ރައީސް ޔާމީންގެ މައްސަލަ ބައްލަވައި، އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވެވި ގާޒީ އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ބެންޗުގައި ބޭންދީ އިއްތިފާގަކުން ނޫން ކަމަށް އެ މައްސަލަ ކުރިން ބެއްލެވި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިހެން ވިދާޅުވެފައިވާއިރު، ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް އެކި ޕްރޮމޯޝަންތައް ލިބުމަކީ އިއްތިފާގެއް ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް ހިސާން ހުސައިން ވަނީ ވިދާޅުވެފައެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ މިރޭ އާންމު ކުރެއްވި ލިޔުއްވުމެއްގައެވެ. ހައިލަމް އާންމު ކުރެއްވި ލިޔުއްވުމުގައި ވަނީ، ރައީސް ޔާމީންގެ މައްސަލައިގެ ޙުކުމްކުރުން 5 ނޮވެންބަރު 2019 ދުވަހަށް ތާވަލުކުރެވިފައިވަނިކޮށް އެދުވަހު ޖޭއެސްސީން އޭނާ ކުއްލިގޮތަކަށް ސަސްޕެންޑްކޮށް ކޯޓު ހިންގުން ޢަލީ ރަޝީދާ ޙަވާލުކުރުމުން، ޖެހިގެންއައި ދުވަހު ރައީސް ޔާމީންގެ މައްސަލަ ހައިލަމްގެ ސެކްޝަނުން ނެގުމަށްފަހު މައްސަލައިގެ ޙުކުމް ކުރުމުގެ މަސައްކަތް ޢަލީ ރަޝީދު ފެއްޓެވިކަން ފާހަގަކުރައްވާފައެވެ.
ހައިލަމްގެ ސުލޫކީ މައްސަލައެއް އޮތްކަމަށް ބުނެ، އޭނާ ކުއްލި ގޮތަކަށް ސަސްޕެންޑް ކުރިއިރު، ސުލޫކީ މައްސަލައަކާ ގުޅިގެން ފަނޑިޔާރަކު ސަސްޕެންޑްކުރުމަކީ އެ ފަނޑިޔާރު ބަލަމުންދިޔަ މައްސަލަތައް ބެލުމަށް ދިމާވާ ދާއިމީ ހުރަހެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ސަބަބަކީ ސުލޫކީ މައްސަލަ ސާބިތުވާނެކަން، ނުވަތަ ސާބިތުވިޔަސް މަޤާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާނެކަން އެއްވެސް މީހަކަށް ނޭނގޭނެތީއެވެ. ނޫނީ، އަޅުގަނޑު މަޤާމުން ވަކިކުރެވޭނެކަން ޖޭއެސްސީން ޢަލީ ރަޝީދަށް ކުރިން އެންގެވީތޯއެވެ؟" ހައިލަމް ސުވާލު އުފައްދަވާފައިވެއެވެ.
ޖިނާއީ މައްސަލައެއްގައި ޚުލާޞާ ބަޔާން އިއްވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި މައްސަލާގައި ޙުކުމެއް ކުރަންޖެހޭނެކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވާތީ ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި ޙުކުމް ކުރުމުގެ ހެޔޮ ނިޔަތުގައި ރައީސް ޔާމީންގެ މައްސަލަ ހައިލަމްގެ ސެކްޝަނުން ނެގީކަމަށް ޢަލީ ރަޝީދު ވިދާޅުވާއިރު، ޚުލާޞާ ބަޔާން ހުށަހެޅުމަށްފަހު 30 ދުވަސް ތެރޭގައި ޙުކުމް ކުރަންޖެހޭ އެތައް މައްސަލައެއް އޭނާގެ ސެކްޝަންގައި އޮއްވާ އެތަނުން ހަމަ އެކަނި ރައީސް ޔާމީންގެ މައްސަލަ ޢަލީ ރަޝީދު ނަގަންޖެހުނު ސަބަބަކީ ކޮބައިތޯ ހައިލަމް ސުވާލު ކުރެއްވިއެވެ.
" ރައީސް ޔާމީންގެ މައްސަލަ ނެގިއިރު ރައީސް ޔާމީންގެ މައްޗަށް ދަޢުވާކުރެވުނު މައްސަލާގައި ހިމެނޭ އާޒިމާ ޝަކޫރުގެ ދަޢުވާ ނުނެގީ ކީއްވެގެންތޯއެވެ؟ އެއީ އެއްމައްސަލައަކާ ގުޅިގެން އެކުއެކީގައި ދަޢުވާ ކުރެވުނު ދެ މައްސަލަކަން ޢަލީ ރަޝީދަށް ނޭނގުނީ ހެއްޔެވެ؟
ކްރިމިނަލް ކޯޓުގެ ހިންގުން ޢަލީ ރަޝީދާ ޙަވާލުކުރެވުނުއިރު ވެސް ޢަލީ ރަޝީދު ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާފައިވުމުން ޢަލީ ރަޝީދަކީ މަޤާމުގެ ކުރިއެރުމަކަށް ކެތްމަދުވެފައިވާ ފަނޑިޔާރެއްކަން އެނގެއެވެ." ހައިލަމްގެ ލިޔުއްވުމުގައިވެެެއެވެ.
އަލީ ރަޝީދަށް ސުޕްރީމް ކޯޓުގެ ގޮނޑިއެއް ލިބުމަކީ އިއްތިފާގެއް ނޫން: ހައިލަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ