ޔާމީންގެ އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނަގައިދޭން އެދިއްޖެ

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މިލްކިއްޔާތުގައި ހުރި، އެމަނިކުފާނުގެ އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމުގެ އަމުރަކަށް، ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ. މިފަދަ އަމުރަކަށް ދައުލަތުން އެދިފައި ވަނީ، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގަ އެވެ. އެ ދެ ދައުވާތައް އެމަނިކުފާނުގެ މައްޗަށް އުފުލާފައި ވަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ. އެގޮތުން ރިޝްވަތުގެ ދައުވާ އުފުލާފައި ވަނީ ކްރިކް އަހްމަދު ރިޒާއަށް ފުއްގިރި ކުއްޔަށް ދިނުމުގައި ދެ ދުވަހެއްގެ މަތިން 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކޮށް، އޭގެ ތެރެއިން 1.1 މިލިއަން، ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށް، ރިޝްވަތު ގަބޫލުކޮށްފައި ވާތީ އެވެ. "ދައުލަތުގެ ފަރާތުން ދައުވާ އުފުލާފައި މިވަނީ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރިޝްވަތުގެ ގޮތުގައި ބަލައިގެންފައިވާ 1.1 މިލިއަން ޑޮލަރާއި މީނާގެ މިލްކިއްޔާތުގައި ހުރި މީނާގެ އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދެއްވުން އެދެން،" ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ. މިއީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާ ދެ މަހާ 12 ދުވަހުގެ މުއްދަތަށް ޖަލަށް ލުމެވެ. ދައުލަތުން ދައުވާ އިއްވުމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ދައުވާ ސާފުނުވާ ކަމަށެވެ. ސާފުނުވަނީ ދައުވާގެ ކޮން ކަމެއްތޯ އިސް ގާޒީ އަހުމަދު ޝަކީލް ސުވާލުކުރެއްވުމުން ރައީސް ޔާމީން ވިދާޅުވީ މައްސަލައާ ގުޅުންހުރި ލިޔުންތައް ލިބިފައި ނުވާތީ ސާފު ނުވަނީ އެމަނިކުފާނާ އެ މައްސަލައާ ގުޅޭ ގޮތް ކަމަށެވެ. "ސާފު ނުވަނީ އޭގަ ވިދާޅުވާ ވާހަކަތަކުގެ، އަޅުގަނޑާ އެކަމާ ގުޅުންހުރި ލިޔުންތައް އަޅުގަނޑަށް ނުލިބޭތީ އެއަށް އެއްޗެއް ދަންނަވަން ނޭނގޭތީ ދައުވާ ސާފު ނުވަނީ. އަޅުގަނޑާ އެ މައްސަލައާ ގުޅޭގޮތް ސާފުނުވަނީ،" އެމަނިކުފާނު ވިދާޅުވި އެވެ. ޔާމީންގެ ދިފާއީ ވަކީލުން ވިދާޅުވީ ދައުވާގައި ގިނަ ފަރާތްތަކެއްގެ ނަން ބަޔާންކޮށްފައި ވީނަމަވެސް، އެ ފަރާތްތަކާ ދައުވާ ލިބޭ ފަރާތާ ގުޅޭ ގޮތެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ. ދައުލަތުން ދެވަނަ ފަހަރަށް ދައުވާ ސާފުކޮށްދިނުމުން ވެސް ރައީސް ޔާމީންގެ ފަރާތުން ވިދާޅުވެފައި ވަނީ ދައުވާ ސާފުނުވާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މައްސަލައިގައި ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައި ވަނީ ކުށުގެ ބައިވެރިން ކަމަށާއި އެމީހުންގެ ހެކިބަހަށް ރިއާޔަތް ނުކުރެވޭނެ ކަމަށެވެ. އަދި ފުއްގިރި ދޫކުރުމުގެ މައްސަލަ ކުރިން ވެސް އެކި މުއައްސަސާތަކުން ބަލާފައިވާ ކަމަށާއި އެހެން ނަމަވެސް އޭރު އެމަނިކުފާނުގެ މައްޗަށް އެއްވެސް ތުހުމަތެއް ނުކުރާ ކަމަށް ވިދާޅުވިއެވެ. އަދި އެ ތުހުމަތު ފަހުން ކުރެވުނީ "ބަޔަކާ" އެކު ހެދި އިއުތިރާފު އެއްބަސްވުމުންތަކެއްގެ ފަހުން ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް ގާޒީ ވަނީ ހެކި ހުށަހެޅުމުގެ މަރުހަލާގައި އެކަންކަން ފާހަގަކުރުމަށް ވިދާޅުވެފަ އެވެ. ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލީ، ފުއްގިރީގެ މުއާމަލާތުގައި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމަށް ބުނާ 1.1 މިލިއަން ޑޮލަރު، ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އެ ފައިސާ 36 މަސް ދުވަހަށް އިންވެސްޓް ކޮށްފައިވާތީ އެވެ. ރައީސް ޔާމީން ވިދާޅުވީ ކްރިކް ރިޒާއަށް ލިބުނު ފައިސާ އާއި އެމަނިކުފަނުގެ އެކައުންޓަށް ޖަމާވިކަމަށް ބުނާ ފައިސާ އާ ހުރި ގުޅުން ދައުލަތަށް ބުނެ ނުދެވޭ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓަށް ފައިސާ ޖަމާކުރީ ޑޮލަރު މާރުކުރުމަށް ކަމަށާއި، އެއީ ކުށެއް ނޫން ކަމަށެވެ. އަދި މީހެއްގެ އަތުގައި ހުންނަ ދިވެހި ފައިސާ ބޭރު ފައިސާއަކަށް ބަދަލު ކުރުމަކީ ވިޔަފާރިއެއް ކަމަށް ދައުލަތުން މާނަކޮށް މީހުންނަށް ކުށުގެ ތުހުމަތު އުފުލާނަމަ، ހައްޖަށް ދާ އެންމެން ވެސް ޑޮލަރު ގަންނަނީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ބައެއް މައުލޫމާތުތައް ހޯދަން އެދުމުން އެ މައުލޫމާތު ލިބިފައިނުވާތީ އާއި ޕީޖީ އޮފީހުގައި އެދުނު ބައެއް މައުލޫމާތުތައް ނުދޭން އެ އޮފީހުން ނިންމާފައިވާ ނުވާތީ ޝަރީއަތް މެދުވެރިކޮށް އެ ލިޔުންތައް ހޯދައި ދިނުމާ ބެހޭގޮތުން ގޮތެއް ނިންމައިދިނުމަށް އެމަނިކުފާނުގެ ވަކީލުން މިއަދު އެދިވަޑައިގަތެވެ. ނަމަވެސ ގާޒީ ނިންމެވީ މިހާރު ހުރި ލިޔުންތަކާ އެކު ދައުވާއަށް ޖަވާބުދާރީވުމުގެ މަރުހަލާ ކުރިއަށް ގެންދެވޭނެ ކަމަށާއި، ޝަރީއަތް ކުރިއަށްދާ މިންވަރަކުން އިތުރު ލިޔުންތައް ހޯދަންޖެހޭ ނަމަ، އެކަމަށް ނެރެންޖެހޭ އަމުރު ނެރެދެއްވާނެ ކަމަށެވެ. ދައުވާއަށް ޖަވާބުދާރީވުމުގެ އަޑުއެހުން އޮންނާނީ މި މަހުގެ ފަހުކޮޅު އެވެ. އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ، އެމަނިކުފާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ. އެ ހުކުމް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވާއިރު، މައްސަލައިގެ ހުކުމް އިއްވުން މި މަހުގެ 14 ވާ ބުރާސްފަތި ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ