ރައީސް ނަޝީދުގެ ބަހެއް ތަހުގީގަށް އަދި ނުލިބޭ: ފުލުހުން

މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އެ ހަމަލާ އަމާޒުވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބަހެއް އަދި ލިބިފައިނުވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ މެއި ހައެއްގެ ހަމަލާއާ ގުޅިގެން ތަހުގީގަށް ލިބިފައިވާ ބައެއް މައުލޫމާތުތައް އިތުރަށް ޔަގީން ކުރުމުގެ ގޮތުން ނަޝީދުގެ ބަހެއް ބޭނުންވާ ކަމަށާއި ނަމަވެސް ނަމަވެސް އެމަނިކުފާނުގެ ބަހެއް ތަހުގީގަށް އަދި ލިބިފައި ނުވާ ކަމަށެވެ.އެގޮތުން އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދެވިއިރުވެސް ނަޝީދުގެ ފަރާތްޕުޅުން މައުލޫމާތު ހޯއްދެވުމަށް މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެއީ ހަމަލާގެ ވަރަށް ކުރީކޮޅަށް ވުމާއި އަދި ފަރުވާ ހޯއްދަވަމުން ގެންދިޔުމާ ގުޅިގެން އެމަނިކުފާނު އެކަމަށް އިއުތިރާޒު ކުރެއްވި ކަމަށް ރިޔާޒު ވިދާޅުވިއެވެ.އަދި މައްސަލާގައި ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޝަން ފައިލް ތައްޔާރު ކުރަން ފެށުމާއެކު ތަހުގީގަށް ބަޔާނެއް ދެއްވަން ދަތިފުޅުވާނަމަ ސިޓީ އަކުން ނުވަތަ އީ-މެއިލް މެދުވެރިކޮށް ބަހެއް ހޯދުމަށް ނަޝީދުގެ އަރިހުން އެދިފައިވާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ."ޑިފެންސް މިނިސްޓަރަށް މައުލޫމާތު ލިބިފައިވާ ކަމަށް އަޅުގަނޑުމެންނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތު އެނގޭ. އެކަމާއި ގުޅޭގޮތުން ބަލަންޖެހޭ ބެލުންތައް އަޅުގަނޑުމެން ބަލަމުން މި އައީ. ސުވާލުކުރަން ޖެހޭ މީހުންނާއި ސުވާލު ކުރެވިއްޖެ. އެ މައުލޫމާތާއި ގުޅިގެން ބައެއް ކަންކަން ވެރިފައި ކުރުމަށްޓަކައި އަޅުގަނޑުމެން މައުލޫމާތު ސާފުކުރަން ޖެހޭ ސީދާ ރައީސް ނަޝީދުގެ އަރިހުންވެސް. ދެން މި ތަހުގީގަށް މިހާތަނަށް މި ތަހުގީގަކަށް ރައީސް ނަޝީދުގެ ފަރާތްޕުޅުންނެއް އަދި ބަހެއް ލިބިފައެއް ނެތް،"މުހައްމަދު ރިޔާޒު ވިދާޅުވީ ނަޝީދަށް ހަމަލާދިނީ ފާރަލައިގެން ކަމަށާއި އެމަނިކުފާނުގެ މޫވްމަންޓު ލީކުވެފައިނުވާކަމަށް ޔަގީން ކަމަށެވެ.އެ ހަމަލާ ދިނުމަށް ބޭނުންވާ ސައިކަލު ފަދަ ތަކެތި ގަތުމުގެ އިތުރުން ހަމަލާ ދިނީތީވެ އިނާމެއްގެ ގޮތުން ފައިސާ ދީފައިވާކަން މިހާތަނަށް ބެލެވެން ނެތް ކަމަށް ވެސް ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.މީގެއިތުރުން ރިޔާޒު ވަނީ ނަޝީދަށް ހަމަލާ ދިން މީހުންނާއި، އެމަނިކުފާނަށް ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ ރަށްޓެއްސަކު އޭނާއާ ހިއްސާކުރި މައުލޫމާތުގައި ބުނާ ހަމަލާއާއި އެއްވެސް ގުޅުމެއް ނުވާ ކަމަށްވެސް ވިދާޅުވެފައެވެ."މިހާތަނަށް ސީދާ ގޮތުން އެ މައުލޫމާތާއި މި މައްސަލާގައި މި ހަމަލާ ދިން މީހުންގެ އަމަލާ ސީދާ ގޮތުން ގުޅުވޭނެ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ފެނިފައި ނުވާކަން އަޅުގަނޑު ފާހަގަ ކޮށްލަން،" ރިޔާޒް ވިދާޅުވި އެވެ.މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އާއްމު މީހެއްގެ ފަރާތުން އިލްޔާސް ލަބީބަށް މައުލޫމާތު ލިބުނީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ތިން މިލިއަން ޑޮލަރު ހަރަދުކޮށްގެން ބަޔަކާ ހަވާލުކޮށްފައިވާ ކަމެވެ. އެ މައުލޫމާތު ނަޝީދުގެ އިތުރުން މިނިސްޓަރު މާރިޔާއާ ހިއްސާކުރެއްވި އިލްޔާސް ވެސް ވަނީ ވިދާޅުވެފަ އެވެ.މިނިސްޓަރު މާރިޔާ ވެސް ވަނީ ހަމަލާއެއްގެ މައުލޫމާތު އުޅޭކަން އިލްޔާސް އެންގެވި ކަމަށާއި ލަފާ ދެއްވީ ފުލުހުންނަށް ރިޕޯޓްކުރަން ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އިލްޔާސް ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އޭނާއަށް ލިބިވަޑައިގަތް މައުލޫމާތު ފުލުހުންނަށް ރިޕޯޓްކުރާކަށް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.މިރޭ ބޭއްވި ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ހަމަލާގެ ތަހުގީގުގައި އިލްޔާސް ދިން މައުލޫމާތުތަކަށް ބެލިއިރު އެފަދަ ހެއްކެއް ނުފެންނަ ކަމަށެވެ."މިހާތަނަށް ސީދާ ގޮތުން އެ މައުލޫމާތާއި މި މައްސަލާގައި މި ހަމަލާ ދިން މީހުންގެ އަމަލާ ސީދާ ގޮތުން ގުޅުވޭނެ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ފެނިފައި ނުވާކަން އަޅުގަނޑު ފާހަގަ ކޮށްލަން،" ރިޔާޒް ވިދާޅުވި އެވެ.މިރޭގެ ނޫސްވެރިންގެ ބަންދުލުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެ މައްސަލާގައި ހައްޔަރުގައި ތިބި މީހުންގެ ވަނަވަރާއި އެ މީހުންގެ ދައުރު ހާމަ ކުރައްވައިފަ އެވެ.މި ހަމަލާއާ ގުޅިގެން ޖުމްލަ 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރުމަށް މިހާރު ވަނީ ފޮނުވައިފަ އެވެ. އެއީ، ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި އަހުމަދު އަދުހަމް އާއި މުޖާޒް އަހްމަދުގެ އިތުރުން ތަހުމީން އަހްމަދު، 32، އާއި އަހުމަދު ފާތިހު، 23، އެވެ.ދެން ބަންދުގައި ތިބީ މ. ކުދެހިގޭ، އިސްހާގާއި ގއ. ވިލިނގިލީ، ހުދުރުމާގޭ، ފަހުމީ އަލީ އާއި ނ. މަނަދޫ ނޫރީގޭ، އަލީ ހައިޝަން އެވެ. އޭގެ އިތުރުން އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި ހއ. މޮޅަދޫ، ބަހާރުގޭ އަބްދުﷲ އަލިމަނިކު ވެސް ހުރީ އެ މައްސަލަގައި ހައްޔަރުކޮށްފަ އެވެ.ފުލުހުން ވަނީ މިރޭގެ ބައްދަލުވުމުގައި އެތަނުން ކޮންމެ މީހަކު ހަމަލާގައި އަދާކުރި ދައުރުތަކާ ގުޅޭގޮތުންވެސް ތަފްސީލު ދެއްވާފައެވެ.ބޮމުގެ ހަމަލާގައި ރައީސް ނަޝީދަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ. އެ ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެއްވުމަށް ފަހު އިތުރު ފަރުވާއަށް އެ މަނިކުފާނު ވަޑައިގެންނެވީ ޖަރުމަނަށެވެ. އެ ގައުމުގައި މަހަކަށް ވުރެ ގިނަ ދުވަހު ފަރުވާ ހޯއްދެއްވުމަށް ފަހު މިދިޔަ ހުކުރު ދުވަހުން ފެށިގެން އެ މަނިކުފާނު ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ