ފުލުހުން ބަލަމުންދަނީ ފަނޑިޔާރު އަލީ ހަމީދު ޖިންސީ ގުޅުން ހިންގާ ކަމަށް ތުހުމަތުކުރެވޭ ވީޑިއޯއެއްގެ މައްސަލަ
ފަނޑިޔާރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލައަކަށް ފުލުހުން ބަލަމުން ގެންދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޖިންސީ ގުޅުން ހިންގާ ކަމުގެ ތުހުމަތުކުރެވޭ ވީޑިއޯއެއްގެ މައްސަލަ ކަމަށް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ. "ހަވީރަ"ށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނަރު ވިދާޅުވީ އަލީ ހަމީދު ޖިންސީ ގުޅުން ހިންގާކަމުގެ ތުހުމަތު ކުރެވޭ ވީޑިއޯއެއްގެ މައްސަލަ ބަލަމުންދާއިރު އެ ވީޑިއޯ ނެގި މީހުންނާއި އެ ވީޑިއޯ ބޭނުންކޮށްގެން ބްލެކްމެއިލް ކުރި ކަމަށް ތުހުމަތުކުރެވޭ ބައެއްގެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުން ކަމަށެވެ. "މި ވީޑިއޯއާ ގުޅޭ ގޮތުން ވަށައިގެން ހިނގާ ހުރިހާ މައްސަލައެއް ވެސް އަޅުގަނޑުމެން ބަލަމުން ދަނީ،" ރިޔާޒް ވިދާޅުވި އެވެ. މި މައްސަލާގައި ފަނޑިޔާރު އަލީ ހަމީދު ފުލުސް އޮފީހަށް ހާޒިރުކުރާނެތޯ ދެންނެވުމުން ކޮމިޝަނަރު ވިދާޅުވީ ތަހުގީގަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ފުލުހުން އަޅާނެ ކަމަށެވެ. އަދި އެކަމަށް ފުލުހުން ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. "މި މައްސަލައިގެ ތަހުގީގުގައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ. ތަހުގީގުގައި މިވެނި ކަމެއް ކުރާނެއޭ، ނުކުރާނެއޭ ކުރިއަކުން ނުބުނާނެ،" ރިޔާޒް ވިދާޅުވި އެވެ. އަލީ ހަމީދު ޖިންސީ ގުޅުން ހިންގާ ކަމުގެ ތުހުމަތުކުރެވޭ ވީޑިއޯއެއްގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނިއިރު، ފަނޑިޔާރެއްގެ ބަރަހަނާ ވީޑިއޯއެއްގެ ތަހުގީގަށް ގޯލްޑަން ލޭންގެ ޑިރެކްޓަރެއް ކަމަށް މުހަންމަދު ސައީދު ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އާއި ހޮނިހިރު ދުވަހު ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އަދި އަލީ ހަމީދާއި ސައީދު މަޝްވަރާ ކުރައްވަން ތިއްބަވަނިކޮށް ނަގާފައިވާ ވީޑިއޯއެއް ވެސް ވަނީ ލީކްކޮށްލައިފަ އެވެ. މީގެ އިތުރުން ދައުލަތުގެ އިސް ވެރިންތަކެއްގެ ބަރަހަނާ ވީޑިއޯއެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމާއި އޭގެ ވިޔަފާރިކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައުސިން މިނިސްޓްރީގެ އޭރުގެ އެޑްވައިޒަރު އަހުމަދު ފާއިޒް ވަނީ ހައްޔަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ