ގައިޑްލައިނާ ހިލާފަށް އިންތިހާބެއް ނުބޭއްވޭނެ: ގާސިމް

ރިޔާސީ ރޭހަށް ނިކުންނެވީ ބޭފުޅަކު ވިދާޅުވާއިރަށް ރިޔާސީ ރޭހުން ފަހަތަށް ޖެހިވަޑައިގެންނެވުމަށް ނޫންކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މާފަންނު ކުނޫޒްގައި މިއަދު ބޭއްވި ޖުމްހޫރީ ގުޅުމުގެ ނޫސްވެރިންގެ ބައްދަލްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނު ރިޔާސީ ރޭހަށް ނިކުންނެވީ އެންމެ ސަބަބަކަށްޓަކައި ކަމަށެވެ.
ގާސިމް ވިދާޅުވީ ރިޔާސީ ރޭހުގައި އެމަނިކުފާނު ވާދަކުރެއްވުމަށް ރައްޔިތުން ބޭނުންވާ ކަމަށާ ރައްޔިތުން ބޭނުންވާ މަންޒިލަށް ގައުމު ގެންގޮސްދިނުމަށް އެމަނިކުފާނުވެސް ބޭނުންފުޅުވާ ކަމަށެވެ.
ރިޔާސީ ރޭހަށް ނިކުންނެވީ އެ މަގުސަދުގައި އެކަން ކުރެވޭނެކަމުގެ ސައްތައިން ސައްތަ ޔަގީންކަން އޮތުމުން ކަމަށާ އެހެންކަމުން ބޭފުޅަކު ހަމަ ވިދާޅުވާއިރަށް ރިޔާސީ ރޭހުން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނު ރިޔާސީ ރޭހުން ފަހަތަށް ޖެހިވަޑައިގަތުމަށްވުރެ މީގެ ކުރިން ވެރިކަން ކުރަން ފުރުސަތު ލިބި އަދި އެކަން ނުކުރެވޭނެކަމަށް އަމިއްލަފުޅަށް އިއުތިރާފުވުމަށްފަހު އިސްތިއުފާދެއްވި ބޭފުޅަކު ރިޔާސީ ރޭހުން ވަކިވުން މާބޮޑަށް ލާއިގުވެގެންވާ ކަމަށެވެ.
"ރާއްޖޭގައި ތިބި މަޝްހޫރު ދީނީ އިލްމުވެރިން އެ ބޭފުޅަކު ތައުބާވުމަށް ގޮވާލާފައިވާ ބޭފުޅަކު ރިޔާސީ ރޭހުގައި ވާދަކުރެއްވުމަކީ ރަނގަޅު ގޮތެއް. އެބޭފުޅަކު ޖެހޭނީ ރިޔާސީ ރޭހުން ވަކިވާން" ގާސިމް ވިދާޅުވި އެވެ.
އިންތިހާބު ބާތިލްކުރުމަށް ސުޕްރީމް ކޯޓުން އިއްވާފައިވާ ހުކުމް އަލުން މުރާޖައާ ކުރުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ގޮވާލައްވާފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ އެއީ އެންމެ ރަނގަޅު ގޮތްނަމަ ކޯޓްތަކުން އެކަން ކުރައްވަންވީ ކަމަށެވެ.
ނަމަވެސް އެއާއެކު ކޯޓެއްގެ ގާޒީއަކު ވަގަށް ނަންގަވާ ރަހީނުކުރެއްވި މައްސަލައާއި، ވެރިކަމުގައި ހުންވައިގެން ކުރައްވާފައިވާ އެހެން މައްސަލަތައް މުރާޖައާކޮށް އެކަމަށް އެންމެ އިންސާފްވެރި ހުކުމެއް އިއްވުމަކީވެސް ކޯޓްތަކުން ކުރަން އެންމެ ރަނގަޅު ކަންތައްތަކެއް ކަމަށް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އަމަލުތަކާއި ގުޅޭގޮތުން ގާސިމް ވިދާޅުވީ މަޖިލީހުގައި ކަންކަން ހިނގަމުންދާގޮތާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި، މަޖިލީހުގެ ކަންކަން އިސްލާހުކުރަންޖެހިފައިވާ ކަމަށެވެ. އަދި ހަނިގޮތަކަށް މެޖޯރިޓީ ލިބުމުން މަޖިލީހުގެ ގަވާއިދުތަކަށާއި ގާނޫންތަކަށް ގެންނަމުންދާ ބަދަލުތަކުން ރައްޔިތުން ތިބީ ކަންބޮޑުވުމެއްގައި ކަމަށާ އެފަދަ ބަޔަކަށް ވެރިކަން ލިބުމުން ދެންކަންކުރާނެ ގޮތަކާމެދު ވިސްނާލަންޖެހޭ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ވަޒީރުންނަށް ބިރުދައްކާ މިނިވަން މުއައްސަސާތަކުގެ އިސްވެރިން ކޮމެޓީތަކަށް ހާޒިރުކޮށް ސުވާލު ކުރަމުން ގެންދާއިރު އެ ކޮމެޓީގައި އެފަދަ ބޭފުޅުންނަށް ސުވާލުކުރަން ތިބި މީހުންނަކީ ޖިނާއީ ކުށްތައް ކުރައްވާފައިވާކަމުގެ ތުހުމަތުގައި ކޯޓް ތަކުގައި ދައުވާ އުފުލިފައިވާ ފަރާތްތަކަށްވާތީ އެގޮތަށް އަމަލުކުރާ ސަބަބު ވަރަށް ސާފުކަމަށްވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އިންތިހާބުގައި ވޯޓްލުމަށް ރަޖިސްޓްރީކުރަން ހުށަހެޅި ފޯމް ތަކުގައި ބޮޑެތި މައްސަލަތަކެއް އުޅޭތީ އެފޯމްތަކުގައި ހުރި މައްސަލަތައް ހައްލުކުރެވި އިނގިލީގެ ނިޝާން ސައްހަ ކުރެވެންޖެހޭނެ ކަމަށެވެ. އަދި އެއީ ސުޕްރީމް ކޯޓުގެ ގައިޑްލައިނުގައި ބުނެފައިވާ ކަމަކަށްވާތީ އެކަންކަން ރަގަޅުކޮށް އިންތިހާބު ނުބޭއްވޭނެ ކަމަށްވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ