ރާއްޖޭގެ އުތުރު ފިޔަވައި އެހެން ހިސާބުތަކަށް މޫސުން ގޯސް

ރާއްޖޭގެ ބޮޑު ބަޔަަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ވަނީ އއ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ހަމައަށް މޫސުން ގޯސްވާނެކަމަށް ބުނެފައެވެ. އެ ސަރަހައްދަށް މެޓް އޮފީހުން ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ.
މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު، ގުގުރުން އެކަށީގެންވާ ކަމަށާއި، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައި ވެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 5 ފޫޓާ ދެމެދުގައި ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މާދަމާ ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުުގުރުން އެކަށީގެންވާ ކަމަށެވެ.
ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ދެކުނާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވާރޭވެހޭނެކަމަށް ލަފާކޮށްފައިވާ އިރު، މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވާރެއާއެކު ގުގުރާނެކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ޖޫން، ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު ގައި ވާރޭ ވެހޭ މިންވަރު ގިނަ ހިސާބަކަށް މިދުވަސްވަރު އާންމުކޮށް ވެހޭ ވަރަށްވުރެ އިތުރު ވާނެކަމަށް ބެލެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ