ކޮމަންޑޫގެ ފުޓްބޯޅަ ދަނޑުގެ މަޝްރޫއު އިފްތިތާހު ކޮށްފި

ށ. ކޮމަންޑޫގައި ފުޓްބޯޅަ ދަނޑު ހެދުމުގެ މަޝްރޫއު މިއަދު އިފްތިތާހު ކޮށްފިއެވެ.
އެ ރަށުގައި ފުޓްބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތްކުރަން ޔޫތު މިނިސްޓްރީން ނިންމާފައިވަނީ، ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން އިއުލާނުކޮށްފައި ވަނިކޮށެވެ.
މިކަމަށްޓަކައި ކޮމަންޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށުގެ ފުޓްބޯޅަ ދަނޑު އެޅުމުގެ މަޝްރޫއުގެ މަސައްކަތްތައް އިފްތިތާހު ކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފެވެ.
އެ މަޝްރޫއުގެ ދަށުން، ކޮމަންޑޫ ދަނޑުގެ ސަބްބޭސް އެޅުމާއި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި މި މަސައްކަތް ކުރަން ހަމަޖެހިފައިވަނީ، އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކަމަށްވެސް ބުންޏެވެ.
ކޮމަންޑޫގައި ފުޓްބޯޅަ ދަނޑު އެޅުމުގެ މަސައްކަތް އިފްތިތާހުކުރިއިރު، ކޮމަންޑުއާއި އެ ރަށާ އެއް ފަޅެއްގައި އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ މަސައްކަތްތައް މިއަދު ވަނީ ފަށާފައެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އޮންނައިރު، ބައި އިލެކްޝަން އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައި މަޝްރޫއުތައް އިއުލާނުކޮށް ފަށާފައިވާތީވެ، ސަރުކާރާ ވާދަވެރި ޕާޓީތަކުގެ ކެންޑިޑޭޓުން ވަނީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ