ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް 2 ހަފްތާއަށް ސަސްޕެންޑްކޮށްފި

ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީން ނިންމައިފިއެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަނުން އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ސަސްޕެންޑް ކުރުމަށް ނިންމީ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ޖަމްޢިއްޔާއެއް އުފައްދައި އެ ޖަމްޢިއްޔާގައި ހަރަކާތްތެރިވެފައިވާކަން ސާބިތުވުމުންނެވެ. އަދި، ތަފްރީޤް ކޮށްފައިވާ ކައިވެންޏެއް ރުޖޫޢަކޮށްދިނުމުގައި ފަނޑިޔާރެއްގެ ހައިސިއްޔަތުން ބަލަންޖެހޭ ވަރަށް ބަލާފައި ނުވާކަމާއި އަދި ބަހައްޓަންޖެހޭ ފަރުވާތެރިކަން ބަހައްޓާފައި ނުވާކަން ފަނޑިޔާރު ޢަލީ އާދަމްގެ މައްޗަށް ސާބިތުވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.
މީގެ އިތުރުން ޢަލީ އާދަމް އުފެއްދި ޖަމްޢިއްޔާއިން އިސްނަގައިގެން ހދ.ކުޅުދުއްފުށީގައި ބޭއްވި ހަރަކާތެއްގައި އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ޢަމަލީ ގޮތުން ބައިވެރިވެފައިވާތީ، އެ ހަރަކާތަކީ ސިޔާސީ ޙަރަކާތެއްގެ ގޮތުގައި އާންމުން ދެކުމުގެ ފުރުސަތު އޮތް ޙަރަކާތެއްކަމަށާއި، ޢަލީ އާދަމްގެ ފޭސްބުކް އެކައުންޓުން އެ ހަރަކާތް އިޝްތިހާރު ކުރުމަށް މަސައްކަތް ކޮށްފައިވާކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.
އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ ފޭސްބުކު ޕޭޖުގައި ހިއްސާކޮށްފައިވާ ފޮޓޯތަކާއި ފާޅުކޮށްފައިވާ ޝުޢޫރުތަކަކީ އޭނާ ހިއްސާކޮށްފައިވާ ތަކެތިކަމަށް ބުނެ ކޮމިޝަންގައި އިޢުތިރާފު ވެފައިވާކަމަށާއި، އެއީ ސިޔާސީގޮތުން ފާޅުކޮށްފައިވާ ޚިޔާލުތަކާއި ޝުޢޫރުތަކެއްކަމަށް އާންމުން ދެކުމުގެ ފުރުސަތު ފާޅުކަން ބޮޑުގޮތެއްގައި އޮތް ކަމަކަށްވާތީ ފަނޑިޔާރެއްގެ ހައިސިއްޔަތުން ނުވަތަ ފަނޑިޔާރެއްގެ މަޤާމުގައި ހުރި މީހަކު ކޮށްގެންނުވާނެފަދަ ޢަމަލެއް އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ކުރިކަން ސާބިތުވާކަމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.
އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ މި ޢަމަލުތަކަކީ، ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކޮށްފައިވާ ޢަމުލުތަކަކަށްވާތީ، ޖޭއެސްސީގެ ޤާނޫނުގެ ދަށުން، މުސާރައާއި ޢިނާޔަތްތައް ނުލިބޭ ގޮތަށް ދެ ހަފްތާގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް އެ ކޮމިޝަންގެ ބައްދަލުވުމުގައިި ވަނީ ނިންމާފައެވެ.
އަލީ އާދަމް ސަސްޕެންޑްކޮށްފައި ހުންނަ މުއްދަތުގައި ހދ.ޖުޑީޝަލް ދާއިރާ ހިންގުން ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު އިސްމާޢީލްއާ ޙަވާލުކުރުމަށްވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ