބެއް ދެނެއް ކާމިޔާބެއް ނުކުރެއްވޭނެކަން" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ޔާމީން ވެސް ދެން ވެރިކަމަށް ކުރިމަތި ލެއްވިޔަސް ހޮވިވަޑައިނުގަންނަވާނެ ކަން އެމަނިކުފާނު އަރިހުން ދަންނަވާފައި ވާނެ ކަމަށެވެ.
އުމަރު ވިދާޅުވީ ވެރިކަމެއްގެ އާރާއި ބާރު އޮއްވައި އެ ވެރިކަމެއް ނާކާމިޔާބު ވެއްޖެ ނަމަ ދެން އަލުން ވެރިކަން ލިބުމަކީ ދުނިޔޭގައި މިހާތަނަށް ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ. އަދި ކުރިން ވެރިކަން ކުރެއްވި ބޭފުޅަކު އަލުން ވެރިކަމަށް ކުރިމަތިލާ ކަމުގައިވާނަމަ އެ ކުރައްވަނީ ބޭކާރު މަސައްކަތެއް ކަމަށާއި ހޭދަ ކުރައްވަނީ ބޭކާރު ފައިސާތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މިހެން މިކަން އޮތް ކަމުގައިވީ ނަމަވެސް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހަރަކާތްތެރިވާ ބޭފުޅުން އެކަން ގަބޫލު ނުކުރައްވާ ކަމަށެވެ. އެގޮތުން 2013 ވަނަ އަހަރު ރައީސް ޔާމީނާއި ވާދަކުރައްވާ އެމްޑީޕީގެ ރައީސް ނަޝީދު ބަލިވުމުން އެ ބަލި ގަބޫލު ނުކޮށް އަދިވެސް އެމަނިކުފާނު ހުންނެވީ ޕާޓީ ހިފަހައްޓައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމަ ރާއްޖޭގެ ސިޔާސީ ލީޑަރުން އެބަ ޖެހޭ އިންތިހާބުތަކުގައި ވާދަކޮށް އެ އިންތިހާބުތަކުން ނާކާމިޔާބުވީމަ ފަހަތަށް ޖެހިފަ އެހެން ފްރެޝް ލީޑަރުންނަށް ޖާގަ ދެއްވަން. މިއީ މުޅި ދުނިޔޭގެ ޑިމޮކްރަޓިކް ނިޒާމް ހިނގާ ގޮތް،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މިހާރު ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ ކަމަށްވާ ޕީޕީއެމް އަކީވެސް އޭނާ އާއި ޔާމީން އަދި މައުމޫން އެއްބައިވެގެން އުފައްދާފައިވާ ޕާޓީއެއް ކަމަށާއި، ނަމަވެސް އެޕާޓީގެ ފަހަތުންވެސް އުޅެން ބޭނުން ނުވާ ކަމަށެވެ.
އަދި ޔާމީން ޕާޓީގެ "ދަންމަރު" އޭނާ ދެއްވަންދެން މަޑު ނުކުރައްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. ޕީޕީއެމްގެ ލީޑާޝިފްގެ ދޮރު ހުޅުވައިފި ނަމަ 2023 ގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކަމަށާއި އަދި އެމްޑީޕީ ބަލިކުރައްވާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އުމަރު އަންނަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ