1990 ގައިވެސް ހުރި ގޮތަށް މިއަދުވެސް މިހުރީ ލިވަޕޫލާ އެކު: މައުމޫން

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 30 އަހަރަށް ފަހު ކަށަވަރުކޮށްފައިވާ ލިވަޕޫލުން ރޭ 5-3 އިން ޗެލްސީ ބަލިކޮށް ލީގުގެ ތަށި އުފުލާލުމާ އެކު ރާއްޖޭގެ އެންމެ ދުވަސްވީ ލިވަޕޫލް ސަޕޯޓަރު، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކުލަބަށް މަރުހަބާ ވިދާޅުވެއްޖެ އެވެ. ލިވަޕޫލުގެ އެންމެ ކާމިޔާބު ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް ވެސް ދެގޮތެއް ނުވެ އެ ކުލަބާ އެކު މައުމޫން ހުންނެވި އިރު އެމަނިކުފާނު ފުރަތަމަ ވެސް އެ ކުލަބަށް ތާއީދު ކުރަން ފެއްޓެވީ މީގެ 60 އަކަށް އަހަރު ކުރިންނެވެ. އެ ދުވަސްވަރަކީ ޓީވީގެ ޒަރިއްޔާއިން މެޗު ބެލޭނެ ދުވަސްކޮޅެއް ނޫން ކަމުން މެޗުގައި ހިނގާ ކަންތައްތައް އަޑު އަހަނީ ރޭޑިއޯއިން ކަމަށް މައުމޫން ވިދާޅުވި އެވެ. ލިވަޕޫލުގެ އާދަޔާ ހިލާފު ކާމިޔާބަށް މަރުހަބާ ވިދާޅުވެ މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކުލަބުން ޕްރިމިއާޝިޕް ކާމިޔާބު ކުރުމުން ކުޅުންތެރިންނާއި، ކޯޗިންގް ސްޓާފާއި ސަޕޯޓަރުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ. "1990 ވަނަ އަހަރުވެސް އަޅުގަނޑު ހުރީ ލިވަޕޫލާ އެކު، މިއަދުވެސް މިހުރީ ހަމަ އެގޮތުގައި." ދިގު 30 އަހަރުގެ އިންތިޒާރަށް ނިމުން ގެނެސް ލިވަޕޫލުން ތަށި އުފުލާލުމާ އެކު ކުރެވުނު ޝުއޫރުތައް ފާޅު ކުރައްވަމުން މައުމޫން ވިދާޅުވި އެވެ. ލިވަޕޫލުން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރީ ބާކީ ހަތް މެޗު އޮއްވަ އެވެ. ރޭގެ މެޗުގައި އެ ޓީމަށް ތަށި ދިނީ މިއީ މި ފަހަރު ލީގުގައި އެ ޓީމުން އަމިއްލަ ދަނޑުގައި ކުޅުނު ފަހު މެޗު ކަމަށްވުމުންނެވެ. މިއީ ލިވަޕޫލުން ލީގު ކާމިޔާބުކުރި 19 ވަނަ ފަހަރެވެ. އެންމެ ގިނައިން ލީގު ކާމިޔާބުކުރުމުގެ ރެކޯޑް އޮތީ 20 ފަހަރު ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ޔުނައިޓެޑް އަތުގަ އެވެ. އުމުރުފުޅުން 82 އަހަރުގެ މައުމޫނަކީ ހަމައެކަނި "ސޯޝަލް މީޑިއާ" ގައި ސަޕޯޓަރެއް ނޫނެވެ. ގަވާއިދުން މެޗުތައް ބައްލަވަ އެވެ. އަދި ސަޕޯޓަރުންގެ ވައިބާ ގްރޫޕުގައި ޒުވާނުންނާ ބައިވެރިވެވަޑައިގެން، ކާމިޔާބާއި ނާކާމިޔާބީތަކުގެ އިހުސާސްތައް ހިއްސާކުރައްވަ އެވެ. ބައެއް ފަހަރު ލިވަޕޫލުގެ ސަޕޯޓަރުންނާ އެކު ބައެއް މެޗުތައް ވެސް ބައްލަވާ ހައްދަވާ މައުމޫން ވަނީ މިފަހަކުން ލިވަޕޫލްގެ ކުރީގެ ވައިސް ކެޕްޓަން ޑެންމާކުގެ ޑިފެންޑަރު ޑެނިއަލް އެގާ ރާއްޖެ އައުމާއެކު ކުރިއަށް ގެންދިޔަ ލިވަޕޫލު ސަޕޯޓަރުންގެ ހާއްސަ އިވެންޓެއްގައި ވެސް ބައިވެރިވެ ވަަޑައިގެންފަ އެވެ. އެ އިވެންޓުގައި މައުމޫން ވަނީ އެ މަނިކުފާނު ލިވަޕޫލަށް ކުރައްވާ ލޯތްބާއި، އެކުލަބުގެ ދިގު ތާރީހަށް އަލި އަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. "ލިވަޕޫލަށް ސަޕޯޓްކުރާތާ ވަރަށް ގިނަ ޒަމާންތަކެއް ވެއްޖެ. އެގާ ވެސް އުފަންވުމުގެ މާ ކުރިން އެއީ. އެގާ އުފަންވީ 1984 ވަނަ އަހަރު. އަަހަރެން ލިވަޕޫލަށް ސަޕޯޓްކުރަން ފެށީ 1960 ގެ އަހަރުތަކުގެ ތެރޭގައި. އޭރު ޓީވީ އަކުން މެޗެއް ނުފެންނާނެ. ޖެހޭނީ ރޭޑިއޯ ކޮމެންޓަރީ އަޑުއަހަން،" ރާއްޖޭގެ ހަރަކާތްތެރިވާ އެންމެ ބޮޑު ބައިނަލް އަގުވާމީ ފޭން ކުލަބު ކަމަށްވާ "އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް" އިން ބޭއްވި އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވި އެވެ. މީގެ އިތުރުން މައުމޫން ވަނީ އެ އިވެންޓުގައި ލިވަޕޫލުން 1990 ވަނަ އަހަރު ލީގު ކާމިޔާބުކުރުމަށް ފަހު ތަށި ދިފާއުކުރަން 1991 ވަނަ އަހަރު ލިބުނު ފުރުސަތު ގެއްލުމުގެ ހަނދާންތައް އާ ކުރައްވާފަ އެވެ. އެ ފަހަރު ލީގުގެ ފަހު މެޗުގައި އާސެނަލާ ދެކޮޅަށް އެއްވަރުކޮށްލައިގެން ވެސް ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ކަށަވަރުކުރެވެން އޮއްވައި ލިވަޕޫލް ބަލިވީ 2-0 އިންނެވެ. އެމަނިކުފާނު ރައީސްކަމުގައި ހުންނެވި އިރު ވަރަށް ގިނައިން ރާއްޖޭގެ ފުޓްބޯޅަ މުބާރާތްތަކުގެ ފައިނަލް މެޗުތަކަށް ވަޑައިގަންނަވަ އެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުމުގެ މުހިއްމު ހިއްސާއެއް ކަމަށްވާ، ޕްރެޒިޑެންޓް އޮފް މޯލްޑިވްސް ސޮކާ ކަޕް (ޕޮމިސް ކަޕް) އެއީ ވެސް އެމަނިކުފާނުގެ ވެރިކަމުގައި 1987 ވަނަ އަހަރު ތައާރަފްކުރި މުބާރާތެކެވެ. އަދި ރާއްޖޭން ބޭރަށްދާ ފުޓްބޯޅަ ޓީމުތަކަށް އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އެހީތަކެއްވި އެވެ. ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ފައިނަލް މެޗު ބައްލަވާލައްވަން ކޮޅުނބަށް ވަޑައިގެންނެވި އެވެ. އަދި ވެރިކަމުން ފައިބައިވަޑައިގެން ހުންނެވި ނަމަވެސް 2009 ވަނަ އަހަރުގެ ފައިނަލް މެޗު ބައްލަވާލައްވަން ޑާކާ އަށް ވެސް ވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ