އެސްޑީއެފްސީން މިދިޔަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ވިޔަފާރިތަކަށް އެހީވި

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ހިންގާފައި އޮތް ލޮކްޑައުންއަށްފަހު އެސްޑީއެފްސީގެ ހިދުމަތްތައް އަލުން ފެށި ފަހުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 420 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
އެސްޑީއެފްސީން މިކަން ހާމަކޮށްފައިވަނީ އެކުންފުނީގެ މިދިޔަ އަހަރުގެ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެމުންނެވެ.
އެސްޑީއެފްސީން ބުނީ ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ލުޔެއްހޯދުމުގެ ގޮތުން ނިމިދިޔަ އަހަރު ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އެގޮތުން ސަރުކާރުގެ އިޤްތިސާދީ ރިކަވަރީ ޕެކޭޖްގެ ދަށުން ކޮވިޑް-19 ވިޔަފާރި އެހީގެ ނަމުގައި މިނިސްޓްރީ އޮފް ފިނޭންސް އާއި ގުޅިގެން އެސްޑީއެފްސީއިންވަނީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ގިނަގުނަ ފުރުސަތުތަކެއް ފަހިކޮށްދީފައިކަމަށް އެ ކުންފުނިން ބުނެއެވެ.
އެގޮތުން 2205 ފަރާތަކަށް 381 މިލިއަން ރުފިޔާގެ ލޯނުއެހީ ދޫކޮށްފައިވާކަމަށް އެސްޑީއެފްސީން މައުލޫމާތުދެއެވެ. މި ލޯނުތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީދަތިތަކަށް ލުޔެއް ލިބި، އެފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވެދެވުނުކަން އެސްޑީއެފްސީން ފާހަގަކުރެއެވެ.
މީގެ އިތުރުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ އަހަރު ކޮވިޑް-19 އާއި ގުޅިގެން ހިންގާފައި އޮތް ލޮކްޑައުންނަށްފަހު އެ ކުންފުނީގެ އޮޕަރޭޝަންސް ފަށާ، ކޮވިޑުގެ ނާޒުކު ހާލަތުގައިވެސް އިތުރު 305 ފަރާތަކަށް ޖުމްލަ 420 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް އެސްޑީއެފްސީއިން ވަނީ ބުނެފައެވެ.
އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުންހުރި ވިޔަފާރިތަކަށާއި ކޮމާޝިއަލް ވިޔަފާރިތަކަށް ކަމަށް އެސްޑިއެފްސީން ހާމަކުރެއެވެ.
އަދި ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންއާއި އެއްގޮތްވާގޮތުގެ މަތީން އެސްޑީއެފްސީއިން މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކުގެ 33 އިންސައްތަ ލޯނަކީ އަންހެނުންނާއި ޒުވާނުންނަށް ދޫކޮށްފައިވާ ލޯނުތައް ކަމަށް އެސްޑިއެފްސީން މައުލޫމާތުދެއެވެ. މިއަދާއި ހަމައަށް މުޅިރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 144 ރަށެއްގައި ވިޔަފާރި ހިންގާ ކުރިއެރުވުމަށް އެސްޑީއެފްސީއިންވަނީ ލޯނު ދޫކޮށްފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.
2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި، ފައިނޭންސިން ވިޔަފާރި ކުރުމަށް ބޭނުންވާ ފައިނޭންސިން ބިޒްނަސް ލައިސަންސް ދޫކޮށްފައިވާއިރު، އެސްއެމްއީ ބޭންކް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ. އެއާއެކު ކުދިއަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ލޯނުތައް ވަނީ ދޫކުރަން ފަށާފައެވެ.
އެސްޑީއެފްސީއަކީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން މި ސަރުކާރުން ގާއިމްކުރި ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ