އިސްތިއުފާއަށް ގޮވުމުގެ ކުރިން ޖަލުގެ މަސައްކަތް ފައްޓައިދީ: މެމްބަރު ރާއީ

ރައްޔިތުންނާއެކު ނިކުމެ ހޯމް މިނިސްޓަރުގެ އިސްތިއުފާއަށް ގޮވުމުގެ ކުރިން ސަރުކާރުން އެ ރަށުގައި ހަދަން ނިންމި ޖަލުގެ މަސައްކަތް ފެށުމަށް އެ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ވަނީ ޕީއެސްއައިޕީގެ ދަށުން ގިނަ މަޝްރޫޢުތައް ނުހިނގާ ކަން ފާހަގަކުރައްވާ ސަރުކާރުން ނޭކުރެންދޫގައި ޖަލެއް ހެދުމަށްޓަކައި 2019 ވަނަ އަހަރުން ފެށިގެން ބަޖެޓުކުރަމުންދާ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ތިން އަހަރު ފާއިތުވެގެންދިޔައިރު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެއްވެސް މަސައްކަތެއް އެކަމުގައި ކުރެވިފައިނުވާ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީއަށް ނިސްބަތްވާ މެމްބަރަކު ނެތުމަކީ އެއީ އޭނާގެ މައްސަލައެއް ނޫން ކަމަށާއި އަދި ކުރިއަށް އޮތް ވިހި އަހަރުގައިވެސް އަދާލަތު ޕާޓީގެ ބޭފުޅަކަށް މަޖިލީހުގެ މެމްބަރު ކަމަށް ނާދެވޭނެ ކަމަށްވެސް މެމްބަރު ރާއީ ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާންއަކީ އެމްޑީޕީގެ މެމްބަރުންގެ އެހީތެރިކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވާ މެމްބަރު ވަނީ މަކުނުދޫގައި ހަދަން ނިންމި ޖަލުގެ މަސައްކަތް ކުރުމަށް މިނިސްޓަރ އިމްރާން އަށް ގޮވާލާފައެވެ.
މެމްބަރު ރާއީގެ ނުރުހުން މިނިސްޓަރ އިމްރާންއަށް އަމާޒުވިއިރު ނޭކުރެންދޫގައި ހަދާ ޖަލާއި ގުޅޭގޮތުން މިނިސްޓަރ އިމްރާން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުވެސް މަޖިލީހަށް ހާޒިރުކޮށްފައެވެ.
އެދުވަހު މިނިސްޓަރ އިމްރާން ވިދާޅުވީ މިއަހަރުގެ ދައުލަތުގެ ޕްރޮޖެކްޓްތައް ޕްރައިވަޓައިޒް ކުރުމުގެ މަޝްވަރާގެ ތެރޭގައި ނޭކުރަންދޫގެ ޖަލުގެ މަސައްކަތުގެ މުހިންމުކަމުގެ ވާހަކަ ވާނީ ދައްކާފައި ކަމަށެވެ.
ސަރުކާރުން ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލަކީ މުޅި ޕްރިޒަން ރިފޯމް ކުރުމުގެ އެޖެންޑާގެ ތެރެއިން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަން ނިންމާފައިވާ ބޮޑު މަޝްރޫޢެއް ކަމަށްވުމުން މިއަހަރުގެ ދައުލަތުގެ ޕްރޮޖެކްޓްތައް ޕްރައިވަޓައިޒް ކުރުމުގެ މަޝްވަރާގެ ތެރޭގައި ނޭކުރަންދޫގެ ޖަލުގެ މަސައްކަތުގެ މުހިންމުކަމުގެ ވާހަކަ ދެއްކުމުން ރައީސް އޮފީހުންވެސް ވަނީ މިމަސައްކަތަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވެފައި މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުގެ ބަޖެޓުން ސަތާރަ މިލިއަން ހަތަރުލައްކަ ރުފިޔާ ކަނޑައެޅި އެމަސައްކަތް ރައީސް އޮފީހުން ހޯމް މިނިސްޓްރީއާއި 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ހަވާލުކުރި ކަމަށްވެސް މިނިސްޓަރ ވަނީ މީގެކުރިން ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ