ޝަރީއަތް ނިމެންދެން ރައީސް ޔާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށް އެދިއްޖެ

ދާދިފަހުން ޖަލު ހުކުމުން ސަލާމަތްވެވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ޕާސްޕޯޓް ޝަރީއަތް ނިމެންދެން ހިފެހެއްޓުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު އެދިއްޖެއެވެ.
ޕާސްޕޯޓު ހިފަހައްޓައި، ރައީސް ޔާމީނަށް ބޭރަށް ފުރާވާޑައިގަތުން މަނާ ކުރުމުގެ ވަގުތީ އަމުރެއް ކްރިމިނަލް ކޯޓުން ވަނީ މީގެ 5 ދުވަސްކުރިން ނެރެފައެވެ. އެއަމުރުގެ މުއްދަތު މާދަމާއަށް ހަމަވާނެއެވެ.
ސަރުކަރާއި އިދިކޮޅު ސިޔާސީ ލީޑަރު ޔާމިންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިން އާއި ރިޝްވަތު ގަބޫލްކުރުމުގެ ދައުވާގެ ޝަރީއަތުގައި، މިއަދު ކޯޓުގައި އޮތް އަޑުއެހުމުގައި ދައުލަތުން ހުށަހެޅުއްވީ، މިހާރު ކުރިއަށްދާ މައްސަލައިގެ ޝަރީއަތް ނިމެންދެން ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމަށާއި މިއަދު އެ ކަމާމެދު ވަކި ގޮތެއް ނިންމައިދިނުމަށެވެ.
މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޔާމީނުގެ ވަކީލު ވިދާޅުވީ، ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދި ހުށައަޅާފައިވާ ފޯމު ހޯދުމަށް އާދިއްތަ ދުވަހުވެސް މަސައްކަތް ކުރެއްވި ކަމަށާއި، ނަމަވެސް އެފޯމު ލިބިފައިވަނީ އަޑުއެހުމަށް ވަޑައިގެންނެވުމުން ކަމަށެވެ.
ވީމާ އެކަމާ ގުޅޭގޮތުން އިތުރު ވަގުތު ބޭނުންވާކަން ވަކީލު ފާހަގަ ކުރެއްވިއެވެ.
ދިފާއީ ވަކީލުން ވަނީ ދެހަފުތާގެ މުއްދަތެއް ދެއްވުމަށް އެދިފައެވެ. ނަމަވެސް ގާޒީ ވިދާޅުވީ، ދެ ހަފުތާގެ މުއްދަތަކީ އެކަމަށް މާގިނަ ވަގުތު ކަމަށެވެ.
އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޔާމީނު ވިދާޅުވީ، އެމަނިކުފާނު ފިއްލަވާނެ ކަމުގެ ހެކި ހުރިކަމަށް ފުލުހުންނާ ހަވާލާދީ ދައުލަތުން ބުނާއިރު، އެއީ ބޮޑެތި ތުހުމަތުތަކެއް ކަމަށާއި، އެ ހެކިތައް ބައްލަވަން ބޭނުންފުޅުވާ ކަމަށެވެ. ފުލުހުން ކޮށްފައި އެވަނީ ކޮށްގެން ނުވާނެ ކަހަލަ ތުހުމަތެއްކަމަށް ޔާމީނު ވިދާޅުވިއެވެ.
ނަމަވެސް ދައުލަތުން ވަނީ، ޔާމީނު ފިލައިގެން ގޮސްދާނެކަމަށް ބަޔާންކޮށް ވަކި ހެއްކެއް ހުށައަޅާފައި ނުވި ނަމަވެސް، އެމަނިކުފާނު ފިއްލަވާނެފަދަ ސަބަބުތައް ހުރިނަމަ އެކަމަށް ފަނޑިޔާރަށް ރިއާޔަތް ކުރެވޭނެ ކަން ފާހަގަ ކުރައްވާފައެވެ.
ރައްދުގައި ދައުލަތުން ވިދާޅުވެފައިވަނީ ދުރާލާ އިއުލާންކޮށް އަންގާފައިއޮތީ މިއަދުގެ އަޑުއެހުމުގައި ކުރިއަށްދާނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރާ ގުޅޭގޮތުން ވާހަކަ ދެއްކުން ކަމުގައެވެ. އެހެންވެ އެކަމަށް މިއަދު ދިފާއުން ތައްޔާރުވާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މިއީ ގާނޫނީ ކުޑަ މައްސަލައެއް ކަމަށް ސިފަކުރައްވައި ދައުލަތުން ވިދާޅުވީ ދިފާއުން އެދިވަޑައިގަތީ އެކަށީގެންވާ ވަރަށް ވުރެ މާ ދިގު ވަގުތެއް ކަމަށެވެ.
ދައުލަތުން ވިދާޅުވަނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދިވަޑައިގަތީ މަނީ ލޯންޑަރިންގެ އެހެން މައްސަލަތަކުގައި ވެސް އަމަލުކޮށްފައިވާ އުސޫލުން ކަމަށެވެ. ކުރިން އެ ގޮތަށް އެދިވަޑައިނުގަތީ ޔާމީން ޖަލު ހުކުމެއްގައި ހުންނެވުމުން އެދިވަޑައިގަތުމުގެ ސަބަބެއް ނެތުމުން ކަމަށްވެސް ދައުލަތުން ވިދާޅުވެއެވެ.
އެ ވާހަކަތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ މިއަދު ހަވީރު 4:00 ގައި މި މައްސަލައާ ގުޅޭގޮތުން އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އެއީ ގޮތެއް ނިންމަވާފައި އިއުލާން ކުރައްވަން ބާއްވާ އަޑުއެހުމެކެވެ.
ރައީސް ޔާމީނުގެ އިތުރުން މިމައްސަލައިގައި އެމަނިކުފާނާއެކު މަނީލޯންޑަރ ކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ ދައުވާލިބޭ ކްރިކް ރިޒާއާއި، ސަން އިންވެސްޓްމަންޓުގެ އިތުރުން، ސަން ކޮންސްޓްރަކްޝަންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންވެސް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ.
ރައީސް ޔާމީންގެ ޕާސްޕޯޓް ހިފަހައްޓަން އެދިފައި މިވަނީ، ހިޔާނާތުގެ މައްސަލައިގައި ފުރަތަމަ ކުރި ދައުވާ ސާބިތުވެ ދަށު ކޯޓުން ރައީސް ޔާމިންގެ މައްޗަށް އިއްވި 5 އަހަރުގެ ޖަލު ހުކުމް މިފަހުން ސުޕުރީމް ކޯޓުން ބާތިލުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ޔާމިން މިވަގުތު ހުންނެވީ މިނިވަނެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ