އިޓަލީ ވިލާތުގެ ކުކުޅާއި ޓާކީ ފިޔަވައި އެހެނިހެން އެއްގަމު މަހުގެ ސަލާމީ ރައްޖޭގައި ނުވިއްކަން އަންގައިފި

އިޓަލީ ވިލާތުގެ ކުކުޅާއި ޓާކީ ފިޔަވައި އެހެނިހެން އެއްގަމު މަހުގެ ސަލާމީ ރައްޖޭގައި ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީއިން އަންގައިފިއެވެ.
އެ އޮތޯރިޓީ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ސެލްމޮނެއްލާ ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް އުފެއްދުމެއްކަމަށްވާ އިޓަލީ ވިލާތުގެ ސަލާމީ ރާއްޖެއަށް އެތެރެވެފައިވާކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން ވަނީ އެމްއެފްޑީއޭ އަށް އަންގާފައިކަމަށެވެ. އަދި އެކަމާއި ގުޅިގެން އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު އެ އޮތޯރިޓީން ބަލަމުންދާ ކަމަށްވެސް އެމްއެފްޑީއޭ އިން ނެރުނު ބަޔާނުގައިވެއެވެ.
އެހެން ކަމުން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އިޓަލީ ވިލާތުގެ ކުކުޅާއި ޓާކީ ފިޔަވައި އެހެނިހެން އެއްގަމު މަހުގެ ސަލާމީ އެ އޮތޯރިޓީން ވަކިގޮތެއް އަންގަންދެން ރައްޖޭގައި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ.
ސެލްމޮނެއްލާ ޖަރާސީމުން ތަޣައްޔަރުވެފައިވާ ކާނާ ކެއުމުން ބޭރަށް ހިންގައި ހޮޑުލެވު ހުންއައުން ފަދަކަންކަން ދިމާވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ